ރައީސްގެ އިނގިރޭސިވިލާތުގެ ދަތުރުފުޅު ވަރަށް ކާމިޔާބު: އިއްތިހާދު

ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އިނގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒަބަތުގެ ތަހުތަށް 60 އަހަރު ފުރޭ މުސާބަތާ ގުޅިގެން ރައީސް މުހަންމަދު ވަހީދު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށް ސަރުކާރަށް ތާއީދުކުރާ " 23 ޑިސެމްބަރު އިއްތިހާދުން" މިއަދު ބުނެފި އެވެ.
އިއްތިހާދުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބައެއް ބޭފުޅުން ވިދާޅުވީ، ރާއްޖެއާ މެދު ކޮމަންވެލްތުން ފިޔަވަޅު އަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނިކޮށް، ރައީސް ވަހީދު އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރެއްވުމުން އެއީ ހަގީގަތެއް ނޫންކަން ސާބިތުވެއްޖެ ކަމަށެވެ.
"އަޅުގަނޑުމެންގެ ރާއްޖެ ކޮމަންވެލްތުން ވައްކެތް ވެސް ނުކުރާނެ. އަދި އަޅުގަނޑުމެންގެ ރާއްޖެއާ ދޭތެރޭގައި ކޮމަންވެލްތުން ދަތިކުރުމުގެ ފިޔަވަޅެއް ވެސް ނާޅާނެ. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ފަރާތަކުން އެއްވެސް ކަމެއް، އަދި އެއީ އެ ނޫން ކަމެއް ވިޔަސް ނުކުރާނެ ކަމުގެ ޔަގީންކަން މިހާރު އަޅުގަނޑުމެންނަށް ވަނީ ލިބިފައި،" ނަލަހިޔާ ހޮޓަލުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަޝީދަށް ދެން ރާއްޖޭގެ ވެރިކަމަކަށް ވަޑައިނުގެންނެވޭނެ ކަމަށާއި ފެބްރުއަރީ 7 ގައި އެ މަނިކުފާނުގެ ވެރިކަން ބަދަލުވީ ވެސް ބަޣާވާތަކުން ނޫން ކަމަށެވެ. އަދި މިހާތަނަށް ކަން ހިނގާފައިވާ ގޮތް ބަޔާންކޮށް ނެޝަނަލް އިންކުއަރީ ކޮމިޝަނުން ނެރުނު ޓައިމްލައިން އިން ވެސް އެކަން ވަރަށް ސާފުކަމަށް ޝަރީފު ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝޭހު އިމްރާން އަބްދުﷲ ވިދާޅުވީ ކޮމަންވެލްތާއެކު ރާއްޖެ އިން ވަރަށް މުހިންމު އަދި ބޭނުންތެރި މަސައްކަތްތަކެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ރާއްޖެ އާއި ކޮމަންވެލްތާއެކު އޮތް ގުޅުން ނަޝީދުގެ ސަރުކާރުގެ ބޭފުޅުން "ހީނަރުކޮށްލުމަށްޓަކައި" ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
އިއްތިހާދުގެ މިއަދުގެ ނިއުސް ކޮންފަރެންސްގައި ވަނީ، ރައީސް ވަހީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ފަހު މާދަމާ މާލެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި އެއް ނަމްބަރު ފާލަމަށް ދިއުމަށް އެދިފަ އެވެ.
"އަޅުގަނޑު އުންމީދު ކުރަނީ މާދަމާގެ މި ހަރަކާތާއެކުގައި އިއްތިހާދުގެ ހަރަކާތްތައް އަނެއްކާ ވެސް ހަލުއި ދުވެއްޔެއްގައި ކުރިއަށްދާން ފަށާނެ ކަމަށް. އަޅުގަނޑުމެންގެ ގިނަގުނަ މަސައްކަތްތަކެއް އެއްކޮށް ގުޅިގެން ފެށިގެންދާނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.
ޑީއާރުޕީގެ ކައުންސިލް މެމްބަރު އަދި ފިޝަރީޒް މިނިސްޓަރުގެ ނާއިބު އަލީ ސޯލިހު ވިދާޅުވީ ރައީސް ވަހީދު މާދަމާ މެންދުރު ފަހު މާލެ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުން "ގައުމީ ހަރަކާތެއްގެ" ގޮތުގައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ފެއްސާއި ރަތާ ހުދުން ޖަރީކޮށްގެން މާދަމާގެ ރަސްމިއްޔާތަށް ވަޑައިގަންނަވާށޭ. އަދި ހާއްސަކޮށް އަޅުގަނޑު ދަންނަވާލަން، ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ އަތުގައި ގައުމީ ދިދައެއް ހިއްޕަވައިގެން، މިއީ ގައުމީ ހަރަކާތެއްގެ ގޮތުގައި ވަރަށް ހޫނު މަރުހަބާއެއް ދެންނެވުމަށް ހުރިހާ ފަރާތްތަކަށް ވެސް ގޮވާލަން،" އަލީ ސޯލިހު ވިދާޅުވި އެވެ.
އިއްތިހާދުގެ މި ނިއުސް ކޮންފަރެންސްގައި ޕީޕީއެމް އިން ވައިވެރިއެއް ނުވެ އެވެ.
އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް ވަހީދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހު 00: 3 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ