ގާސިމް ރިޝްވަތު ހުށަހެޅުއްވި ކަމަށް ތުހުމަތުކުރާ މައްސަލަ ޕީޖީ އަށް ފޮނުވައިފި
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރިޝްވަތު ހުށަހެޅުއްވި ކަމަށް ތުހުމަތުކޮށް ފުލުހުން ތަހުގީގުކުރި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. ޕީޖީ އޮފީހުގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ހުރިހާ ލިޔުންތަކާއެކު އެ މައްސަލަ އެ އޮފީހަށް ލިބިފައި ވަނީ މިއަދު ކަމަށެވެ. "އަޅުގަނޑުމެން އަދި އެ މައްސަލާގައި ދައުވާއެއް ނުކުރަން. އެ މައްސަލަ ދިރާސާ ކުރަމުން މިދަނީ،" އޮފިޝަލް ވިދާޅުވިއެވެ. ގާސިމް ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް އެ ތުހުމަތުކޮށްފައި ވަނީ މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަމަށެވެ. ގާސިމް ވިދާޅުވީ އެ ޖަލްސާގައި އޭނާ އެދިވަޑައިގަތީ ޖުމްހޫރީ ޕާޓީ ދޫކޮށް ޕީޕީއެމާ ގުޅިވަޑައިގެންނެވި މެމްބަރުން އަނބުރާ އެޕާޓީއާ ގުޅިވަޑައިގަތުމަށް ކަމަށެވެ. އަދި ގުޅިވަޑައިގެންފި ނަމަ ދެން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް އެ މެމްބަރުންނަށް ޖުމްހޫރީ ޕާޓީގެ ޓިކެޓު ދޭނެ ކަމަށް ޖަލްސާގައި ވިދާޅުވެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދައިން ވިދާޅުވުމަކީ ރިޝްވަތު ހުށަހެޅުން ކަމަށް ދެކޭ ނަމަ އެފަދަ ބަޔަކު އެގޮތަށް ދެކެންވީ ކަމަށާއި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. "މާނައެއް ނެތް ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނު. އަޅުގަނޑު ދައްކާފައި އޮތް ވާހަކައިގެ އެއްވެސް ކަހަލަ ރިޝްވަތު ދޭނެ ނުވަތަ ނުފޫޒު ފޯރުވަފާނެ މިންވަރެއް ގާނޫނީ ހުދޫދުގެ ތެރެއިން ވިސްނާއިރު ނޯންނާނެ،" ގާސިމް ވިދާޅުވި އެވެ. މިދިޔާ އާދީއްތަ ދުވަހު ފުލުހުން ވަނީ ގާސިމް ފުލުސް އޮފީހަށް ހާޒިރުކޮށް ވީޑިއޯ އެނަލިސިސް ރިޕޯޓެއް ހެދުމަށްޓަކައި ގާސިމްގެ އޯޑިއޯ ސާމްޕަލެއް ނަގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ