އެމްޑީޕީ ޕްރައިމަރީގެ 11 ދާއިރާއެއްގެ ވޯޓުލުން މިރޭ ބާއްވާ، ބާކީ ދާއިރާގެ ވޯޓުލުން މާދަމާ
ހަމަނުޖެހުމާ ހެދި މިއަދު ހުއްޓާލަން ޖެހުނު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގެ 11 ދާއިރާއެއްގެ އިންތިހާބު މިރޭ ބޭއްވުމަށާއި ބާކީ ހުރި ދާއިރާތަކުގެ ވޯޓުލުން މާދަމާ އަށް ފަސް ކުރުމަށް އެ ޕާޓީން ނިންމައިފި އެވެ.އެ މައްސަލައާ ގުޅޭ ގޮތުން އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ މިރޭ 9:30 އިން 12:30 އަށް ވޯޓުލުން ކުރިއަށް ގެންދާނީ މައްސަލައެއް ނުޖެހި ވޯޓުލުމުގެ ކަންތައްތައް ކުރިއަށް ގޮސްފައިވާ ދާއިރާތަކުގެ ވޯޓުނެގުން ކަމަށެވެ. އަދި އެ ދާއިރާތަކުން މާލޭގައި ބަހައްޓާފައިވާ ފޮށިތަކުގެ ވޯޓުލުން ވެސް އަލުން ކުރިއަށް ދާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.މިރޭ ވޯޓުލުން ކުރިއަށް ގެންދާ ދާއިރާތަކަކީ އދ. މާމިގިލީ، މަހިބަދޫ ރ. މީދޫ، ދުވާފަރު، ހިތަދޫ، އައްޑޫ މީދޫ، ކުޅުދުއްފުށީ ދެކުނު، މަކުނުދޫ، ބިލަތްދޫ، ހުޅުދޫ އަދި ތުޅާދޫ ދާއިރާގެ އެވެ. މިރޭ ވޯޓުލުން ފެށުނު ނަމަވެސް އެ ދާއިރާތަކަށް ކުރިން ވޯޓުލީ ފަރާތްތަކުން އަލުން ވޯޓުލާން ނުޖެހޭނެ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ. އަދި މިރޭ ވޯޓުލުން ބާއްވާ ތަންތަނުގެ ނަތީޖާތައް ވަގުތުން އެ ފޮއްޓެއް ކައިރީ އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ވޯޓުލުން އަޅުގަނޑުމެން ފަށަން ނިންމީ އެ ދާއިރާގެ ހުރިހާ ރަށެއްގައި މައްސަލައެއް ނުޖެހި ވޯޓު ކުރިއަށް ދިޔަ ދާއިރާތަކުގައި. އެގޮތަށް އެއްވެސް މައްސަލައެއްނުޖެހޭ ތަންތަން ބަލާފައި. އަލުން މި ވޯޓުލުން ފަށަނީ ކުރިން ޖެހުނު މައްސަލަތައް ނުޖެހޭނެ ކަން ޔަގީންކޮށްފައި،" ނިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލޭގެ ހުރިހާ ދާއިރާއެއްގެ، ވޯޓް ކެންސަލްކޮށް އެ ދާއިރާތަކުގެ ވޯޓު ނެގުން ބާއްވާނީ މާދަމާ ހަވީރު 4:00 އިން ރޭގަނޑު 11:00 ކަމަށެވެ. އަދި އަތޮޅުތަކުގެ ދާއިރާތަކުގެ ވޯޓު ނެގުން އޮންނާނީ ހެނދުނު 9:00 އިން ހަވީރު 4:00 ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.ނިޔާޒް ވިދާޅުވީ އަލުން މާދަމާ ވޯޓުލާ ދާއިރާތަކުގައި ބޭނުންކުރާ ކޮންމެ ވޯޓު ކަރުދާހެއްގައި ހުރިހާ ކެންޑިޑޭޓުން ސޮއިކުރަން ޖެހޭނެ ކަމަށެވެ. އަދި މިއަދު ބޭނުން ކުރި ވޯޓު ކަރުދާސްތައް ނައްތާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް އަމަލުކުރަނީ ވޯޓުގެ ސައްހަ ކަން ވީހާވެސް ބޮޑަކަށް ކަށަވަރު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ."އަލުން ވޯޓުލާ ދާއިރާތަކުގެ ވޯޓު ކަރުދާސްކޮޅުތައް ޗާޕްކުރުމާއި އެ ހުރިހާ ކަމެއް ކުރިއަށް ދާނީ ހަމަ އެ ރަށެއްގައިި. އެކަމަކު މީގެ ސެކިއުރިޓީ ފީޗާސްތައް ހުންނާނީ ތަފާތުކޮށްފައި. އެހެން ވީމާ މީގެ ސައްހަކަން ވަރަށް ބޮޑަށް ޔަގީންކުރެވޭނެ. އެއީ ކުރީގެ ކަރުދާހާ ތަފާތު ވާނެ،" ނިޔާޒް ވިދާޅުވި އެވެ.އެމްޑީޕީން މިއަދު ބޭއްވި ޕްރައިމަރީގެ ވޯޓުލުން ފެށީތާ މާގިނައިރެއް ނުވެ ހުއްޓާލީ ވޯޓާޒް ރެޖިސްޓްރީގެ މައްސަލަތަކެއްގެ ސަބަބުން ބައެއް ފަރާތްތަކަށް ވޯޓުލުމުގެ ހައްގު ގެއްލުމުގެ މައްސަލަ ބޮޑުވެ ހަމަނުޖެހުން ހިނގަން ފެށުމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި މާރާމާރީ ވެސް ހިނގި އެވެ. އަދި މާލޭގައި ވޯޓުލުން ކުރިއަށް ދިޔަ ދަރުބާރުގޭގައި ވެސް މައްސަލަ ވަރަށް ބޮޑަށް ހޫނުވެ ގަޔަށް އަތްލާ ހިސާބަށް ވެސް ދިޔަ އެވެ. ކެންސަލް ކުރި ގިނަ ދާއިރާތަކުގައި ވޯޓުލުމަށް ބޭނުން ކުރި ކަރުދާސްތައް މިހާރު ވަނީ އަންދާލައިގެން ނައްތާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ