ސިފައިންގެ ޢާއިލީ ހަވީރު ފަށައިފި

120 ވަނަ ސިފައިންގެ އަހަރީ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ޢާއިލީ ހަވީރު އިއްޔެ ފަށައިފިއެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެން ދިޔަ މި ޢާއިލީ ހަވީރު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މުޙައްމަދު ނާޒިމް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާރ ޖެނެރަލް އަޙުމަދު މުޙައްމަދު އަދި ޢާއިލީ ހަވީރުގައި ބައިވެރިވާ ކުޑަކުދިންނެވެ. ޢާއިލީ ހަވީރު ހުޅުވައިދެއްވުމުގެ ގޮތުން ޤުރުއާން ކިޔަވައިދެއްވީ ސިފައިންގެ ޢާއިލާއަށް ނިސްބަތްވާ ކުޑަކުއްޖެކެވެ.
އިއްޔެ އިން ފެށިގެން ތިން ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ މިޢާއިލީ ހަވީރު ކުރިއަށްދާނީ އިއްޔެގެ އިތުރުން މިއަދާއި އާދިއްތަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކަޅުތުއްކަލާކޮށީގައެވެ.
ސިފައިންގެ ޢާއިލާތަކުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިޢާއިލީ ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތަފާތު ގޭމްތަކާއި، ލަވަކިޔުމާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށްގެންދެއެވެ.
މިގޮތުން މިހަވީރުގައި ކުރިއަށްދާ ސްޓޯލްތަކުގެ ތެރޭގައި، ބިރުވެރި ހޮހޮޅަ، ވީޑިއޯ ގޭމް ކުޅުން، ބަޑިޖެހުން، އެންގްރީ ބާޑް، މިލީ ގޮލްފް، ބާސްކެޓް، ބޯވްލިންގ، ގޯލްޖެހުން، ދަޅުވެއްޓުން އަދި މޭޒް ފަދަ ސްޓޯލްތައް ވަނީ ހިމަނާފައެވެ.
އަދި ރެޕަލް ކުރުމާއި، ޑްރަމް ޖެހުމާއި، ފެންޖެހުންފަދަ ހަރަކާތްތަކާއި ސިފައިންގެ ޔުނިފޯމްގައި ފޮޓޯ ނެގުންފަދަ ހަރަކާތްތައް ކުޑަކުދިންނަށް ކުރިއަށްގެންދެއެވެ. މީގެ އިތުރުން ޢާއިލީ ހަވީރަށް ޚާއްޞަކޮށްގެން ކެންޓީނުތަކެއްވެސް ވަނީ ހުޅުވާފައެވެ.
ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ޢާއިލީ ހަވީރަކީ ސިފައިންގެ ޢާއިލާތަކުގެ ކުޑަކުދިންގެ މެދުގައި އަބަދުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެކެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ