އިންކަމް ޓެކްސް ނަގައިފި ނަމަ، ރާއްޖެއަށް އަންނަ އިންވެސްޓަރުންގެ ޝައުގުވެރިކަން އެކީ ގެއްލޭނެ ކަމަށް ރާއްޖޭގެ މަހުޖަނުންގެ ތެރޭގައި ހިމެނޭ މަޖިލީހުގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އިންކަމް ޓެކްސް ނެގުމަށް މަޖިލީހުގެ ބައެއް މެންބަރުން ގޮވާލައްވާފައިވާތީ އެކަމާ ގުޅޭ ގޮތުން މާމިގިލީ ދާއިރާ ވެސް ތަމްސީލް ކުރައްވާ ގާސިމް ވިދާޅުވީ އިންވެސްޓަރުން ރާއްޖެ އަންނަނީ އިންކަމް ޓެކްސް އާއި އިންވެސްޓަރުންނަށް ލިބެން ހުރި ލުއިތައް ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި ރަނގަޅުވުމުން ކަމަށެވެ. އެހެން ނަމަވެސް އިންކަމް ޓެކްސް ތައާރަފްކޮށްފި ނަމަ އެކަން އަނެއް އަތަަށް ބަދަލުވެގެން ދާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ދަރަނި އަރައިގެން ގޮސްފައި ވަނީ ވަރަށް މައްޗަށް ކަމަށާއި މިހެން އޮތް ހާލަތެއްގައި އިންވެސްޓަރުން ރާއްޖެ އަންނަން ފަހަތަށް ޖެހޭ ނަމަ އިގްތިސާދު އޭރުން ވެއްޓޭނީ އިތުރު ވަޅުގަނޑަކަށް ކަމަށެވެ.
"އިންކަމް ޓެކްސް ނަގަން ފަށައިފި ނަމަ ރާއްޖެ މި އަންނަ އިންވެސްޓަރުންގެ ޝައުގުވެރިކަން މިތަނަށް އަންނަން ގެއްލޭނެ. އޭރުން ރާއްޖެ ހާލުގައި ޖެހޭނެ. އިންކަމް ޓެކްސްގެ ވާހަކަ ދައްކާ އިރު މި ހުރިހާ ކަމަކަށް ވެސް ވިސްނާލަން ޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނިތަކަށް ދީފައިވާ ރަށްތައް ވިއްކައިގެން ދައުލަތަށް އެއްޗެއް ނުލިބޭ ކަމަށް ބުނާ ބުނުމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ކުންފުންޏަކުން އެފަދަ މުއާމަލާތެއް ކުރުމުން ކުންފުނީގެ މާލީ ހިސާބުތަކަށް އެ މުއާމަލާތް ވަދެގެން ދާ ކަމަށެވެ. އެކަމުގެ ސަބަބުން ކުންފުނީގެ ފައިދާ އިތުރުވެގެން ދާއިރު އެއިން ސަރުކާރަށް 15 ޕަސެންޓްގެ ޓެކްސްއެއް ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކައޭ އަޅުގަނޑު ބުނާނީ. ކޮންމެ ވެސް އެހެން ޓެކްސްއެއް ނަގަން ބޭނުން ވަނީހެން އަޅުގަނޑަށް ހީވަނީ. އެހެން ނުހައްދަވާ ޓެކްސްއެއް ނެންގެވިއްޔާ ރަނގަޅުވާނެ،" ގާސިމް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގެ ބަޖެޓް ކުޑަކޮށްފައި ވާތީ ގާސިމް ވިދާޅުވީ ޝަރުއީ ދާއިރާގެ ތަރައްގީއަށް ކުރާ ހޭދަ އިތުރު ކުރަން ޖެހޭ ކަމަށާއި ބަޖެޓް ކުޑަކޮށްގެން އެ ދާއިރާ ދާނީ ފަހަތަށް ކަމަށެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުންނާއި ގާޒީންއަށް އިތުރު ތަމްރީން ބޭނުންވާ ކަމަށާއި އެ މީހުންގެ ފެންވަރު ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަދި ކޯޓް ރޫމްތައް ވެސް މިހާރު ވަރަށް ކުޑަ ކަމަށާއި އެ ދާއިރާ އޮތީ ވަރަށް ބޮޑަށް ތަރައްގީއަށް ބޭނުންވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގައި ޝަރުއީ ދާއިރާގެ ބަޖެޓުން 100 މިލިއަން ރުފިޔާ މަދުކޮށް 367 މިލިއަން ރުފިޔާ އެ ދާއިރާއަށް ވަނީ ކަނޑައަޅައިފަ އެވެ.
"ތިން ބާރު ވަކިކުރެވިފައިވާ ދައުލަތެއްގައި ޝަރުއީ ނިޒާމު ތަރައްގީވެގެން ދާތަން ބަޖެޓުން ނުފެންނާތީ ކަންބޮޑުވޭ،" ގާސިމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ މިނިވަންސް މުއައްސަސާތަކުން ފިނޭންސް މިނިސްޓަރުގެ އަރިހުގައި ބަޖެޓަށް ސަލާން ޖަހަން ޖެހުމަކީ މިނިވަންކަން ގެއްލިދާނެ ކަމެއް ކަމަށެވެ. އަދި މާލީ ގޮތުން ވެސް މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށް ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާ ދޫކުރުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ. ފުލުހުންނާއި ޑިފެންސް މިނިސްޓްރީ އަށް ވެސް ބަޖެޓް ތާށިވެގެން ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިނިސްޓަރު ދެއްވި ފައިސާއެއް ވެއްޖިއްޔާ ލިބެނީ. ފިނޭންސް މިނިސްޓްރީއަށް އާދޭސް ނުކޮށް ފައިސާ ލިބޭނެ ގޮތެއް ވާންޖެހޭ،" ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ވިސްނަން ދަންނަވަން ސަރުކާރުގައި މި އިންޑިޕެންޑެންޓް މުއައްސަސާތަކަށް ދެއްވާ ފައިސާ ނުހިފަހައްޓަވާ އެގޮތަށް ދެއްވުމަށް ބަޖެޓް ފާސްވާ ހިސާބުން. އެކަމަކު އެނގޭ ކޭޝްފްލޯ ހުންނަ ގޮތުންކަން ވެސް ވާނީ. އެކަމަކު ކޮންމެ މަހަކު ހިނގާ ހަރަދު ނުހިފަހައްޓާ ދެވޭ ކަހަލަ ގޮތަކަށް އޮންނަން ވަނީ،"
އޭނާ ވަނީ މާމިގިލީގެ ޕޮލިސް ސްޓޭޝަނާއި ފެންފުށީގެ ކުނިކޮށީގެ މަޝްރޫއު ބަޖެޓުން އުނިވެފައި ވާތީ ބަޖެޓް ފާސްކުރުމުގެ މަރުހަލާގައި އެ މަޝްރޫއުތައް ހިމެނުމަށް ގޮވާލައްވައިފަ އެވެ.
އިންކަމް ޓެކްސް ނަގާ ނަމަ އިންވެސްޓަރުން ނާންނާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ