އަދީބު ވިދާޅުވިޔަސް އަޅުގަނޑު ދައްކަންޖެހޭ ކުއްޔެއް، ޖޫރިމަނާއެއް ނޯންނާނެ: ގާސިމް

ރިސޯޓް ނުހަދައި ގިނަ ދުވަސްވުމުން ދައުލަތަށް ނެގި ރަށްތަކުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެންމެ ގިނަ ފައިސާ ދައްކަން ޖެހެނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވުމުން، އެމަނިކުފާނު ހައްދަވަނީ އިތުރުފުޅު ކަމަށް ބުނެ، އެ ފައިސާ ނުދައްކަވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ-ޖޭޕީން ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މިރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދައްކަންޖެހޭ ކަމަށް ސަރުކާރުން ބުނެފައި ވަނީ އެމަނިކުފާނަށް ދީފައިވާ ރަށްތަކާއި ފަޅުތައް ދައުލަތަށް އަނބުރާ ނެގުމަށްފަހު ކަމަށެވެ. އެ ރަށްތައް ދައުލަތަށް ނެގުމުގެ ކުރިން ކުއްޔާއި ޖޫރިމަނާ ދައްކަންޖެހޭ ކަމަށް ސަރުކާރުން ބުނެފައި ނުވާތީ ގާސިމް ވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.
ދައުލަތަށް ފައިސާ ދެއްކުމަށް އަދީބު ބާރު އެޅުއްވިޔަސް އެ ފައިސާ ނުދައްކަވާނެ ކަމަށާއި އެ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާކަން "ފައިސަލާ ކުރާނީ" ކޯޓުން ކަމަށް ގާސިމް ވިދާޅުވި އެވެ.
"ޓޫރިޒަމް މިނިސްޓަރު އިތުރުފުޅު ހައްދަވަންޏާ އެއީ ތާކުންތާކުން ނުޖެހޭ ވާހަކައެއް. އެ ބޭފުޅާ ކުރެއްވި ހުވާގައި ވެސް އޮންނާނެ ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަން. އަޅުގަނޑު ދައްނަވާނީ އަޅުގަނޑު ދައްކަންޖެހޭ އެއްޗެއް ނޯންނާނެއޭ ކޮންމެ އެއްޗެއް ވިދާޅުވިޔަސް. އަޅުގަނޑުމެން އެކަން ފައިސަލާ ކުރާނީ ދިވެހި ރާއްޖޭގެ ކޯޓުތަކުން. އޭރުން މަނިކުފާނު ތިޔަ ވިދާޅުވާ ތެދު ދޮގު ހާމަވެގެންދާނެ،" ގާސިމް ވިދާޅުވި އެވެ.
ހަމައާ އެއްގޮތަށް އަދީބަށް އަމަލު ނުކުރެވޭނަމަ އެކަމަނިކުފާނު ޓޫރިޒަމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ގާސިމް ގޮވާލެއްވި އެވެ. އަދި ވިދާޅުވީ "ޓޫރިޒަމް މިނިސްޓަރުކަން ކޮށްދޭނެ އެއްތައްބަޔަކު އެބަތިއްބެވި" ކަމަށާއި އަވަހަށް މަގާމުން އިސްތިއުފާ ދެއްވުން މާ ރަނގަޅުވާނެ ކަމަށެވެ.
އަދީބަކީ އޭނާގެ ރައްޓެހިންނާއެކު ކޮފީ ބޯން ދިއުމަށްފަހު ބިލަށް ފައިސާ ނުކެނޑިގެން "އިހަކަށްދުވަހު" އުޅުނު މީހެއް ކަށާއި މިއަދު އެމަނިކުފާނު "މިލިއަނަރަކަށް" އަދި "ބިލިއަނަރަކަށް" ވުމުން ވީގޮތް ސާފުވެއްޖެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އިހަކައްދުވަހު ރައްޓެއްސަކާއެކު ކޮފީއަކަށް އަރާފަ ބިލްކަނޑާނުލެވޭ މީހަކު، މިއަދު މިލިއަނަރަކަށް ބިލިއަނަރަކަށް ވެގެން ދިޔައީމަ މި ވާގޮތް އެބަ ނޭނގިގެނެއް ނޫނޭ މި އުޅެނީކީ. އަދީބު ދެކެ އަހަރުމެން ބިރެއް ނުގަނޭ. ކާކުތޯ ބިރު ގަންނަނީ. އަޅުގަނޑު ދަންނަވާނީ އެކަކު ވެސް އެކަކު ދެކެ ބިރު ގަންނާކަށް ނުޖެހެއޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ "އަޅުގަނޑުމެންނަށް" ވެރިކަން ލިބިއްޖެނަމަ މުވާސަލާތީ ހިދުމަތްތަކުން ޖީއެސްޓީ ނެގުން ހުއްޓުވާލައްވާނެ ކަމަށާއި އިންޕޯޓް ޑިއުޓީ ނެގުން ވެސް ހުއްޓަވާލައްވާނެ ކަމަށެވެ. އަދި ކަރަންޓް ސަބްސިޑީ ދޭން ފައްޓަވާނެ ކަމަށް ވިދާޅުވި އެވެ.
ޕީޕީއެމްގެ މެޖޯރިޓީ "ދުއްވައެއް" ނުލެވޭނެ ކަމަށް އަދީބު ވިދާޅުވެފައިވާތީ ގާސިމް ވަނީ އެކަމަށް ވެސް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވާފަ އެވެ. ޕީޕީއެމްގެ މެޖޯރިޓީ ގެއްލިގެން ހިނގައިދާނެ ކަމަށާއި މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުންނަކީ ހަމަޔާއި ނަހަމަ އެނގިވަޑައިގަންނަވާ ބޭފުޅުން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު މި ދަންނަވަނީ މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމަކަށް ނޯންނާނެއޭ. މާލަސްތަނެއް ނުވެ ޕީޕީއެމަށް ގެއްލިގެން ދާނެ މެޖޯރިޓީ. ކިތަންމެ ވަރަކަށް އަދީބު ވިދާޅުވިޔަސް، ކޮންމެ ބޭފުޅަކު ވިދާޅުވިޔަސް އެއެއް ނޯންނާނެ. އިރާދަ ކުރެއްވިއްޔާ ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެތާނގައި މެމްބަރުންގެ ގޮތުގައި އެ ތިއްބެވީ. ހަމަޔާއި ނަހަމަ އެ ބޭފުޅުންނަށް އެބަ އިނގޭ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ދެކޮޅަށް ނުކުތުމުން "ކަންތައްތަކެއް ވާކަން އެނގެމުންދާ" ކަމަށެވެ. "ރައްޔިތުންނަށް މިނިވަންކަމެއް ލިބިގެންދިޔައީ މި ގާސިމް އިބްރާހިމާއި މުހައްމަދު ނަޝީދު ކިޔާ މީހަކު އިސްކޮށް ތިބެގެން ކަންތައްތަކެއްކޮށްގެން،" ގާސިމް ވިދާޅުވި އެވެ.
ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަދީބު ރޭ ވިދާޅުވީ "އެގްރީމަންޓްތަކާ ހިލާފް ވެފައިވާތީ" ދައުލަތަށް އަނބުރާ ނެގި ރަށްތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 157 މިލިއަން ޑޮލަރު ދައުލަތައް ލިބެންޖެހޭ ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ދައްކަން ޖެހެނީ ގާސިމް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ