އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އެމްޑީޕީން ގޮވާލައިފި
އިދިކޮޅު ފަރާތްތަކުން 2015 ވަނަ އަހަރުގެ މެއި މަހު މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެން ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދުގެ މަރުގެ ތަހްގީގެއްކޮށް އިހްމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފިއެވެ. އަބްދުﷲ ރަޝީދު މަރުވީ އިއްޔެ މެންދުރު އައިޖީއެމްއެޗުގައި އެނދުމަތިކޮށް ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުއެވެ. ކަރެކްޝަނުން ބުނީ އަބްދުﷲ ރަޝީދު އައިޖީއެމްއެޗަށް ގެންދިޔައީ ބޭރަށް ހިނގާތީ ކަމަށެވެ. އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަބްދުﷲ ރަޝީދު އަކީ ޖާނުން ވަރުގަދަ ފުރިހަމަ ސިއްހަތެއްގައި ހުރި މީހެއް ކަމަށާއި އޭނާ ހައްޔަރު ކުރި އިރު އެއްވެސް ބައްޔަކަށް ބޭސްކުރަމުން ގޮސްފައިނުވާ ކަމަށެވެ. އޯގަސްޓް 3، 2015: މޭޑޭ މުޒާހަރާއާ ގުޅިގެން އަބްދުﷲ ރަޝީދު ކޯޓަށް ހާޒިރު ކުރުމަށްފަހު ޖަލަށް ގެންދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ "އޭނާ [އަބްދުﷲ ރަޝީދު]ގެ ބަލި ޙާލު ދަށްވެ، އެކަމާ އަޅާލުމަށް އެކި ފަހަރުމަތިން އެދުމުން ވެސް އެކަމާ އަޅާލާފައިނުވާ ކަމަށް ޢަބްދުﷲ ރަޝީދުގެ ޢާއިލާއިން މި ޕަޓީއާ ވަނީ ހިއްސާކޮށްފަ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އިއްޔެ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ގޮޅިތެރެއަށް އަނބުރައިގަނެގެން ވެއްޓުމުން ކަމަށް އާއިލާއާ ހަވާލާދީ އެމްޑީޕީން ބުނެއެވެ. އެމްޑީޕީން ބުނީ މިދިޔަ އަހަރު ޖުލައި 25 ގައި އަބްދުﷲ ރަޝީދުއަށް ފަސް އަހަރުގެ ޖަލު ހުކުމެއްކޮށްފައި ވަނީ އަލަށް އަމަލުކުރާން ފެށި ޤާނޫނުލް އުޤޫބާތުގެ ދަށުން އޭނާއަށް ލިބިދޭ ޙައްޤުތަކުން މަޙްރޫމްކޮށް އަވަސް އަރުވާލައިގެން ކަމަށެވެ. "ފަހަކަށް އައިސް ޖަލު ބަންދުގައި ތިބޭ މީހުން ’ވީނުވީއެއް ނޭނގި‘ ނުވަތަ ’ކުއްލި ގޮތަކަށް‘ މަރުވުން ވަނީ އާންމުވެފަ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ. އެމްޑީޕީގެ ބަޔާނާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން ވިދާޅުވީ އެ ބަޔާނަށް ރައްދު ދޭން ބޭނުން ނުވާ ކަމަށާއި ނަމަވެސް ކަރަކެޝަނުން އެއްވެސް ގައިދީއަކަށް ލިބިދޭން ޖެހޭ ހައްގެއް ލިބުމުގައި ތަފާތުކުރުން ގެންގުޅިފައި ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ