ސިޔާސީ ދާއިރާއާއި އާއިލާ އެކުވުމަކީ ނިމުމެއްނެތް ހިތްދަތިކަމެއް - ދުންޔާ މައުމޫން

ސިޔާސީ ދާއިރާއާ އާއިލާ އެކުވުމަކީ ނިމުމެއް ނެތް ހިތްދަތިކަމެއްކަމުގައި، ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
މިއަދު ފޭސްބުކްގައި ދުންޔާ ލިޔުއްވި ސްޓޭޓަސްއެއްގައި ވިދާޅުވިގޮތުގައި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅިގެން މެންބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި، ދިއްގަރު ދާއިރާގެ މެންބަރު ކަންކުރައްވަމުން ގެންދަވާ, ދުންޔާގެ ކޮއްކޯފުޅު, އަހްމަދު ފާރިސް މައުމޫން ހައްޔަރުކޮށްފައިވާ ދަނޑިވަޅުގައި، މިދުވަސްވަރަކީ ހިތާމަވެރި، އުނދަގޫ ދުވަސްވަރެކެވެ.
ފާރިސް ހައްޔަރުކުރުމަކީ އޭނާއަށް ހިތާމަހުރި ކަމެއް ކަމަށާއި، މި ހާދިސާއިން ހަނދާންވަނީ 2011 ވަނަ އަހަރު އޭނާގެ އެންމެ ހަގު ކޮއްކޮ މުހައްމަދު ޣައްސާން މައުމޫން ހައްޔަރުކުރި ކުރުން ކަމަށް ދުންޔާ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، މި ސަރުކާރުގެ ފޮރިން މިނިސްޓަރުގެ މަގާމުވެސް އަދާކުރެއްވި ދުންޔާ ފޭސްބުކްގައި ވިދާޅުވީ، ސިޔާސީ ކަންކަމާއި އާއިލާ އެކުވުމަކީ ނިމުމެއްނެތް ހިތްދަތިކަމެއްގެ ކަމަށެވެ. އަދި މި ދަތި ދަނޑިވަޅުގައި އޭނާގެ މައިންބަފައިންނާއި ކޮއްކޮމެން އަދި އާއިލާއަށްވެސް ހިތްވަރު ދެއްވުން އެދި ދުއާކުރައްވާ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.
ކޮއްކޮ ފާރިސް ހައްޔަރުކުރި ދުވަހު ދުންޔާ ވަނީ ސޯޝަލް މީޑިއާގައި އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުން ދުންޔާ ވަކިވެވަައިގެންނެވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ހިތްހަމަޖެހިވަޑައިނުގެން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަވަނަ ދުވަހުއެވެ. ހަ މަސް ދުވަހު ސަރުކާރާ ދުރުގައި ހުންނެވުމަށްފަހު ދުންޔާ އަލުން ސަރުކާރާ ގުޅިވަޑައިގެންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ