24 ވަނަ ދުވަހު މުޒާހަރާ ކުރަން ފުލުހުން ހުއްދަ ދީފި: އިދިކޮޅު އިއްތިހާދު

މި ޖުލައި މަހުގެ 24 ވަނަ ދުވަހު މާލެއަށް މީހުން ގެނެސްގެން ބާއްވަން ރާވާފައި މުޒާހަރާ ކުރަން ފުލުހުން ހުއްދަ ދީފި ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.
މިރޭ ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިިކޮޅު އިއްތިހާދުގެ ސްޕޯކްސްޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ، މި މުޒާހަރާ އަށް ފުލުހުން ހުއްދަ ދީފައިވާ ކަމަށާއި މި މަހުގެ 24 ވަނަ ދުވަހު ބާއްވާ މުޒާހަރާއަކީ ދައުލަތުގެ ބާރުތައް އެކުވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލައި ބާއްވާ މުޒާހަރާއެއް ކަމަށެވެ.
މަހުލޫފް ވިދާޅުވީ 24 ވަނަ ދުވަހަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރާ ދުވަހަށް ވާތީވެ، އެ މުޒާހަރާގައި ބައިވެރިވާން ބޭނުން ރައްޔިތުން 24 ވަނަ ދުވަހުގެ ހެނދުނު އެމްޑީޕީ އޮފީހަށް އައުމުން އެ މުޒާހަރާ ކުރިއަށް ދާނެ ގޮތުގެ މައުލޫމާތު ދޭނެ ކަމަށެވެ.
"އޮތީ އުފާވެރި މުސްތަގުބަލެއް އުފާވެރި ދުވަސްތަކެއް. މި ދުވަސް އޮތީ ވަރަށް ކައިރީގައި. މި މަގުގައި ކުރިއަށް ދާއިރު ގާގަލުގައި އަޅައިގަންނާނެ ދަތިތައް ވެސް އަންނާނެ. އަޅުގަނޑު ދަންނަވާނީ 24 ވަނަ ދުވަހު ހުރިހާ ބޭފުޅުން ވެސް ވަޑައިގަންނަވާށޭ. މެންބަރުންނަށް ހިތްވަރު ދެއްވާށޭ. އުފާވެރި ދުވަސްތައް އޮތީ ވަރަށް ކައިރީގައޭ،" މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް މިހެން ވިދާޅުވެފައިވާއިރު ބޮޑު މުޒާހަރާއަށް އަތޮޅުތަކުން ވީހާ ވެސް ގިނަބަޔަކު މާލެ އައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ