ޖުމްހޫރީ ޕާޓީ އޮތީ ކޯލިޝަން ހެދުމަށް ތައްޔާރަށް: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އޮތީ ކޯލިޝަން ހެދުމަށް ތައްޔާރަށް ކަމަށް އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ދާދިފަހުން އެމަނިކުފާނާއި އުމަރު ނަސީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ބައްދަލުކުރައްވައި ކޯލިޝަން ހެދުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
"އިހަށް ރޭ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުންނަވާ ގެކޮޅަށް އުމަރު ނަސީރާއި އަޅުގަނޑާއި ވަދެފައި ނުކުތްތަނާ ނޫސްވެރިންކޮޅެއް، ދެ ބޭފުޅަކު އައިސް ފޮޓޯ ނެގީ އިރުކޮޅަކުން އެ ޝާއިއުކުރެވިގެން ދިޔަ. އަދިއެއާ ގުޅިގެން އުމަރު ނަސީރު ދެއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވޭ އަޅުގަނޑުމެން ކޯލިޝަނަށް ވާހަކަ ދައްކަމުން ގެންދާ ވާހަކަ. ތެދުވާހަކަފުޅެއް އިނގޭތޯ އެއީ،" ގާސިމް ވިދާޅުވި އެވެ.
ކޯލިޝަންހެދުމާ ބެހޭ ގޮތުން ރައީސް ވަހީދުގެ އިތުރުން ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އާ ވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެކަމާ ބެހޭ ގޮތުން ކޮންމެ ބަޔަކާ އެކު މަޝްވަރާ ކުރުމަށް ވެސް ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށާއި ނަމަވެސް އެބަޔަކު ވާންޖެހޭނީ ދައުލަތަށް މަންފާ ހުރި ކަންތައްތަކަށް އެއްބަސްވާ އަދި ވައުދަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ކޯލިޝަން ހެދުމަށް ތައްޔާރަށް ހުންނެވިނަމަވެސް އެއްވެސް ކެނޑިޑޭޓެއްގެ ރަނިންމޭޓަކަށް ވެވަޑައިނުގަންނަވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
މިރޭގެ ޖަލްސާގައި ގާސިމް ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ހީނަރުކަން އައިސްފައިވާ މައްސަލައަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވާފަ އެވެ.
ގާސިމް ވިދާޅުވީ މީގެކުރިން އިންޑިއާ އާއި ސްރީލަންކާއިން ރާއްޖެ އަށް ކުރަމުންއައި އިހުތިރާމް މިހާރު ނުކުރާ ކަމަށާއި އެކަމުގައި މިހާރުގެ ސަރުކާރުގެ ސަބަބުން ނުކުތް މައްސަލަ ވެސް އެބަހުރި ކަމަށެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ޕާސްޕޯޓު އެމީހުންގެ އަތަށް ދެވިފައި ނުވުމަކީ އެގައުމުތަކުން ވެސް ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމުގައި ހުރި ކަންބޮޑުވުންތައް އިންޑިއަން ހައިކޮމިޝަނުން އެމަނިކުފާނާ ހިއްސާ ކުރައްވާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ