އަދީބު ބޭސްފަރުވާއަށް ފޮނުވުމަކީ ލާޒިމްކަމެއް ނޫން: އުމަރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަކީ ލާޒިމްކަމެއް ނޫން ކަމަށާއި އެއީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އަދީބުގެ ބޭސްފަރުވާގެ ކަންތައް ހަމަޖައްސައިނުދޭކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން " ސަން.އެމްވީ " އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ އޭނާ ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު އަދީބުގެ ބޭސް ފަރުވާ އަށް ދާން އެދުނުނަމަވެސް އަދީބު ރާއްޖެއިން ބޭރަށް ނުފޮނުއްވާނެ ކަމަށެވެ.
"އަޅުގަނޑަށް ހަމަ ޔަގީން އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ ފިލާނެކަން. ހީވަނީކީއެއް ނޫން. ހަމަ ޔަގީން ކަމެއް އެއީ. ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ އެހެނިހެން ސިޔާސީ ބޭފުޅުންނާ އަދީބާ އަޅާ ނުކިޔޭނެ. އޭނައަކީ ވަރަށް ނުރައްކާތެރި ކުށްވެރިއެއް. ވަރަށް ނުރައްކާތެރި ކުށްވެރިއެއް،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ބަޔަކު އަދީބަކީ ކުށެއް ނެތް " ހީރޯ " އަކަށް ހަދައިގެން އުޅުނަސް ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށާއި އަދީބަކީ ވަރަށް ނުރައްކާތެރި ކުށްވެރިއެއް ކަމަށެވެ. އަދި އޭނާކޮށްފައިވާ ކުށްތަކަށް ގާނޫނީގޮތުން ލިބެންޖެހޭ ހައްގު އަދަބު ލިބެންޖެހޭނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އަދި ކޮންމެ ބަހެއް ވެސް ބުނަމުން ގެންދަނީ ހައްގުގެ މަގުގައި ކަމަށާއި ހައްގުގެ މަގުގައި ބުނަން ޖެހުނު ކޮންމެ ބަހެއް ބުނުމުގައި ދެމިހުންނަވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ