ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް އެކަށީގެންވާ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ނުދީ ލަސްކުރަމުންދާ ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުން ބުނީ ގާސިމްގެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ތަފްސީލު ދެވެން ނެތް ކަމަށެވެ.
ރާއްޖެ އިން ކުރެވެން ނެތް އޮޕަރޭޝަނަކާއި ހެދެން ނެތް ޓެސްޓުތަކެއް ހަދަން ގާސިމް ބެއްލެވި ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. ހިތުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ގާސިމަށް އެ ފަރުވާ ވީހާވެސް އަވަހަކަށް ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.
ގާސިމް ފަރުވާ އަށް ބޭރަށް ފޮނުވައިދޭން އާދޭސްކުރަމުން ދަނިކޮށް ރިޝްވަތުގެ ތުހުމަތުގައި އޭނާ އަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
އެ ހުކުމް ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ރާއްޖެ އިން ބޭރުން ހެދުމަށް ޑޮކްޓަރުން ލަފާދިން ޓެސްޓުތަކާއި ފަރުވާ ދިނުން ހުރަހަކަށް ވެގެން ނުވާނެ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އެހެންވެ އެ ޓެސްޓްތަކާއި ފަރުވާ ގާސިމަށް ރާއްޖެ އިން ބޭރުން ހޯދޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ހުކުމުގައި ވަނީ އަމުރުކޮށްފަ އެވެ.
އެ ހުކުމާ އެއްގޮތަށް، ގާސިމް ފަރުވާ އަށް ފޮނުވުން ލަސްވަމުންދާތީ އާއިލާ އާއި ވަކީލުން ގެންދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ގާސިމް ފަރުވާ އަށް ފޮނުވުން ލަސްވަނީ މެޑިކަލް ބޯޑުގެ ހުއްދަ ނުލިބިގެން ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފަ އެވެ.
ގާސިމް ފަރުވާއަށް ފޮނުވުން ލަސްވާ މައްސަލަ އެބަ ބަލަން: އެޗްއާރުސީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ