މައުމޫން ހަމީދު އަކީ ޤާނޫނު ތަންފީޒު ކުރުމުގައި ދާއިރާގައި އަދި ޤާނޫނީ ވަކީލެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ކުރިން ފުލުހުންގެ ތެރޭގައި މަސައްކަތް ކުރެއްވި ފުލުހެކެވެ. ޤާނޫނީ ބޭފުޅެކެވެ. ފުލުހުންގެ ތަޙްޤީޤުތަކުގައި އޭރު އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ނަމަވެސް އާންމު ދިވެހިންނަށް މައުމޫން ހަމީދުގެ އަޑު އިވުނީ ރައީސް ޔާމީންގެ ވެރިކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އޭނާ އައްޔަން ކުރައްވަން އުޅުއްވި ހިސާބުންނެވެ.
ރައީސް ޔާމީން އަށް މައުމޫން ހަމީދަށް ވުރެ އެމަގާމަށް ގާބިލް އެހެން ބޭފުޅަކު ފެނިވަޑައިގެންނެވުމުން މައުމޫން ހަމީދު ޕީޖީގެ މަގާމަށް ވަޑައިގަންނަވަން އޮތް މަގު ބަންދުވީއެވެ. އެދުވަހު މައުމޫން ހަމީދަށް ރައީސް ޔާމީން ނޫނެކޭ ބުނީ ކީއްވެކަން މިއަދު ދެން އިތުރަށް ސުވާލު އުފައްދާކަށް ނުޖެހެއެވެ.
ދެން މައުމޫން ހަމީދު ފެނުނީ ކާނަލް (ރިޓަޔަޑް) މުހައްމަދު ނާޒިމްގެ ޤާނޫނީ ވަކީލެއްގެ ގޮތުގައެވެ. ޝަރީޢަތުގައި ދައްކަން ޖެހޭ ވާހަކަތައް މީޑީއާގައި ދައްކަވާ އެމައްސަލައިގެ ތެރެއިން މައުމޫން ހަމީދު ވަރަށް ގިނަ ޚަބަރުތަކުގެ ސުރުހީތަކުން ޖާގަ ހޯއްދެވިއެވެ. ދިފާޢުގައި މަސައްކަތް ކުރެއްވުމުގެ ބަދަލުގައި މީޑިއާ ސްޓަންޓް ޖައްސަވައިގެން މައްސަލަ ކާމިޔާބު ކުރައްވަން މައުމޫން ހަމީދު މަސައްކަތް ކުރެއްވި ކަމެއް ބައެއް މީހުން ބުނެއެވެ. އެއީ ހަޤީޤަތެއް ތޯއެވެ. އެހުރިހާ ވާހަކައެއް މީޑިއާގައި ނުދައްކަވާ ޝަރީޢަތުގައި އެވާހަކަތައް ދެއްކެވި ނަމަ ނާޒިމް ސަލާމަތްވުމުގެ ފުރުސަތު ބޮޑުވީސްތޯއެވެ.
އޭގެ ފަހުން ދޭދެތެރޭރެއިން މައުމޫން ހަމީދުގެ ކޮންމެވެސް ވާހަކަފުޅެއް އަޅުގަނޑުމެންނަށް އަޑުއިވެއެވެ. ބައެއް ފަހަރު ވަރަށް އިލްމީ ސްޓޭޓަސްތައް ނުވަތަ ޓްވީޓްތައް ކުރައްވައެވެ. ޤާނޫނީ ގޮތުން ބަހުސް ކުރެވިދާނެ ސުވާލުތައް އުފަން ކުރައްވައެވެ. އެއީ ވަރަށް ބޭނުންތެރިކަމެކެވެ. ނަމަވެސް ހަމަ އެއާއިއެކު ފާހަގަ ކޮށްލެވޭ އެހެން ކަންކަން ވެސް އައީ ހިނގަމުންނެވެ.
ވަރަށް ފަހުން ވަރަށް ނުރައްކާތެރި މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ޤާނޫނީ ވަކީލަކަށް މައުމޫން ހަމީދު ވެވަޑައިގެންނެވިއެވެ. އެއީ މައުމޫން ހަމީދު އާއި އާއިލީ ގޮތުން ވެސް ގުޅުމެއް އޮންނަ މީހެކެވެ. އޭނާގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ތުހުމަތެވެ. މައުމޫން ހަމީދު އޭނާގެ ދިފާޢުގައި ތެދުވެ ވިދާޅުވީ އޭނާ ވަނީ ފްރޭމް ކޮށްފައި ކަމަށެވެ. ހެއްކެއް އަދި ނުދެއްކެއެވެ. ނަމަވެސް ފުލުހުންގެ އަގު ވައްޓާލާ ފުލުހުންނާއި މެދު މައުމޫން ހަމީދު މެން ކުރިން ވިދާޅުވާ ގޮތައް ނަމަ ނަފްރަތު އުފައްދަން އެވާހަކަތަކުން ބާރު ލިބޭ ނޫންތޯއެވެ.
މިއަދު ކުށްވެރިންގެ ހައްޤުތަކުގެ ވާހަކައާއި ޤާނޫނީ އިޖުރާޢަތުތަކުގެ ވާހަކަތައް މައުމޫން ހަމީދު ވެސް ނިކަން ބާރަށް އެބަދައްކަވައެވެ. އެއީ ދައްކަވަން ޖެހޭނެ ވެސް ވާހަކައެކެވެ. ޤާނޫނުގައި އޮންނަ އެއްޗެއް އެއޮންނަ ގޮތައް ބުނުން އެއީ އެއްވެސް މައްސަލައެއް ނޫނެވެ.
ނަމަވެސް މައުމޫން ހަމީދު މިވާހަކަތައް ދައްކަވަން ފެއްޓެވުމުން ހަނދާނުގެ ފީތާ ތަންކޮޅެއް ދުރަށް އެބަދެއެވެ. އެއީ އޮގަސްޓް 12،13 ދުވަސް ވަރެވެ. މައުމޫން ހަމީދު ހުންނެވީ ފުލުހުންގެ ތަޙްޤީޤުތަކުގައި ވަރަށް އިސް ބޭފުޅަކަށެވެ. އޭރު ވެލާނާގެ އާއި ހ.ފޯވިންޑްސް ޤާނޫނުތަކާއި ޤަވައިދުތަކާއި ހިލާފަށް ފުލުހުންގެ މަރުކަޒުތައް ކަމަަށް ހައްދަވައިގެން ތަޙްޤީޤު ހިންގެވީ ސީދާ މައުމޫން ހަމީދުގެ އަމުރަށް ކަމަށް މީހުން ކިޔައެވެ. ހަޤީޤަތް މައުމޫން ހަމީދު ސާފުކޮށްދެއްވާށެވެ. އެތަޙްޤީޤުގައި ގާސިމް އިބްރާހިމް އާއި އިބްރާހިމް އިސްމާއިލް (އިބްރާ) އާއި އަދި ރައްޔިތުން މަޖިލީހުގެ ބައެއް އެހެން މެންބަރުން ވެސް ހައްޔަރު ކުރިއެވެ. އެބޭފުޅުންގެ ހަނދާނުގައި މިކަންކަން ހުންނާނެއެވެ.
އާންމުންގެ ތެރޭގައި ވާހަކަ ދެކެވޭ ގޮތުގައި މައުމޫން ހަމީދު ފުލުހުންގެ ވަޒީފާ އިން ދުރަށް ވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ލިބިވަޑައިނުގެންނެވުމުންނެވެ. އެމަގާމު ދެއްވަން ރައީސް މައުމޫން ވެސް އުޅުއްވިޔޯލައެވެ. ނަމަވެސް އޭރު ފުލުހުންގެ އިސް އޮފިސަރުން އެކަމަށް އެއްބަސްނުވުމުން ނުވެ އޮތީ ކަމަށް ވާހަކަދެކެވެއެވެ. އެއީ ހަގީގަތެއް ތޯއެވެ.
ޤާނޫނު ތަންފީޒު ކުރަން އެއްވެސް އިރެއްގައި މަސައްކަތް ކުރެއްވި ބޭފުޅަކަށް ޤާނޫނު ތަންފީޒު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންގެ މަސައްކަތާއި އެބޭފުޅުން އުފައްލަވާ ބުރަ އާއި އެބޭފުޅުންގެ އަގު ވައްޓާލުމުން ދެން ނިކުންނާނެ ނަތީޖާ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.
އެހެންކަމުން މިއަދު ފުލުހުންނަށް އަމާޒުކޮށް އިންސާފުން ބޭރުން ފޮނުވާލެވޭ ކޮންމެ ހަމަލާއެއްގެ ނަތީޖާ ނިކުންނާނެ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއްބޭފުޅަކަށް މައުމޫން ހަމީދު ވެވަޑައިގަންނަވާނެއެވެ. އެހެންވީއެވެ. ފުލުހުންގެ އަގު ވައްޓާލާ ފުލުހުންގެ ތަސައްވަރު ކިލަނބު ކޮށްލަން އެންމެ މަސައްކަތް ނުކުރައްވައްވީ ބޭފުޅަކީ ވެސް މިއަދު މައުމޫން ހަމީދު ނޫންތޯއެވެ.
ޤާނޫނީ ވަކީލެއްގެ މަސައްކަތަކީ އޭނާގެ މުވައްކިލް ސަލާމަތް ކުރުމެވެ. ނަމަވެސް ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. ޤާނޫނީ އިމުގެ ތެރެއިންނެވެ. ދިފާއީ ވަކީލް ކުރާނީ ދައުލަތުގެ ވަކީލުންނަށް ނުވަތަ ފުލުހުންގެ ތަޙްޤީޤަށް ހެދިފައި ހުރި ގޯސްތައް ދެނެގަނެ އެހުރިހާ ޕޮއިންޓްތަކެއް ބޭނުންކޮށްގެން ދިފާޢު ވުމުގެ މަސައްކަތެވެ. ވަކީލުންނަކީ މައްސަލައިގެ ބޭރުން އެހެން މައްސަލަތަކެއް އުފަން ކުރުވާ މައްސަލައިގެ މުޅި މިސްރާބު ބަދަލުކޮށްލާ ބަޔަކަށް ވެގެން ނުވާނެ ނޫންތޯއެވެ.
މައުމޫން ހަމީދު ނިކަން މިކަންކަމާއި މެދު ވިސްނާވަޑައިގެން ބައްލަވާށެވެ.
މައުމޫން ހަމީދަށް ހުޅުވާލެވިފައިވާ ސިޓީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ