ފޯ ނޭޝަންސް ކަޕް: މޫސުން ގޯސްވުމުން ރާއްޖެ މެޗު ވެސް ފަސްކޮށްފި
ސްރީ ލަންކާގައި މިއަދު ފަށާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ލަންކާއާއި ރާއްޖެ ބައްދަލު ކުރަން ހަމަޖެހިފައި އޮތް މެޗު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފިއެވެ. މުބާރާތުގެ ޝެޑިއުލުގައި އެންމެ ފުރަތަމަ މެޗަކަށް ބަންގްލަދޭޝްއާއި ސީޝެލްސް ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ މިއަދު ހަވީރުއެވެ. އެ މެޗު މޫސުން ގޯސްވުމުގެ ސަބަބުން މިއަދު މެންދުރު ވަނީ މާދަމާގެ ހަވީރަށް ފަސްކޮށްފައެވެ. އެއާއެކު މުބާރާތް ރަސްމީކޮށް ހުޅުވުމަށް މިރޭ ރާއްޖެއާއި ލަންކާ ވާދަކުރާ މެޗު ވެސް ފަސްކޮށްފައިވާ ކަމަށް ލަންކާގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ދާދި ދެންމެއަކު ބުނެފައެވެ. އެފްއޭއެމުން ބުނީ ލަންކާގައި މޫސުން ގޯސްވުމުން މިރޭ ކުޅެން އޮތް މެޗު ފަސްކޮށްފައިވާ ކަމަށް އެ އިދާރާއަށް އަންގާފައިވާ ކަމަށެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނުމަށް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންފައެވެ. ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިރޭ ފެށުމަށް ތައްޔާރުވި ފޯ ނޭޝަންސް ކަޕަކީ ފީފާ ކަލަންޑަރުގެ ތެރެއިން އެގައުމުގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 19 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ އިރު، ފައިނަލް މެޗުގެ ހާއްސަ މެހެމާނަކަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 30،000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ލަންކާ އިން އެންމެ ފުރަތަމަ ރާޖަޕަކްސަ ޓްރޮފީގެ ނަމުގައި މުބާރާތެއް ބޭއްވީ 2012 ވަނަ އަަހަރުއެވެ. އެ ފަހަރު މުބާރާތް ކުރިއަށްގެންދިޔައީ 23 އަހަރުން ދަށަށް ހާއްސަކޮށްގެންނެވެ. އެ ފަހަރު ތަށި އުފުލާލީ ރާއްޖޭގެ ޒުވާން ޓީމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ