ސްޓެލްކޯއިން އިންޖީނުގެ ބޮޑުކުރަނީ ގާނޫނާ ހިލާފަށް: ރައީސް ނަޝީދު

ސްޓެލްކޯއިން އިންޖީނުގޭ ބޮޑުކުރަމުންދަނީ ގާނޫނާ ހިލާފަށްކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސިއްހީގޮތުން އަދި އެހެން ހުރިހާ ގޮތަކުންވެސް އިންޖީނުގެ މާލޭގައި އުޅޭ މީހުންނަށް މުސީބާތަކަށް ވެފައިވާ ކަމަށެވެ. ސްޓެލްކޯއިން އިންޖީނުގެ ބޮޑު ކުރަމުންގެންދަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިކަމަށް ހައްލު ނުގެނެސް ސްޓެލްކޯ އިން އެހެން އެއްވެސް ކަމެއް ކުރުމަކީ ކުށެއްކަމަށް ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު ސްޓެލްކޯ އިން ވަގުތީ ޖަނަރޭޓަރުތައް ބަހައްޓާފައިވާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭގޮތަށް ހަމަޖެއްސުމަށް އެދި ސިވިލް ކޯޓަށް ދާދިފަހުން ވަނީ މައްސަލައެއް ވައްދާފައެވެ.
ކޯޓަށް އެމައްސަލަ ހުށަހެޅީ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)ގެ ފަރާތުންނެވެ.
ޕީއައިއެލްސީގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ސްޓެލްކޯގެ އިންޖީނުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ސިއްހަތު ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން ނިގުޅައިގެންފައިވާތީ، އެ ކުންފުނިން ބަހައްޓާފައިވާ ޖަނަރޭޓަރުތައް އެހެން ތަނަކަށް ބަދަލުކުރަން އަމުރުކޮށްދިނުމަށެވެ.
ނުވަތަ އެކަށީގެންވާ އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމާ އެކު ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ