ވިނީޝިއުސްގެ އެހީއާއެކު ރެއާލުން ފަހަތުން އަރައި އެސްޕަންޔޯލް ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގެ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ ވިނީޝިއުސް ޖޫނިއާ ދެއްކި މޮޅު ކުޅުމާއެކު، ރެއާލް މެޑްރިޑުން ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުން އެސްޕަންޔޯލް ބަލިކޮށްފިއެވެ.
މި ނަތީޖާއާއެކު ރެއާލުން ވަނީ ތާވަލްގެ އެންމެ ކުރީގައި އުޅޭ ބާސެލޯނާއާ އެއްޕޮއިންޓާ ގާތަށް ޖެހިލައިފައެވެ. އެއްވަނައިގައި އުޅޭ ބާސެލޯނާ އަށް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް ދެވަނައިގައި އޮތީ ހަ މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ފަސް މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، އެއަދަދަށް ޕޮއިންޓް ލިބިގެން ފައިދާގޯލްގެ ތަފާތުން ހަތަރުވަނައިގައި އޮތީ ވިޔަރެއާލެވެ.
ރެއާލުން މި މެޗަށް ނިކުތީ ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ސްޓުޓްގާޓާ ދެކޮޅަށް މިދިޔަ ބުދަ ދުވަހު ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ހަތަރު ބަދަލެއްގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އެ ޓީމުގެ ބްރެޒިލް ވިންގް، ވިނީޝީއުސް އާއި ޖަރުމަނު ޑިފެންޑަރު، އެންޓޯނިއޯ ރުޑިގާ މި މެޗު ފެށީ ބެންޗުންނެވެ.
ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މި ހާފުގައި ރެއާލްގެ ކުޅުންތެރިން ފޮނުވާލި ހުރިހާ ހަމަލާތަކެއް އެސްޕަންޔޯލްގެ ގޯލްކީޕަރު، ޖޯން ގާސިއާ ވަނީ ހުއްޓުވައިފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު، އެސްޕަންޔޯލް އިން ލީޑްނެގީ ރެއާލްގެ ކީޕަރު، ތިބައުޓް ކޯޓުއާ އަތުން ބައިކޮލަށް ވަތް ގޯލަކުންނެވެ. އޭގެ ހަތަރު މިނެޓުފަހުން، ރެއާލުން އެއްވަރުކުރި ލަނޑަކީ އެސްޕަންޔޯލްގެ ކީޕަރު، ގާސިއާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޑަނީ ކަރްވަހާލް ކާމިޔާބުކުރި ގޯލެކެވެ. މިއީ ރެއާލްގެ އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ގާސިއާގެ ފައި ދަށުން ގޮސް އެ ބޯޅަ ލިބުނީ ގޯލްރޮނގުކައިރީގައި ހުރި ކަރްވަހާލް އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ހުސް ގޯލްގެތެރެއަށް ބޯޅަ ފޮނުވާލައިފައެވެ.
މި މެޗުގައި ރެއާލުން ފުރަތަމަ ފަހަރަށް ލީޑްނެގީ 75 ވަނަ މިނެޓުގައި ވިނީޝިއުސް ދިން ހިތްގައިމު ބޯޅައެއްގެ އެހީގައި ރޮޑްރީގޯ ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ ތިން މިނެޓުފަހުން، ރެއާލްގެ ފްރާންސް ފޯވާޑް، ކީލިއަން އެމްބާޕޭ ދިން ޕާހަކުން ވިނީޝިއުސް ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ.
ރެއާލުން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު، 90 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ބްރެޒިލްގެ ޒުވާން ތަރި، އެންޑްރިކް އަށް އެސްޕަންޔޯލްގެ ކާލޯސް ރޮމޭރޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ރެފްރީ މި ޕެނަލްޓީ ދޭން ނިންމީ ވީއޭއާރް އިން ބެލުމަށްފަހު އެވެ. މިއީ ރެއާލަށް ބަދަލުވިފަހުން ލީގުގައި ކުޅުނު ހަ މެޗުގައި އެމްބާޕޭ ޖެހި ހަތަރުވަނަ ލަނޑެވެ.
ލީގުގައި ރެއާލުން ދެން ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި މި މަހުގެ 25 ވާ ބުދަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ