ރާމަﷲގައި ހުންނަ އަލްޖަޒީރާ އޮފީހަށް އިސްރާއީލު ސިފައިން ވަދެ އޮފީސް ބަންދުކުރަން އަންގައިފި

އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި އެ ނޫސް އެޖެންސީގެ އިދާރާ ބަންދުކުރަން އެންގި ސަބަބެއް އިސްރާއީލު ސިފައިން ހިއްސާ ނުކުރެ އެވެ.
އަލްޖަަޒީރާއިން ފަލަސްތީނާ ގުޅޭ ހަބަރުތައް ގެނެސްދިނުން ހުއްޓުވުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިސްރާއީލުގެ ދިފާއީ ބާރުތަކުން ރާމަﷲގައި ހުންނަ އަލްޖަޒީރާ އޮފީހަށް ވަދެ އެތަން ބަންދުކުރަން އަންގަައިފި އެވެ. 
ބަރު ހަތިޔާރާއެކު މޫނު ނިވާކޮށްގެން ތިބި އިސްރާއީލު ސިފައިން އަލްޖަޒީރާ އޮފީހަށް ވަދެ، 45 ދުވަހަށް އޮފީސް ބަންދުކުރުމުގެ އަމުރު ހުޅަނގު އައްސޭރީގައި ހުންނަ އަލްޖަޒީރާ ބިއުރޯގެ ވެރިޔާ ވަލީދުލް ޢުމަރީއާ ހަަވާލުކުރީ އާދީއްތަ ދުވަހުގެ އިރާކޮޅު އެވެ. 
އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި އެ ނޫސް އެޖެންސީގެ އިދާރާ ބަންދުކުރަން އެންގި ސަބަބެއް އިސްރާއީލު ސިފައިން ހިއްސާ ނުކުރެ އެވެ. 
އަލްޖަޒީރާ އަރަބިކްއިންވަނީ އިސްރާއީލު ސިފައިން އަލްޖަޒީރާގެ ހުޅަނގު އައްސޭރި ބިއުރޯއަށް ވަދެ ދެއްކި ވާހަކަތައް ދުރަށް ދައްކާފަ އެވެ. އެތަނަށް ވަން ސިފައިންގެ ތެރެއިން އެަކު ޢުމަރީ އަރިހުގައި ބުނެފައިވަނީ 45 ދުވަހަށް އަލްޖަޒީރާ ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. 
"އަހަަރުމެން އެދެނީ ކެމެރާތައް ހިފައިގެން ހަމަ މިހާރުން މިހާރަށް މި އޮފީސް ދޫކޮށް ދިއުން،" އަރަބި ބަހުން ވާހަކަދެއްކި އިސްރާއީލު ސިފައިންގެ މީހާ ބުނާ އަޑު ވަގުތުން ދުރަށް ދެއްކި ވީޑިޔޯއިން އިވެ އެވެ. 
އިސްރާއީލުން މި އަހަރުގެ މޭ މަހުގައިވަނީ އެ ގައުމުގެ އެތެރޭގައި އަލްޖަޒީރާ ހިންގުން އެކީ މަނާކޮށްފަ އެވެ. އެއިރުވެސް ފުރަތަމަ އެންގީ 45 ދުވަހަށް އަލްޖަޒީރާ އޮފީސްތައް ބަންދުކުރުމަށެވެ. ނަމަވެސް ފަހުން ތަކުރާރުކޮށް އެ އަމުރުގެ މުއްދަތު އާކުރުމުގެ ސަބަބުން އަލްޖަޒީރާގެ ނޫސްވެރިންނަށް އިސްރާއީލުގެ އެތެރެއިން ރިޕޯޓުކުރުމުގެ ފުރުސަތު މިހާރު ބަންދުވެފައިވެ އެވެ. 
ރާމަﷲގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ މުރާސިލުން ބުނި ގޮތުގައި އެ ސަރަހައްދުގައި ހުރި ބިއުރޯ ބަންދުކުރުމަކީ ސިހުން ލިބުނު ކަމެއް ނޫން ކަމަށެވެ. އަލްޖަޒީރާގެ ހަރަކާތްތައް ހުއްޓުވާނެ ގޮތަކާމެދު އިސްރާއީލު އޮފިޝަލުން މަޝްވަރާކުރަމުންދާކަން ކުރިންވެސް އެނގިފައިވާ ކަމަށެވެ. 
ރާމުﷲގަައި ހުންނަ އަލްޖަަޒީރާގެ ބިއުރޯގެ ވެރިޔާ އަލްޢުމަރީ ވިދާޅުވީ އޭނާ ކަންބޮޑުވެވަޑައިގަންނަވަނީ ބަންދުކުރި އޮފީހާއި އެތަނުގައި ހުރި ތަކެއްޗާމެދު އިސްރާއީލު ސިފައިން ކަންކޮށްފާނެ ގޮތަކާމެދު ކަމަށެވެ. އަދި މިފަދައިން ނޫސްވެރިންނަށް އަމާޒުކުރުމަކީ ހައްގު ފޮހެލައި، ހައްގު މީސްތަކުންނާ ހަމައަށް ވާސިލުވުމަށް ހުރަސްއެޅުން ކަމަށް އޭނާ ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ