މާލޭގެ މަގުތަކުން ދުވަސްވެ ބާވެފައިވާ 224 ސައިކަލު ނަގައިފި

މާލޭގެ މަގުމަތީގައި ހުރި ގިނަ ދުވަސްވެ ބޭނުން ނުކޮށް ބަހައްޓާފައި ހުރި 200 އަށްވުރެ ގިނަ ސައިކަލު ޓޯކޮށްފިއެވެ. ސަރުކާރުން ގެންދަވަނީ މާލޭގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކުރަމުންނެވެ.
މާލެ ސިޓީ ކައުންސިލާއި، ފުލުހުންނާއި، ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި ޢާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާ ގުޅިގެން އަންނަނީ މާލެ ސިޓީގައި ހުރި ގިނަ ދުވަސްވެ ބާވެފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި މާލެއިން 224 ސައިކަލު ވަނީ ނަގާފައެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރު ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މަގުމަތީގައި ހުރި ދުވަސްވީ އުޅަނދުތައް ނަގާ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، މިމަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ. އަދި އަވަސް މުސްތަޤުބަލެއްގައި ދުވަސްވެ ބާވެފައިވާ އުޅަނދުތައް މަގުތަކުން ނެގުމުގެ އިތުރު ހަރަކާތެއް ކުރިއަށްގެންދަވާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މާލޭގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކުގެ ސަބަބުން ޢާއްމުންނަށް އޭގެ ތަކުލީފުތައް ދަނީ ކުރިމަތިވަމުންނެވެ. އެގޮތުން އިތުރުވަމުންދާ އުޅަނދުތަކާއެކު ކުރިމަތިވަމުންދާ ޕާކިން މައްސަލަ، މިފަދައިން ހުރި ދުވަސްވީ އުޅަނދުތަކާއެކު އިތުރަށް ބޮޑުވެއެވެ. ހަމައެއާއެކު ހަލާކުވެ ބޭނުން ނުކުރެވޭ ފެންވަރުގައި ހުރި މިފަދަ އުޅަނދުތަކާއެކު މާލޭގެ މަގުތަކުގެ ހިތްގައިމުކަން ގެއްލުމަކީވެސް ކުރިމަތިވަމުންދާ މައްސަލައެއްކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.
މިއަހަރުގެ ކުރީކޮޅުވެސް މާލެ ސިޓީ ކައުންސިލާއި، ފުލުހުންގެ ޚިދުމަތާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ ގުޅިގެންވަނީ މާލޭގެ މަގުތަކުގައި ހުރި ދުވަސްވީ އުޅަނދުތައް ނަގާ ނައްތާލުމުގެ މަސައްކަތްކޮށްފައެވެ. އެފަހަރު މަގުމަތިންވަނީ 150 އަށްވުރެ ގިނަ އުޅަނދު ނަގާފައެވެ. އެބުރުގައި މަގުމަތިން ބާވެފައިވާ 4 ފުރޮޅުލީ އުޅަނދުތައްވެސްވަނީ ނަގާފައެވެ.
މާލެ ސަރަޙައްދުގައި އުޅަނދު ތޮއްޖެހިގެން ކުރިމަތިވަމުންދާ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ އެމީހެއްގެ ނަމުގައި ހުރި އެފަދަ އުޅަނދުތައް ނައްތާލަން އެދޭ ފަރާތްތަކަށް އެފުރުސަތުވެސް ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ