އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިނަށް ގާސިމް ކޮމަންޑުއަށް ވަޑައިގަންނަވަނީ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިނަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ދާއިރާއަށް ވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖޭޕީން ތާއީދުކުރަން ނިންމައިފައިވަނީ ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓަށެވެ. ޖޭޕީގެ ސްޕޯކްސްޕާސަން އަލީ ސޯލިހު ވަނީ ގާސިމް ކެމްޕެއިނަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަން "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އެހެންނަމަވެސް ގާސިމްގެ މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް އަލީ ސޯލިހު ނުދެއްވައެވެ. އެނގިފައިވާ ގޮތުގައި ގާސިމްގެ މި ދަތުރުގައި ކޮމަންޑޫ ދާއިރާގެ ތިން ރަށަށް ވެސް ވަޑައިގަންނަވާނެއެވެ. ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ، ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ މީގެ ކުރިން ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގަންނަވައިފައެވެ. ގާސިމް ކޮމަންޑުއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ އިސް ސަފުގެ ގިނަ މެންބަރުން ވެސް ވަނީ މިއަދު އެ ދާއިރާގެ ކެމްޕެއިނަށް ފޯކައިދުއަށް ވަޑައިގެންފައެވެ. ފޯކައިދޫގައި މިރޭ އޮންނަ ކެމްޕެއިނު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރާ މި ދަތުރުފުޅުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަން މީގެ ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އެ މަނިކުފާނަށް ބައިވެރިވެވަޑައިނުގަނެވުނީ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން މި އިންތިހާބުގައި އެމްޑީޕީއަށް ތާއީދުކުރަން ނިންމައިފައިވަނީ ޖޭޕީންނާއި އެމްއާރްއެމް އިންނެވެ. އަދާލަތު ޕާޓީން ތާއީދުކުރާ ކެންޑިޑޭޓެއް ނިންމުމަށް މިއަދު އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ