ވަންދޫ ކަނުއަނދިރީގައި، ކަރަންޓު ލިބޭނެ ދުވަހެއް ނޭނގޭ

ތ. ވަންދޫއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދިޔަ ދެ ޖަނަރޭޓަރު ހަލާކުވެ މުޅި ރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިއްޖެއެވެ.
މިއަދު ހެނދުނުން ފަށައިގެން ވަންދޫއިން ކަރަންޓުގެ ޚިދުމަތް ކެންޑިފައިވާއިރު، އެރަށު ކައުންސިލުންނ ވިދާޅުވެފައި ވަނީ މައްސަލަ ޙައްލުވެ ކަރަންޓުގެ ޚިދުމަތް އެރަށަށް ލިބޭނެ ދުވަހެއް ނުވެސް އެނގޭކަމަށެވެ.
މިކަން މިހާރު ވަންދޫއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފެނަކައިގެ ސަމާލުކަމަށް ގެންގޮސްފައިވާއިރު، ރޯދަ މަހުގެ ކުރިންވެސް އެރަށަށް ކަރަންޓުގެ މައްސަލަ ކުރިމަތުވަމުން އަންނަކަން އެ ކުންފުންޏަށް އަންގާފައި ވެއެވެ. ނަމަވެސް އެކަމަށް ޙައްލެއް ނުގެނެވި ވަނިކޮށް ބޭނުންކުރަމުންދިޔަ ދެ ޖަނަރޭޓަރުތައްވެސް ވަނީ ހަލާކުވެފައެވެ.
ދެ ޖަނަރޭޓަރު ހަލާކުވުމާއި ގުޅިގެން ވަންދޫއަށް ކަރަންޓުގެ ޚިދުމަތް ދެވޭނެ އެއްވެސް އިތުރު ގޮތެއް ނެތެވެ. ރޯދަ މަހުގެ ތެރޭގައި ކަރަންޓުގެ ޚިދުމަތް ނުލިބި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުން އެރަށު ރައްޔިތުންނަށް ދަނީ ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންނެވެ. ވަންދޫއަކީ 400 އެއްހައި މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
ޖަނަރޭޓަރުތައް ހަލާކުވެގެން ވަންދޫއިން މިއަދު ކަރަންޓުގެ ޚިދުމަތް ކެނޑުނުއިރު، ށ. ފީވަކަށް ކަރަންޓު ދިނުމަށް ބޭނުން ކުރާ ޖަނަރޭޓަރުތައްވެސް ހަލާކުވެ މިއަދު ވަނީ މުޅި ރަށުން ކަރަންޓު ކެނޑިފައެވެ.
މީގެ އިތުރުން ތިންހާހެއްހައި މީހުން ދިރިއުޅޭ ދ. ކުޑަހުވަދޫގައި އޮޕަރޭޓް ކުރަމުންދާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރެއްގެ މައްސަލަ ޖެހި އެރަށަށްވެސް ކަރަންޓު ދިނުމަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.
ފަހަކަށް އައިސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ކަރަންޓް ކެނޑުމުގެ މައްސަލަތައް ވަނީ އާއްމުވެފައެވެ. ގިނަ ރަށްރަށުން ގެންދަނީ ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެގެން އެކަމުގެ ޝަކުވާ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ