ފަނޑިޔާރު ދީދީ ސަސްޕެންޑްކުރި މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި

ޖުޑިޝަލް ސާވިސަސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓު ތާވަލުކޮށްފިއެވެ. ސުޕްރީމް ކޯޓުގައި މިހާރު އާންމުކޮށްފައިވާ ތާވަލުގައި ވާގޮތުން ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލު ކޮށްފައިވަނީ މާދަމާ މެންދުރު 1:15 ގައެވެ. ޖޭއެސްސީއަށް ރައްދުވާ މި މައްސަލަ ބަލާ ބެންޗުގައި ހިމެނެނީ، އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތައް ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ. ޖުޑިޝަލް ސާވިސް ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ މިދިޔަ ޖޫން މަހު 12 ވަނަ ދުވަހު، އެ މައްސަލަ ބަލައި ނިމެންދެން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރުމަށް ނިންމާފައެވެ. އެއާއެކު ޖެހިގެން އައި ދުވަހު އެ ނިންމުމާ ގުޅިގެން ފަނޑިޔާރު ދީދީ ވަނީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި ސުޕްރީމް ކޯޓުން ވަނީ އެ ދުސްތޫރީ މައްސަލަ ނިމެންދެން ސަސްޕެންޝަންގެ އެއްވެސް އިޖުރާއަތެއް ކުރިއަށް ނުގެންދިޔުމަށް ވަގުތީ އަމުރެއް ނެރެފައެވެ. ފަނޑިޔާރު ދީދީ ސަސްޕެންޝަނަށް އަމަލުކުރަން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުމުން އޭނާ ވާނީ ސުޕްރީމް ކޯޓުގެ މަސައްކަތަށް ނިކުންނަވާފައެވެ. ނަމަވެސް ޖޭއެސްސީ ވަނީ އެ އަމުރަށް ގޮންޖައްސަވައި، އެ އަމުރު ބަަލައި ނުގަތުމަށް ނިންމާފައެވެ. ފަނޑިޔާރު ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީއިން ނިންމީ އޭރު އެ ކޮމިޝަނުން ބަލަމުން ދިޔަ އޭނާ އާ ގުޅޭ އެއް މިލިއަން ޑޮލަރުގެ ރިޝްވަތުގެ މައްސަލައެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އެ މައްސަލައަކީ ފަނޑިޔާރު ދީދީގެ އަނބިކަބަލުންގެ މެލޭޝިއާ އެކައުންޓަށް އެއް މިލިއަން ޑޮރަލު ވަތް މައްސަަލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ