ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ގޮނޑި މުޢާޒު މުޙައްމަދު ރަޝީދަށް ހޯއްދަވައިދެއްވުން އެދޭކަމަށް، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ، މުޢާޒުގެ ކެމްޕެއިން ޓީމަށް ފޯނުން ގުޅުއްވާ، ދެއްކެވި ވާހަކަފުޅެއްގައެވެ. ނަޑެއްލާގައި ބޭއްވި މުޢާޒުގެ ކެމްޕެއިން ހަރަކާތުގައި މަޑަވެލި އަދި ނަޑެއްލާގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެޑައިގެންނެވިއެވެ. އަދި މީގެ އިތުރުން، މިހާރުވެސް ގިނަ އަދެއްގެ ބޭފުޅުން އަންނަނީ މުޢާޒުގެ ކެމްޕެއިން ޓީމާއި ގުޅެމުންނެވެ.
މުޢާޒުގެ ކެމްޕެއިން ޓީމާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، އެހެން ދާއިރާ ތަކެކޭ އެއްފަދައިން، މަޑަވެލި ދާއިރާގެ ގޮނޑި މުޢާޒަށް ލިބުން މުޙިއްމު ކަމަށާއި، ވޭތުވެދިޔަ ފަސް އަހަރު މުޢާޒުވަނީ އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށެވެ. އަދި މުޢާޒަކީ ޕީ.ޕީ.އެމް އާއި އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރި މެމްބަރެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެހެން ދާއިރާ ތަކެކޭ އެއްގޮތަށް މަޑަވެލި ދާއިރާގެ ގޮނޑި މުޙިއްމު. މަޑަވެލި ދާއިރާގެ ގޮނޑި މުޢާޒަށް ލިބުން މުޙިއްމު ވެގެން މި ދަނީ މުޢާޒަކީ ފެށުނީންސުރެ ވަރަށް އިޚްލާޞްތެރިކޮށް ޕީ.ޕީ.އެމް ގައި އަދި ޙާއްޞަކޮށް، ރައީސް ޔާމީނަށް ވަރަށް އިޚްލާޞްތެރިކޮށް މަސައްކަތް ކުރަމުންދާ އެމް.ޕީ އެއް. ރައީސް ޔާމީންގެ ވެރިކަން ބަދަލުވީމަ އެހެން ޕާޓީ އަކަށްގޮސް، މިކަހަލަ އެއްވެސް މަސައްކަތެއް މުޢާޒެއް ނުކުރޭ. ހަމަ ސާބިތުކަމާއި އެކު އެބަ ހުރޭ އަހަރެމެންނާއި އެކީ. އެހެންވީމަ ވަރަށް އެދެން ހަމަ ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްގެން މުޢާޒަށް މި ގޮނޑި ނަގައިދިނުމަށް" ރައީސް ޔާމީން ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ބަޖެޓުގެ ދުވަސްވަރު، ދާއިރާ އަށް ތަރައްޤީ ގެނައުމަށް މުޢާޒު މަސައްކަތް ކޮށްދެއްވި ކަމަށާއި، ކުރިއަށް އޮތް އިންތިޚާބުގައި މުޢާޒު ހޮވައިދެއްވުމަށް މަސައްކަތްކޮށްދެއްވުން އެދޭ ކަމަށެވެ.
"މުޢާޒަކީ މަޑަވެލި ދާއިރާއަށް ވަރަށް އިޚްލާޞްތެރިކޮށް މަސައްކަތް ކުރެއްވި އެމް.ޕީ އެއް. މުޢާޒަކީ ޕީ.ޕީ.އެމް އަށް ލޯޔަލް ބޭފުޅެއް. ކޮންމެ އަހަރަކުވެސް ބަޖެޓުގެ ދުވަސްވަރު މަޑަވެލި ދާއިރާއަށް ތަރައްޤީ ގެންދެވޭތޯ މުޢާޒު މަސައްކަތް ކޮށްފައި އެބަހުރި. އެހެންވީމަ، މިހާރު މި ތިއްބެވި އެމް.ޕީން ނަށް ބަލައިފިކަމަށްވަންޏާމު މުޢާޒަކީ ހަމަ ހަޤީޤަތުގައިވެސް ވަރަށް ރަނގަޅަށް މަސައްކަތްކޮށްފަ ހުރި އެމް.ޕީ.އެއް. އެހެންވީމަ އަހަރެންގެ ވަރަށް ބޮޑު އެދުމެއް އެއީ އެއްވެސް އެހެން ވިސްނުމަކަށް ނުދިޔުން. މުޢާޒާއި އެކު ތިކުދިން މަސައްކަތް ކޮށްދެއްވާ. އަހަރެން ވަރަށް އެދެން، މުޢާޒު ނެގުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދިނުމަށް." ރައީސް ޔާމީން ވިދާޅުވިއެވެ.
ހަމައެހެންމެ، ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރަށް މިވީ ފަސް މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފައިދާވާނެ އެއްވެސް މަސައްކަތެއް ކޮށްދެވިފައިނުވާ ކަމަށާއި، މީހުން ފަހަތުން ދުވެ، މީހުންނަށް އަނިޔާ ކުރުމަކީ، މަޖިލިސް އިންތިޚާބުގައި ގޮނޑި ހޯދަން ކުރަންޖެހޭ މަސައްކަތް ނޫން ކަމަށެވެ.
"މި ސަރުކާރަށް އަދި އެއް ނެތް އެއްވެސް މަސައްކަތެއް ރައްޔިތުންނަށް ކޮށްދެވިފައެއް. އަބަދުވެސް މި ކުރާ ކަމަކީ ތަންތަނަށް ދަތުރު ކުރުމާއި އެކީ، ވާހަކަ ދައްވާފަ، މީހުންގެ ފަހަތުން ދުވެ މީހުންނަށް އަނިޔާކުރުން ނޫން ކަމެއް އަދިއެއް ނުކުރޭ. މީ އިންތިޚާބުގައި ގޮނޑި ހޯދަން ކުރަންޖެހޭ މަސައްކަތެއް ނޫން. އިންތީޚާބުގައި ގޮނޑި ހޯދަން ކުރަންޖެހޭ މަސައްކަތަކީ ކޮންމެ ބަޔަކުވެސް ނިކުމެ، ރައްޔިތުންގެ ހައްޤުގައި ކޮށްދެވޭނީ ކޮންކަމެއްތޯ ބެލުން." ރައީސް ޔާމީން ވިދާޅުވިއެވެ.
ވޭތުވެދިޔަ ފަސް އަހަރު ދުވަހު ތެރޭގައި، މަޑަވެލި ދާއިރާގެ މެމްބަރުގެ ޙައިޞިއްޔަތުން މުޢާޒު ވަނީ އެ ދާއިރާއަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން މަޑަވެލީގެ ބަނދަރާއި، ހައުސިން ޔުނިޓްތަކާއި، ކޯޒްވޭގެ މަސައްކަތަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެ. އަދި މަޑަވެލީގެ ފެނާއި ނަރުދަމާގެ މަސައްކަތްވެސް ވަނީ ބަޔަކާއި ހަވާލުކުރެވި، ޢަމަލީ މަސައްކަތްފެށުމަށް ތައްޔާރުވެފައެވެ.
ހަމައެހެންމެ، ނަޑެއްލާ އާއި ހޯޑެއްދޫއަށް ބެލިކަމުގައިވިޔަސް، ކުލާސްރޫމުގެ އިމާރާތްތަކާއި، ފުޓްސަލް ދަނޑުގެ މަސައްކަތްވެސް ވަނީ މުޢާޒުގެ ފަސް އަހަރުގެ ތެރޭގައި ކޮށްދެއްވާފައެވެ. މީގެ އިތުރުން، ނަޑެއްލާގެ ކައުންސިލްގެ އައު އިމާރާތާއި، ހޯޑެއްދޫގެ ޔޫތު ސެންޓަރުގެ އިމާރާތަކީވެސް، މުޢާޒުގެ މަސައްކަތުން ހޯއްދަވާފައިވާ ބޮޑެތި ޕްރޮޖެކްޓް ތަކެކެވެ. އަދި މި އަހަރުގެ ބަޖެޓުގައި ހިމަނާފައިއޮތް ހޯޑެއްދޫ ބަނދަރުގެ މަޝްރޫޢަކީވެސް، މުޢާޒުގެ ފުރިހަމަ ހިއްސާއާއި އެކު ހިމަނާފައިވާ މަޝްރޫޢުއެކެވެ.
ފާއިތުވި 35 އަހަރުގެ ތެރޭގައި ހުއްޓިފައިއޮތް މަޑަވެލި ދާއިރާގެ ތަރައްޤީ އަނބުރާ ރައްޔިތުންނަށް ހޯދައިދީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، ޕީ.ޕީ.އެމް ޓިކެޓުގައި، މުޢާޒު ކުރިމަތި ލައްވަނީ، އެ ދާއިރާގެ ތަރައްޤީ އެހެން ހަރުފަތަކަށް ގެންދިއުމުގެ ވަރުގަދަ ޢަޒުމުގައެވެ. އަދި ނިމިގެންމިދާ ރައްޔިތުންގެ މަޖިލީހުގައި މުޢާޒު ފާހަގަކުރެވިފައިވަނީ، އަޚުލާޤު ރަނގަޅު، އެހެން މެމްބަރުންނަށް ނަމޫނާ މެމްބަރެއްގެ ގޮތުގައެވެ.
މުޢާޒަކީ ދާއިރާގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވި، އިޚުލާޞްތެރިއެއް - ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ