ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރަންޖެހޭ، އެފިޔަވަޅު މަޖިލީހުން އަޅަންޖެހޭ : ޝަރީފު

ސުޕްރީމް ކޯޓުން ކަންކަން ކުރަމުންދާ ގޮތަށް ބަލާއިރު، އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުން މަގާމުން ވަކި ކުރުމަކީ ކޮންމެހެން ކުރަަންޖެހޭނެ ކަމެއް ކަމަށާއި، އެ ފިޔަވަޅު، ރައްޔިތުންގެ މަޖިލީހުން އަޅަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުނުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްްކަވަމުންނެވެ.
މިބިލުުގެ ބަހުސްގައި ޝަރީފް މިހެން ވިދާޅުވީ، ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް މިމަހު 19 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަށް އިޝާރާތް ކުރައްވައެވެ.
ޝަރީފް ވިދާޅުވީ، ތިންސަތޭކަ ސާޅީސް އެތައް މިލިޔަން ރުފިޔާއެއް ކުންފުނަޏަކަށް ދިނުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ދިވެހި ރައްޔިތުންގެ ފައިސާއިން އެއްވެސް ހައްގަކާނުލައި ބަޔަކަށް ފައިސާ ދިނުމަށް ކުރި ހުކުމެއް ކަމަށެވެ.
"އެފަދަ ގޮތަކަށް ކަންކަން ކުރެވޭނަމަ އެ މުއައްސަސާ، ނުވަތަ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން މަގާމުން ވަކި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެކަމެއް ކަމުގައި އަޅުގަނޑު ދެކެން. އެ ފިޔަވަޅު މި މަޖިލީހުން އަޅަން އެބަޖެހޭ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ރައްޔިތުންގެ ފައިސާ ހިމާޔަތް ކުރުމަކީ ސުޕްރީމް ކޯޓުގެވެސް މަސްއޫލިއްޔަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ