ގާސިމް، އަބްދުﷲ ރިޔާޒަށް: ކްރެޓިޑް ނެގުމަށް ފާޑުފާޑު ވާހަކަ ނުދެއްކުން އެދެން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް، "ކްރެޑިޓް ނެގުމަށް" ފާޑުފާޑުގެ ވާހަކަ ނުދެއްކުމަށް އެދި ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކޮށްފައިވާ މީހުންނަށް އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަމާއި ވީއައިޕީ ހިދުމަތް ހޯދުމަށް ހުށަހަޅާފައިވާ ގިނަ ބިލްތަކަކަށް ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވާއިރު، ރިޔާޒު ވަނީ އެބިލްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެމްބަރުން އެކަމުގައި ހިމެނިވަޑައިގަންނަވާތީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.
"ހަމަގައިމުވެސް އަޅުގަނޑު އެޕާޓީއަކަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ އަސާސްތަކުގެ ތެރޭގައި އޮންނަ އެއްވާހަކައަކީ އެންމެ ނިކަމެތި މީހުންނާއި އެންމެ މުއްސަނދި މީހުންނާ ދޭތެރޭ އޮންނަ ފަރަގު ކުޑަކުރުން، އެއީ މަސައްކަތެއް ކަމުގައި ވާންވާނެ ކަމަށް. އަޅުގަނޑުމެން މިއަދު މިކުރާ މަސައްކަތަކީ އެފަރަގު ކުޑަކުރަނީކީ ނޫން. މޮޅު މީހާއަށް މޮޅެތި ގޮތް ހޯދައިދޭން އަދިވެސް މަސައްކަތް ކުރެވެނީ. އެހެންވީމަ މިއަދު އެޖެންޑާގައި ހުރި ގިނަ ކަންތައްތަކަށް ތާއީދު ނުކުރެވޭ ވާހަކަ މިފުރުސަތުގައި އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައި ހުންނަ އެންމެ ކުޑަ އުޖޫރަ، ކަނޑައެޅުން ލާޒިމް ކުރާގޮތަށް ގާނޫނު އޮތްއިރުގައިވެސް 18 ވަނަ މަޖިލިސް މިނިންމާލަންޖެހެނީ، އެހައްގުވެސް އެމީހުންނަށް ހޯދައިނުދީ. އަޅުގަނޑުގެ ދާއިރާގެ ފަސް ރަށުގެ ރައްޔިތުން ބޭނުންވާ ފެނާއި ނަރުދަމާގެ ހައްގު ހޯދައި ނުދީ، އަދި އެތައް ރައްޔިތަކަށް އެކަންނުކުރެވި ދިޔައީ. ހަމަ ވަގުތީ ކޮމެޓީ ހަދައިގެން މިއަދު އެއަށްވުރެ މުހިއްމުކަމެއް ނެތް ކަމަށް ގަބޫލުކުރައްވާ މިއަށް ވާކާލާތު ކުރެއްވި ބޭފުޅުން، އެބޭފުޅުން މިތާނގައި ސުޕަ މެޖޯރިޓީ އޮވެގެން، މަޖިލީހުން އެތައް ބައެއްގެ ހައްގުތައް ހުއްޓުވައި، މަޖިލީހަށް ވަނަނުދީ ހުރި ހުރިހާ މަސައްކަތެއްކޮށް، ވޭތުވެދިޔަ ދިހަ އަހަރު ވެގެންދިޔައިރު ކީއްވެގެންތޯ އެކަން ނުކުރެވިދިޔައީ، ކީއްވެތޯ އެ ފަނޑިޔާރަށް އިނާޔަތް ދިނުމަށް ބިލެއް ހުށަހަޅުއްވައިގެން ކުރިއަށް ނުގެންދެވީ. މިރާއްޖޭގެ ރައްޔިތުންގެ ހައްގުތަށް ފުރިހަމަކޮށް ނުދެއްވީ ކީއްވެތޯ،" ރިޔާޒު ވިދާޅުވި އެވެ.
މީގެއިތުރުން ރިޔާޒު ވިދާޅުވީ މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލިސް ނިމެންދާއިރު، އިނާޔަތްތަކާއި ރައްކާތެރިކަން ހޯދުމަށް 19 ވަނަ މަޖިލީހަށް އިންތިހާބު ވެފައިނުވާ މެމްބަރުން އުޅުއްވަމުންދާއިރު، ރާއްޖޭގެ ގިނަ ރައްޔިތުންތިބީ ގާނޫނުއަސާސީން ކަށަވަރު ކޮށްދެންޖެހޭ އަސާސީ ހައްގުތައް ވެސް ނުލިބި ކަމަށެވެ.
"ރައްޔިތުން މިއަދު ނޫނެކޭ ބުނީމައި، ބައެއް މެމްބަރުންނާ ދޭތެރޭގައި އެބޭފުޅުންގެ އަމަލުތައް ހުރިގޮތާއި، ސިޔާސަތުތަކަށް ނޫނެކޭ ބުނި، އެކަންކަން އަޅުގަނޑުމެން މިއަދު ގަބޫލުކުރަންޖެހޭ. އަޅުގަނޑުމެން މިއަދު އެންމެފަހުން ނިންމާލާފައި ދާއިރުގާ މާދަމާގެ މަޖިލީހަކުން ކުރަންޖެހޭ ކަންތައްތައް ބައިވަރު. އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑުމެންނަށް ލިބެންޖެހޭ އިނާޔަތްތަކާއި މުސާރައާ އެއްޗެއްހި އަޅުގަނޑުމެން އަމިއްލައަށް ކަނޑައެޅުން، އެއީކީ އެންމެ ނަޒާހަތްތެރި ގޮތް ކަމަށް. އެއީކީ ނޫން ދުނިޔޭގެ ޑިމޮކްރަސީތަކުގައި ކަންކަން ކުރާ ގޮތަކީ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒުގެ އެވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި ގާސިމް ވިދާޅުވީ މެމްބަރުން ހުށަހަޅާ ބިލްތައް މަޖިލީހުގެ ތަޅުމަށް އެޖެންޑާ ކުރުމަކީ މަޖިލީހުގެ ރައީސްގެ ވާޖިބެއް ކަމަށެވެ. އަދި ބިލްތަކާ ގުޅޭގޮތުން، އަމިއްލައަށް ކްރެޑިޓް ނެންގުމަށް ފާޑުފާޑުގެ ވާހަކަ ނުދެއްކެވުމަށްވެސް ގާސިމް ރިޔާޒުގެ ކިބައިން އެދިލެއްވި އެވެ.
"އިއްޒަތްތެރި މެމްބަރު އެޖެންޑާއަށް ހުށަހެޅިފައިވާ ކަންތައްތަކަށް ހިތްޕުޅު ހަމަޖެހިވަޑައި ނުގަތުމަކީ އެހެންމައްސަލައެއް. އެހެންނަމަވެސް މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ މެމްބަރަކު ހުށަހަޅުއްވާ މައްސަލަތައް އެޖެންޑާ ކޮށްގެން ގެންދިއުމަކީ މިމަޖިލީހުގައި މިތާ އިންނަ (މަޖިލީހުގެ ރައީސް ކަމުގައި) މީހެއްގެ ވާޖިބެއް ކަމަށްވާތީ ހަނދުމަފުޅުކޮށް އެރުވުމަށްޓަކައި އެވާހަކަ ދަންނަވާލަން. މަޖިލީހުގައި ބަހުސް ކުރައްވާއިރު، ވާހަކަފުޅު ދައްކަވާއިރު، އަމިއްލައަށް ކްރެޑިޓް ނަންގަވަން ފާޑުފާޑުގެ ވާހަކަފުޅު ދެއްކެވުމަކީ ކުރައްވައިގެން ވާނެ ކަމެއް ނޫން،" މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
މީގެއިތުރުން ރިޔާޒު ވިދާޅުވީ މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުން ހުށަހަޅާ ބިލްތަކާމެދު ލަދުވެތިވާ ކަމަށެވެ. އަދި އަމިއްލައަށް އިނާޔަތް ހޯދުމަށް މަޖިލީހަށް ބިލްތައް ހުށަހެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"18 ވަނަ މަޖިލިސް ނިމޭ ދުވަހު މިއަދުގެ އެޖެންޑާ ބަލާލާފަ އަޅުގަނޑު ވަރަށް ލަދުވެތިވާ ވާހަކަ ދަންނަވަން. މިހެން މިދެންނެވީ، މިއަދު މިއޮތީ ވަކި ފަނޑިޔާރަކަށް އިނާޔަތް ހޯދާދިނުމުގެ ބިލާއި، މަޖިލީހުން ނިމިގެންދާއިރުގައި ނުހޮވުނު (19 ވަނަ މަޖިލީހަށް) ބަޔަކަށް އިނާޔަތާއި ފުރުސަތުތަކާއި ކަންކަން ފަހިވާނެ ގޮތަށް ހުށަހަޅާފައިވާ ބިލްތަކެއް. މި 18 ވަނަ މަޖިލިސް ނިމިގެންދާއިރުގައި އަޅުގަނޑު އެދާއިރާއަކަށް ނިސްބަތްވާ ކިނބިދޫ ދާއިރާގެ ފަސް ރަށުގައި ދިވެހިރާއްޖޭގެ ގާނޫނުއަސާސީން އެމީހުންނަށް ޔަގީންކޮށް ދޭންޖެހޭ އަސާސީ ހައްގުތައް، ފެނާއި ނަރުދަމާގެ ހައްގު އަދާކޮށްފައި ނެތް. އެރަށްރަށުގައި މަގުތަކުގައި ކުނިކަހާ މީހުންނަށް ލިބޭ އެންމެ އާދައިގެ މުސާރަ ނުވަތަ އުޖޫރައަކީ 2000 ރުފިޔާ. އިއްޒަތްތެރި ރައީސް މިއީކީ ނޫން އަޅުގަނޑުމެންގެ ވިސްނުން ހުންނާންވާނެ ގޮތަކީ،" ރިޔާޒު ވިދާޅުވި އެވެ.
މިއަދު މަޖިލީހުން މި ބާއްވަނީ މިހާރު ހިނގަމުންދާ 18 ވަނަ މަޖލީހުގެ ފަހު ޖަލްސާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ