އެމްޑީޕީން ފައިސާ އެޅީ ވާރޭ ވެހޭ ގޮތަށް: ގާސިމް

އިއްޔެ ބޭއްވުނު 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުން ސަރުކާރު ކޯލިޝަނުގައި އޮތް ކަމަށް ބުނާ ޖުމުހޫރީ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީ އަކީ "ވަގުންނާ" ހެދި ލިބުނު ނާކާމިޔާބީއެއް ނޫން ކަމަށް ވިދާޅުވެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ޖޭޕީގެ ލީޑަޝިޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ގާސިމްގެ ގޮނޑިއާއެކު މި އިންތިޚާބުގައި ޖޭޕީއަށް އެންމެ 6 ގޮނޑި ކާމިޔާބުކުރެވުނުއިރު ޕާޓީގެ ރައީސް އަލީ ވަހީދު ވަނީ ނާކާމިޔާބުވީ ޔާމީނަށް ބައިއަތު ހިފުމުން ކަމަށް ވިދާޅުވެފައެވެ. ފާޅުގައި އަލީ ވަހީދު އެހެން ވިދާޅުވެފައިވަނިކޮށް ޚަބަރު ލިބޭ ގޮތުގައި ޖޭޕީގެ އެތެރޭގައި ވެސް މައްސަލަ ވަރަށް ހޫނުވެގެން ދިޔައެވެ.
ޖޭޕީން މިފަހަރު "ވަގަކާ" ބައިއަތު ހިފައިފި ކަމަށާއި އިންތިޚާބު ނާކާމިޔާބުވީ "ވަގުން" ވެއްދުމުން ކަމަށް ބުނެ ކައުންސިލް މެމްބަރުންނާއި އިސް ސަފުގައި ތިއްބެވި ބޭފުޅުން ވައިބާ/ވަޓްސްއަޕް ގްރޫޕުތަކުގައި ލިޔަން ފެށުމުން ގާސިމް ވަނީ ކޯފާއިސްކުރައްވާފައެވެ. ގާސިމް ވަނީ އެބޭފުޅުންނަށް ރައްދު ދެއްވައި އިންތިޚާބުގައި ޖޭޕީއަށް ގޮނޑިއެއް ހޯދާދިނުމަށް ކުރެއްވީ ކޮންކަމެއްތޯ ސުވާލު އުފައްދާފައެވެ.
މީގެ އިތުރުން ގާސިމް ވަނީ އިންތިޚާބަށް ދެ ދުވަހަށް ވެފައިވަނިކޮށް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އަދި އިންތިޚާބުގެ ބޮޑު އަޣުލަބިއްޔަތެއް ނެގި އެމްޑީޕީން، އުޑުން ވާރޭ ވެހޭ ގޮތަށް ފައިސާ އަޅާލި ކަމަށް ތުހުމަތު ކުރައްވާފައެވެ.
ގާސިމް ވަނީ އެމްޑީޕީން ލާރި ބަހަމުން ދިޔައިރުވެސް ޖޭޕީ ބޭފުޅުން ތިއްބެވީ ޕާޓީއަށާއި ގާސިމަށް ބަވަން ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު މާ އަޑުގަދަ ކުރެއްވުމުގެ ބޭނުމެއް ނެތް ކަމަށާއި އެބޭފުޅަކަށް ފެންނަ ގޮތަކަށް ކަން ކޮށްލެއްވުމަށް ބުނެ ވާހަކަ ކުރުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ