ހިތަދޫ ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ނާޒިލްގެ ކެމްޕެއިން ޓީމް މެމްބަރުންނަށް 30 އުމްރާ ދަތުރު!

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާއަށް އިންތިހާބުވެ ވަޑައިގަތް އިބުރާހިމް ނާޒިލްގެ ކެމްޕެއިން ޓީމް މެމްބަރުންގެ ތެރެއިން 30 މީހަކަށް އުމްރާ ދަތުރުދޭން ނިންމައިފިއެވެ.
ކެމްޕެއިން ޓީމުން ކުރެއްވެވި ބުރަ މަސައްކަތަށް ޝުކުރުވެރިވާކަމަށާއި އެގޮތުން ކުރިއަށް އޮތް 5 އަހަރު ދުވަހަށް ބަހާލައިގެން ކޮންމެ އަހަރަކު 5 މީހުން އުމުރާ އަށް ފޮނުވުމަށް މަސައްކަތް ކުރައްވަވާނެ ކަމަށް ނާޒިލްއާއި ހަވާލާދީ އޭއޯ ނިއުސްގައި ވެއެވެ. އަދި ދައުރު ފެށުމުގެ ކުރިން މިރަމަޟާން މަހު ވެސް އިތުރު 5 މީހަކު އުމުރާއަށް ފޮނުވާގޮތަށް ހަމަޖެހިފައިވާކަމަށްވެސް އެ ނޫހުގައި ޝާއިޢު ކޮށްފައިވެއެވެ.
“ކެމްޕެއިންޓީމުގައި ހަރަކާތްތެރިވި މެމްބަރުންގެ ތެރެއިން ކޮންމެ އަހަރަކަށް 5 މެމްބަރަކަށް މި ފުރުސަތު މިދެނީ. މިއަހަރު ފުރަތަމަ 5 މީހުން ނަށް އެފުރުސަތު ދެވޭނެ. އަދި ކުރިއަށް އޮތް 5 އަހަރު އިތުރު 5 މީހުން ފޮނުވައިދޭ ގޮތަށް މިއޮތީ. އެހެންވީމާ ދައުރު ނިމޭއިރު 30 މީހުންނަށް އެ ފުރުސަތު ދޭން ބޭނުންވަނީ” ނާޒިލް ވިދާޅުވިއެވެ.
ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް ގެ މަގާމުވެސް ފުރުއްވަވަމުން ގެންދަވާ ނާޒިލް ވަނީ ރަސްމީކޮށް ދާއިރާގައި އޮފީހެއް ހުޅުވައި ދާއިރާގެ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ކޮށްދެވޭނެ މަގު ފަހިކޮށްފައެވެ.
19 މަޖިލިހަށް އިތިހާބުވި މެމްބަރުންގެ ތެރެއިން މުޅި ރާއްޖެއިން އެންމެ މަތިން ވޯޓް ހޯއްދަވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވީ ވެސް ނާޒިލްއެވެ. އަމިއްލަ ގޮތުން އެ ދާއިރާއަށް ވާދަކުރެއްވި ތިން ކެންޑިޑޭޓުން ފަހަތަށް ޖައްސާލުމަށްފަހު ތަނަވަސް އަޣުލަބިއްޔަތުން ނާޒިލް އެގޮނޑި ކާމިޔާބު ކުރެއްވީ 1930 ވޯޓް ހޯއްދަވައިގެންނެވެ. އެއީ ވޯޓުގެ %70.28އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ