ޖޭއެސްސީގެ މެމްބަރު ކަމަށް ނަޝީދު އައްޔަންކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އައްޔަން ކުރައްވައިފިއެވެ.ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ނަޝީދު އެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ރައީސް އޮފީހުގައި ރޭ ދަންވަރުގެ ވަގުތެއްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޖޭއެސްސީގެ މެންބަރު ކަމަށް ނަޝީދު އައްޔަން ކުރެއްވުމާ ގުޅިގެން، އެމަނިކުފާނު ވަނީ، އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވާ ރައީސްގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. ރައީސް ނަޝީދަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު ޢަބްދުﷲ ދީދީ. އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ނަޝީދަށް އަރުވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ، ވަރަށް ގިނަ ބައެއްގެ އުއްމީދު ތަކާއި ގުޅިފައިވާ މަޖިލީހެއް ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ވީހާ ވެސް ހަލުއިކަމާއި އޮމާންކަމާއި އިންސާފުވެރިކަމާއެކު، މަޖިލީހުގެ އާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ. އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޝްވަރާ އާއި އެހީތެރިކަމާއެކު، ވީހާވެސް އިންޞާފުވެރި ކަމާއިއެކު މަޖިލީހުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި، ޤައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދެއްވާނެ ކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ