ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ އިހުމާލުވެފައި: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިނުމުގެ ކުރިން އެކަމުގެ މައުލޫމާތު ލިބި، އެކަމަށް ފިޔަވަޅު ނޭޅުއްވުމަކީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި މިނިސްޓަރުކަމުން އޭނާ އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.ދިވެހި އަސްކަރިއްޔާގައިވެސް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އުމަރު މިހެން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އަހަވާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާއި ގުޅިގެން އެ މައުލޫމާތު ރައީސް މުހައްމަދު ނަޝީދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ހިއްސާ ކުރެއްވި ކަމަށް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވުމާއި ގުޅިގެންނެވެ.ރާއްޖެ އެމްވީއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މާރިޔާ ވަނީ މެންބަރު އިލްޔާސް ލަބީބް ގުޅުއްވިކަމަށާއި އަދި ޓެރަރިސްޓް ހަމަލާ ދިނުމުގެ ކުރިން އެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެއްބަސް ވެފައެވެ. "މެންބަރަކު އަޅުގަނޑަށް ގުޅުއްވި، ވިދާޅުވީ ރައީސް ނަޝީދަށް ބަޔަކު ތިން މިލިއަން ޑޮލަރު ދީގެން ހަމަލާއެއް ދޭން އުޅޭ ކަމުގެ ވާހަކައެއް އަޑުއެހީމޭ، މާރީ ރައީސަށް ބައްލަވައްޗޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ތިކަން ބަލަމުން ދާނަމޭ، ތިކަމަކީ ޖިނާއީ ކަމަކަށްވާތީ މެންބަރުވެސް ތިވާހަކަ ސީޕީއަށް އަންގަވައްޗޭ، އަދި ތިކަހަލަ ވާހަކައެއް އަޑުއިވުނުކަން ރައީސް ނަޝީދަށްވެސް ދަންނަވައްޗޭ، އެހެން ބުނުމުން މެންބަރު ވިދާޅުވީ މާރީ އަންގާލާށޭ، އެހިސާބުންވެސް އަޅުގަނޑު ތަކުރާރުކޮށް ދެންނެވިން ފުލުހުންނަށްވެސް އޭގައި ހިމެނޭ ޖިނާއީ ބައި މެންބަރު އަންގަވަން،" ރާއްޖެ އެމްވީއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު މާރިޔާ ވިދާޅުވެފައިވެ އެވެ.އެކަމާ ގުޅިގެން އުމަރު ވިދާޅުވީ މިނިސްޓަރ މާރިޔާ އަށް މައުލޫމާތު ލިބި އެކަމަށް ފިޔަވަޅު ނާޅުއްވާ އޮއްވާ، ރައީސް ނަޝީދު އަށް ހަމަލާއެއް ދިނުމަކީ މިނިސްޓަރުގެ ވަރަށް ބޮޑު އިހުމާލެއް ކަމަށާއި މިއީ އެކަމަނާ ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމެއް ކަމަށެވެ.އަދި މިފަދަ ސީރިއަސް އިހުމާލު ތަކުގައި ޒިންމާ ނުނަންގަވާ ރެކެވޭނެ އެއްވެސް ގޮތެއް އޮވެގެން ނުވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ."3 މިލިއަން ޑޮލަރު ހުށަހަޅައިގެން މިފަދަ ނުރައްކާތެރި ކަމެއް ރާވާ ކަމުގެ މަޢުލޫމާތު މަޖްލިސް ގެ މެންބަރަކު މިނިސްޓަރ މާރިޔާ އަށް ފޯރުކޮށް ދިނުމުން އެކަން ފުލުހުންނަށް އެންގުމަކީ މިނިސްޓަރ މާރިޔާގެ ޤާނޫނީ ޒިންމާއެއް. އިސްތިއުފާ ދެއްވާ" އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުންނަމަ، ނަޝީދަށް އަމާޒުވި ހަަމަލާއާ ގުޅޭ މައުލޫމާތެއް ފުލުހުންނާ ހިސާބަށް ގޮސްފައެއް ނުވެ އެވެ. ހަމީދު ވެސް ވިދާޅުވެފައިވާ ގޮތުގައި، ނަޝީދަށް އަބަދުވެސް ނުރައްކާ އޮންނަ ކަމަށާއި ނަމަވެސް ސީދާ ހަމަލާއާ ގުޅޭ މައުލޫމާތެއް ނުލިބޭ ކަމަށެވެ. ބޮމެއް ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެމްއެންޑީއެފުން ބޭއްވި މީޑިއާ ބްރީފިން އެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައި ވަނީ ނަޝީދަށް ނުރައްކާ އޮތް ކަމުގެ އިންޓެލް އިންޕުޓް ލިބެމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން އެ މަނިކުފާގެ ސެކިއުރިޓީ ކުރިއަށް ވުރެ ވަރުގަދަ ކޮށްފައިވާ ކަމަށްް ވެސް ވިދާޅުވި އެވެ.ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ކުރުނބާގައި އޮތް ބައްދަލުވުމަކަށް ވަޑައިގަންނަވަން، ގެއިން ނިކުމެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެންނެވެ. ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ އެއީ ސީދާ އެމަނިކުފާނަށް އަމާޒުކޮށް ގޮއްވާލި އެއްޗެއްކަމަށެވެ. އަދި އެކަމުގެ ފަހަތުގައި ވަނީ ދީނީ ހަރުކަށި ފިކުރުގެ ފަރާތްތައް ކަމަށެވެ.ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ހަމަލާއާ ގުޅިގެން ތިން މީހަކު މިހާތަނަށް ފުލުހުންގެ ބެލުމެގެ ދަށަށް ގެނެސްފައިވެއެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރާއި ގުޅޭ މީހުން ކަމަށް ފުލުހުން ހާމަކޮށްފައިވާއިރު އެ ހަމަލާގެ ޒިންމާ ހަރުަކަށި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެއެވެ. މި މައްސަލައިގެ އަޑީގައި ބަޔަކު ތިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފާއިރު އެ އެންމެން ވެސް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު ރައިސް ނަޝީދު މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ