މަޝްހޫރު ކަޕޫރު އާއިލާގެ މެމްބަރު ރަޖީވް ކަޕޫރު މަރުވެއްޖެ

އިންޑިއާގެ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އާއިލާއަށް ނިސްބަތްވާ އެކްޓަރު/ޕްރޮޑިއުސަރު ރަޖީވް ކަޕޫރު މަރުވެއްޖެއެވެ.
ރަޖީވް ކަޕޫރު 58، މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައި ހާޓްއެޓޭކެއް ޖެހިގެންނެވެ.
އޭނާއަށް އަވަސްފަރުވާ ދިނުމަށް ގެއާއި އެންމެ ކައިރީގައިހުރި އިންލެކްސް ހޮސްޕިޓަލްއަށް ގެންދެވުނުއިރުވެސް މަރުވެފައިކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެއެވެ.
ރަޖީވް ކަޕޫރަކީ އެއާއިލާގެ އެހެން މެމްބަރުންނާ އަޅާބަލާއިރު ފިލްމު ކުޅެގެން މާބޮޑު ކާމިޔާބީއެއް އަދި މަޝްހޫރުކަމެއްވެސް ލިބުނު އެކްޓަރެއް ނޫނެވެ.
އޭނާގެ ކެރިއަރުގައި ކުޅެފައިވާ ފިލްމުތަކަށް ބަލާއިރު ގިނަ ބަޔަކަށް އެންމެ ކަމުދިޔަ އެއް ފިލްމަކީ 1985 ވަނަ އަހަރު އޭނާގެ ބައްޕަ ރާޖް ކަޕޫރު ގެނެސްދީފައިވާ "ރާމް ތެރީ ގަންގާ މޭލީ" މިފިލްމެވެ.
ރަޖީވް ކަޕޫރު މަރުވިއިރު އޭނާވަނީ މަޝްހޫރު ޑައިރެކްޓަރު އާޝުތޯޝް ގޮވަރިކަރގެ ފިލްމެއް ކުޅެން ސޮއިވެސް ކޮށްފައެވެ.
ފިލްމުގެ ބައެއް މަންޒަރުތައް ޝޫޓްކޮށްފައިވާއިރު ޑައިރެކްޓަރު އާޝުތޯޝްވަނީ މިފިލްމު ނެރޭއިރު ރާޖީވް ކަޕޫރުގެ ފަޅުކަން ފިލްމުން ފެނިގެންދާނެކަމަށް ބުނެފައެވެ. އަދި ފިލްމުގެ ސެޓްގައި އެކްޓަރާއެކު ހޭދަކުރެވުނު ވަގުތުތައް އަބަދުވެސް ހަނދާނުގައި ހުންނާނެކަމަށް އާޝުތޯޝްވަނީ ބުނެފައެވެ.
ރަޖީވް ކަޕޫރުވަނީ 1990 ގެ އަހަރުތަކުގެތެރޭގައި ރިލީޒްވެފައިވާ ބައެއް ފިލްމުތަކުގައި ޕްރޮޑިއުސްކޮށްފައެވެ. މީގެތެރޭގައި ބޭބެ ރިޝީ ކަޕޫރު ޑައިރެކްޓްކޮށްފައިވާ ފިލްމު "އާ އަބް ލޯޓް ޗަލޭ" ރަންދީރް ކަޕޫރު ޑައިރެކްޓްކޮށްފައިވާ ފިލްމު "ހީނާ" އަދި ރަޖީވްގެ ފުރަތަމަ ޑައިރެކްޝަން "ޕްރޭމް ގްރާންތް" ހިމެނެއެވެ.
ރާޖީވް ކަޕޫރުވަނީ 2001 ވަނަ އަހަރު އާކިޓެކްޗައެއްކަމަށްވާ އާރތީ ސަބަރްވާލްއާ ކައިވެނިކޮށްފައެވެ. އެހެންނަމަވެސް މިކައިވެނި މާގިނަ ދުވަހު ކާމިޔާބުކަމާއެކީ ކުރިއަށް ނުގޮސްވަނީ ރޫޅިފައެވެ.
ރަޖީވް ކަޕޫރު މަރުވިއިރު އޭނާގެ ދަރިއަކު ނެތެވެ.
ރަޖީވްގެ ކުއްލި މަރާއެކު އިންޑިއާގެ ހިންދީ ސިނަމާގައި މަސައްކަތްކުރާ ގިނަ ބަޔަކުވަނީ ކަޕޫރު އާއިލާއަށް ތައުޒިޔާގެ މެސެޖްތައް ފޮނުވާފައެވެ.
ރަޖީވް ކަޕޫރުގެ ޖަނާޒާގައި އާއިލާގެ ގިނަ ބަޔަކުވަނީ ބައިވެރިއެވެ. އަދި ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންފަދަ ތަރިންވެސް ބައިވެރިވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ