އިންސާފުވެރި އިންތިޚާބެއް ބާއްވައިދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންފި

އިންސާފުވެރިކަމާއެކު ހަމަހަމަ އިންތިޚާބެއް ބާއްވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިކަމަށް އެދިވަޑައިގަތީ މިއަދު ޖަލްސާ ފައްޓަވައިދެއްވާ ރިޔާސަތުން އަންގާ އެންގުންތައް އިއުލާން ކުރައްވަމުންނެވެ.
ޖަލްސާ ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމުގެ ކުރިން އޮންނަ އެންމެ ފަހުގެ ޖަލްސާ ކަމަށްވުމާއެކު އިންސާފުވެރި އަދި ހަަމަހަމަ ކަމާއެކު އަންނަ އިންތިޚާބު ބާއްވައިދިނުމަށް އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަންނަ ހޮނިހިރު ދުވަހުގައި ބާއްވާ ކައުންސިލް އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށް ހައްދަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި އިރު އިންތިޚާބަކީ ސަރުކާރުގެ ނުފޫޒެއްނެތި މިނިވަންކަމާއެކު ބާއްވާނެ އިންތިޚާބަކަށް ވާނޭ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.
މި އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ދެލައްކަ ހަތްދިހަ ދެހާސް ހަތަރު ސަތޭކަ އަށްޑިހަ މީހުންނަށް ލިބިފައިވާއިރު ވޯޓް ކަރުދާސް ޗާޕުކުރަން ކޮމިޝަނުން ނިންމާފައިވަނީ މި އަދަދަށްވުރެ އެއް އިންސައްތަ އިތުރުކޮށެވެ.
މާލެ ސިޓީން ވޯޓު ދިނުމުގެ ހައްގު 51,499 މީހުންނަށް ލިބިފައިވާއިރު އައްޑޫ ސިޓީން 25,055 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ. އަދި ފުވައްމުލަކު ސިޓީން 9,177 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ.
ކުޅުދުއްފުށި ސިޓީން 6,825 މީހުންނަށް ވޯޓު ދިނުމުގެ ހައްގު މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާއިރު އެހެނިހެން އަތޮޅުތައް ހިމެނޭ ގޮތަށް 179،924 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ވަނީ ލިބިފައި ކަމަށް ކޮމިޝަނުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ