މަނގޫދޫގެ މައްޗަށް ހެނބަދޫ އިން ކުރި ހޯދައިފި

ސިޔާމް މައުރޫފު ސޮކާ ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗް ފޯރި ގަދަ ކުޅުމަކަށް ފަހު މަނގޫދޫގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ހެނބަދޫ އިން ކުރި ހޯދައިފިއެވެ. ކުޑަފަރީ ބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެމެޗުގައި ފުރަތަމަ ލަނޑެއްޖަހާ ކުރި ހޯދީ ވެސް ހެނބަދޫ ޓީމުންނެވެ. ފުރަތަމަ ހާފްގެ 40 ވަނަ މިނެޓްގައި އެ ގޯލް ހެނބަދޫއަށް ކާމިޔާބް ކޮށްދިނީ ޖާޒީ ނަމްބަރު ފަހައް މުހައްމަދު ވަހީދު އެވެ. ސިޔާމް މައުރޫފު ސޮކާރ ކަޕްގައި މިއަދު ހަވީރު މަނގޫދޫއާއި ހެނބަދޫ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ހެނބަދޫ ޓީމުގެ ހުސައިން އަބްދުﷲ އަށް ޓްރޮފީ ހަވާލު ކޮށްދެއްވަނީ --- އެ ނަތީޖާގައި ހެނބަދޫ ކުރީގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގައި މަނގޫދޫ އިން ވަނީ ގޯލެއް ކާމިޔާބު ކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލް 80 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖާޒީ ނަމްބަރު ނުވަ އަކަށް ކުޅެމުން އަންނަ މުހައްމަދު އިރުޝާދުއެވެ. މަނގޫދޫ އިން ލަނޑެއް ޖަހައި ނަތީޖާ އެއްވަރު ކުރުމުން މެޗްގެ ފޯރި އިތުރަށް ގަދަވެ ހެނބަދޫއިން މަނގޫދޫގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަ ވާން އެއް މިނެޓަށް ވެފައި ވަނިކޮށް ހެނބަދޫގެ ޖާޒީ ނަމްބަރު 25 ހުސައިން އަބްދުﷲ ވަނީ ގޯލެއް ކާމިޔާބި ކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑް ނަގާފައެވެ. ނ. އަތޮޅުގެ ރަށް ތަކަށް އަމާޒު ކޮށްގެން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު ގެ އިސްނެގުމުގެ މަތިން އެ އަތޮޅުގައި ބާއްވަމުންދާ އެންމެ އަގުބޮޑު މުބާރާތުގެ ގުރޫޕް އޭގެ މެޗު ހެނބަދޫ އިން ކާމިޔާބުކޮށް، ފުޓުބޯޅަ ޓީމު އެ ރަށަށް އެނބުރި ދިއުމުން ރަށުގެ ރައްޔިތުންވަނީ ވަރަށް ހޫނު މަރުހަބާއެއް ވެސް ޓީމަށް ކިޔާފައެވެ. ސިޔާމް މައުރޫފު ސޮކާރ ކަޕްގައި މިއަދު ހަވީރު މަނގޫދޫއާއި ހެނބަދޫ ކުޅުނު މެޗު ކާމިޔާބް ކޮށް ހެނބަދޫ ޓީމު ރަށަށް ދިއުމުން އެ ޓީމުގެ ކުޅުންތެރިންގެ ކަރުގައި އެ ރަށު ރައްޔިތުންގެ ފަރާތުން މަލުގެ ހާރު އަޅުވާފައި --- އެގޮތުން ޗެމްޕިއަން ޓީމަކަށް އެއްލައްކަ އަދި ރަނަރަޕް ޓީމަކަށް ފަންސާސް ހާސް ރުފިޔާ ލިބޭ އެ މުބާރާތެގެ ސަބަބުން އެ އަތޮޅު ރަށްރަށުގެ ރައްޔިތުންގެ މެދުގައި އަންނަނީ އެކުވެރިކަމާއި ފުޓްބޯޅައިގެ ފޯރި ގަދަވަމުންނެވެ. މުބާރާތުގެ ކުޅުން މާދަމާ ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު މާދަމާ ހަވީރު ކުރިއަށްދާނީ ގުރޫޕް ބީގެ މެޗެކެވެ. އެ މެޗުގައި މާޅެންދޫ އިން ނިކުންނާނީ މާފަރާއި ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ