ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އިއްޔެ މާޅެންދޫއާއި ހެނބަދޫ ބައްދަލުކުރި މެޗު 2-2 ލަނޑުން އެއްވަރުވެގެން ނިމިއްޖެ އެވެ.
ކުޑަފަރީ ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ހާފްގައި މާޅެންދޫއިން ދެލަނޑުގެ ލީޑެއް ނެގި ނަމަވެސް ހެނބަދޫއިން ވަނީ ދެވަނަ ހާފްގައި ދެ ލަނޑު ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަކޮށްފަ އެވެ.
މެޗުގައި މާޅެންދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން ނަސީރުއާއި މުހައްމަދު ފައިސަލް އެވެ. އަދި ހެނބަދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ވަހީދުއާއި މުހައްމަދު ޝަރީފް އެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހެނބަދޫގެ ކެޕްޓަން ހުސައިން އަބްދުﷲ އެވެ.
މިމުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕް ބީގެ މެޗެކެވެ. މިއަދު ހަވީރު ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކުޑަފަރީއާއި ހޮޅުދޫ އެވެ.
މިމުބާރާތުގައި ނ. އަތޮޅުގެ ނުވަ ރަށަކުން ނުވަ ޓީމެއް ބައިވެރިވެފައިވެއެވެ. މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން މަނަދޫއާއި، ހެނބަދޫއާއި، މާފަރާއި، މަގޫދޫ އަދި މާޅެންދޫ އެވެ. ގްރޫޕް ބީގައި ހިމެނެނީ ކުޑަފަރީއާއި، ލަންދޫއާއި، ކެނދުކުޅުދޫ އަދި ހޮޅުދޫ އެވެ.
މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ ވެސް އެއްވަނަ އަދި ދެވަނަ ޓީމެވެ. ސެމީގެ މެޗުތައް މިމަހުގެ 29 އަދި 30 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ.
ގްރޫޕް އޭގައި މާޅެންދޫއާއި ހެނބަދޫ ބައްދަލުކުރި މެޗު އެއްވަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ