ޝީރީން މަރާލި މައްސަލައިގެ ޝަރީއަތް އަންނަ މަހު ނިންމާނަން: ގާޒީ

މަރާލުމަށް ފަހު ކުނިތަކެއްގެ ތެރެއަށް އެއްލާލާފައިވާ އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ ދައުވާ ލިބޭ މުހައްމަދު ނަޖާހުގެ މައްސަލަ އަންނަ މަހުގެ ތެރޭގައި ނިންމާނެ ކަމަށް، އެ މައްސަލަ ބައްލަވާ ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ. ގެއްލިގެން ހޯދަމުން ދަނިކޮށް، ހަދަމުން ދިޔަ އިމާރާތެއްގެ ކުނިތަކެއްގެ ތެރެއަށް ޝީރީން އެއްލާލާފައި އޮއްވައި ފެނުނީ ޖެނުއަރީ، 2010ގަ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރާ ނަޖާހަކީ ޝީރީންގެ ލޯބިވެރިޔާ އެވެ. މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ، ދެ ފަރާތުން ވެސް ހުލާސާ ބަޔާން ހުށަހަޅައިފަ އެވެ. ބަޔާން ހުށަހަޅައި ނިމުމުން، އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އަންނަ މަހުގެ ދުވަހެއްގައި މައްސަލަ ނިންމަވާނެ ކަމަށެވެ. ނަމަވެސް ސީދާ ވަކި ތާރީހެއް ކްރިމިނަލް ކޯޓުގެ އިސްގާޒީ ވިދާޅެއް ނުވެ އެވެ. "މި މައްސަލައިގެ އަޑުއެހުންތައް ނިމުނީ. މައްސަލަ ދިރާސާކުރުމަށް ފަހު އޭޕްރީލް މަހުގެ ތާރީހަކަށް، މައްސަލަ ނިންމުމަށް އަޅުގަނޑުމެން ތާވަލްކުރާނަން" އިސްގާޒީ ވިދާޅުވި އެވެ. ހުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުގެ ވަކީލާ އައިޝަތު ފަޒްނާ އަހުމަދު ވިދާޅުވީ ޝީރީނަށް ނަޖާހު އަނިޔާކުރާ ކަމަށާއި ޝީރީން މަރާލާނެ ކަމަށް ނަޖާހު ބުނެފައިވާކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި ޝީރީން ގެއްލުނު ދުވަހުގެ ރޭ ނަޖާހާއި ޝީރީން ކޮޓަރި އަށް ވަތް ފަހުން، ޝީރީންގެ ހަބަރެއް ނުވާ ކަމަށެވެ. ނަމަވެސް ނަޖާހު އިރުއިރުކޮޅާ ކޮޓަރިން ބޭރަށް ނިކުންނަކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވިދާޅުވި އެވެ. އަދި ނަޖާހު ކޮޓަރިން ނިކުންނަ ކޮންމެ ވަގުތަކު، ކޮޓަރި ބޭރުން ތަޅުލިކަން ހެކިން ބުނެފައިވާކަން ފަޒްނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ޝީރީން ގެއްލުނު ފަހުން، އެ ކޮޓަރިން ނުބައި ވަހެއް ދުވުމުގެ އިތުރުން، ނަޖާހު ފޮށްޓެއް ހިފައިގެން އެ މީހުން އުޅޭ ގެއިން ނިކުތްކަން ވެސް ހެކިން ބަހުން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ. އަދި ނަޖާހު އަރާ ކަހަލަ ފައިވާނެއްގައި ހުރި މީހަކު، ފޮށްޓެއް ހިފައިގެން ދާ މަންޒަރު ވީޑިއޯ ފުޓޭޖްތަކުން ވެސް އެނގޭ ކަމަށް ފަޒްނާ ވިދާޅުވި އެވެ. އެ ފޮށިން ޝީރީންގެ ޑީއެންއޭ ފެނުނު ކަމަށާއި އޭނާގެ ހަށިގަނޑު ފެނުނު އިމާރާތް ކައިރި އަށް ނަޖާހު ޓެކްސީއެއްގައި މަޑުކުރިކަން ހެކިންގެ ބަހުން އެނގޭ ކަމަށް ވެސް ފަޒްނާ ވިދާޅުވި އެވެ. އެކަންކަން ފާހަގަކޮށް ފަޒްނާ ވިދާޅުވީ ނަޖާހުގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ދެކޭ ކަމަށެވެ. ނަމަވެސް ނަޖާހުގެ ދިފާއީ ވަކީލް އެކަމާ ދެކޮޅެވެ. އޭނާ ވިދާޅުވީ ނަޖާހުގެ މައްޗަށް އެ ކުށް ސާބިތު ނުވާނެ ކަމަށެވެ. ނަޖާހުގެ ވަކީލް އަހުމަދު ޒަނީން އާދަމް ވިދާޅުވީ ޝީރީން ގެއްލުނު ކަމަށް ބުނާ ރޭ އޭނާ ދިރިއުޅޭ ކޮޓަރިން ނިކުމެގެން ދިޔަތަން އެއްވެސް މީހަކަށް ފެނިފައި ނެތުމަކީ އެރޭ ޝީރީން ބޭރަށް ނުދާކަން ދަލީލުކޮށްދޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ކޮޓަރީގައި ނުބައި ވަހެއް ދުވި ކަމަށް އެ ގޭގެ އެހެން ކޮޓަރިއެއްގައި އުޅުނު މީހަކު ބުނި ނަމަވެސް އެއީ އެތަނުގައި އޮތް ތުވާއްޔަކުން ދުވި ވަހެއް ކަމަށް އެ ހެކިވެރިޔާ ބުނެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ޝީރީން މަރާލާފައިވަނީ ކޮން ގޮތަކަށްކަން އޭނާ ބެލި ޑޮކްޓަރުންނަށް ބުނެދެވިފައިނުވާ ކަމަށް ވެސް ޒަނީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޑީއެންއޭ ތަހުލީލުކުރަންޖެހޭނީ މިނިވަން ލެބޯޓަރީތަކުން ކަމަށް އިސްލާމީ ފިގުހު އެކަޑަމީތަކުން ނިންމާފައިވާ ކަމަށާއި އެފަދަ ކުށެއް ސާބިތުވުމަށް ޑީއެންއޭ އެކަނި ނުފުދޭނެ ކަމަށެވެ. ޝީރީންގެ އެންމެ ވާރިސެއް ފިޔަވައި އެހެން އެންމެން ވެސް ބުނެފައިވަނީ ނަޖާހުގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ. ވާރިސެއްގެ ގޮތުގައި ދެން ހުރީ 13 އަހަރުގެ ކުއްޖެއް ކަމަށް ވުމުން އެ ކުއްޖާ ބަސް ބަލައިގަތުމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށް، މީގެ ދެ އަހަރު ކުރިން ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވެފައިވެ އެވެ. ނަމަވެސް މިއަދު އަޑުއެހުންތައް އެއްކޮށް ނިންމާލިއިރު ވެސް އެކަމާ މެދު ގާޒީ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. މައްސަލައިގެ ތުހުމަތުގައި ނަޖާހު ބަންދުކޮށްފައި ވަނިކޮށް، މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކޯޓުން ވަނީ އިއްވައިފަ އެވެ. މިހާރު އޭނާ ދަނީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން އެ ހުކުމް ތަންފީޒު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ