ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު މެމްބަރު ފަލާހު ދޫކޮށްލައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތުގެ މައްސަލަ ނިންމި ގޮތުގެ ހުލާސާ ރިޕޯޓް ހޯދަން ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅުއްވަން ވަޑައިގަންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ. މިއަދު މެންދުރެއް ހާއިރު ފަލާހު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބަންޑާރަ މިސްކިތް ކައިރިންނެވެ. "ފުލުހުން އައީ އަޅުގަނޑުމެން އެ ހިސާބަށް ދިޔަ ތަނާ. އެ މީހުން ގާތު އަޅުގަނޑު ބުނީ ގައިގައި އަތް ނުލާާށޭ. އެހެން ބުނީމަ އަޅުގަނޑު ނަގައިގެން ގެންދިޔައީ،" ފަލާހް ވިދާޅުވި އެވެ. ފަލާހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބިޑި އަޅުވައިގެންނެވެ. ނަމަވެސް، ފުލުހުންގެ މައި މަރުކަޒަށް އޭނާ ގެންގޮސް މާގިނަ އިރުތަކެއް ނުވެ ދޫކޮށްލި އެވެ. އެއަށް ފަހު ސިޓީ ހުށަހަޅުއްވަން ކްރިމިނަލް ކޯޓަށް ވެސް އޭނާ ވަޑައިގަތެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ވަގުތީ ގޮތުން ފަލާހް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްލަހަތަށް" ކަމަށެވެ. އެމްޑީޕީގެ 60 ވަރަކަށް މެމްބަރުން، ކޮންމެ މީހަކު ވަކިން ސިޓީއެއް ހިފައިގެން ކްރިމިނަލް ކޯޓަށް ދިޔަ ނަމަވެސް އެންމެން އެކުގައި ކޯޓަށް ވަނުމަށް ފުލުހުން ފުރުސަތެއް ނުދެ އެވެ. ފުރުސަތު ދިނީ ފުލުހުންނާ އެކު ކޮންމެ މީހަކު ވަކިން ގޮސް ސިޓީ ހުށަހަޅުމަށެވެ. އެ ސިޓީ ހިއްޕަވައިގެން ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ފަލާހުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ހުންނެވި އެވެ. އީވާ ވިދާޅުވި ގޮތުގައި ނަޝީދަށް ކުރި 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާ ކުރުމުގެ ފުރުސަތު މާދަމާ އަށް ހަމަވާއިރު، ހުލާސާ ރިޕޯޓް ނުލިބުމަކީ ކަންބޮޑުވާ ކަމެކެވެ. "އެހެންވެ އަޅުގަނޑުމެން އެންމެން ދިޔައީ ހުލާސާ ރިޕޯޓް ހޯދަން ސިޓީ ހުށަހަޅަން،" އޭނާ ވިދާޅުވި އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު 2012 ގައި ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނު 13 އަހަރަށް ޖަލަށް ހުކުމް ކުރީ މި މަހުގެ 13ގަ އެވެ. އެއީ ބޭއިންސާފު ޝަރީއަތެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން، އދ. އާއި އީޔޫ، އެމްނެސްޓީ އަދި ބޭރުގެ ގިނަ ގައުމުތަކުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ