މޮޅަދޫ ރައްޔިތުން ވެސް ގަދަކަމުން ބަދަލެއް ނުކުރާނެ: މިނިސްޓަރު

ހއ. މޮޅަދޫ ރައްޔިތުން ވެސް އެ މީހުންގެ ނުރުހުމުގައި، އެ އަތޮޅު ދިއްދު އަށް ބަދަލުނުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ގާތްގަނޑަކަށް 400 އެއްހާ މީހުން ދިރިއުޅޭ މޮޅަދޫ ކައުންސިލުން ބުނެފައިވަނީ އެ ރަށުގެ ރައްޔިތުން ދިއްދު އަށް ބަދަލުކުރުމަށް ނިންމައި ސަރުކާރުން ސިޓީ ފޮނުވާފައިވަނީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. އަދި ކުރިން އިޝާރާތްކުރުމެއް ވެސް ނެތި މީހުން ބަދަލުކުރަން ނިންމިކަން އެންގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ކައުންސިލުން ބުނެފައިވެ އެވެ. ހައުސިން މިނިސްޓަރު ވިދާޅުވީ މޮޅަދޫ ރައްޔިތުންގެ ނުރުހުމާ އެކު އެފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނުނިންމާނެ ކަމަށާއި އެކަމުގައި އަތޮޅު ކައުންސިލާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި މޮޅަދޫ ރައްޔިތުން ދިއްދު އަށް ބަދަލުކުރަން ވިސްނާފައިވަނީ، އެ ރަށަކީ އެ ސަރަހައްދުގައި ތަރައްގީވަމުން އަންނަ ރަށަކަށްވެފައި އެ ރަށަށް ބަދަލުވާ މީހުންނަށް ވެސް ފައިދާތަކެއްވާނެތީ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. ހއ. މޮޅަދޫ "އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ދިއްދޫގައި އިތުރު ހައުސިން ޕްރޮޖެކްޓެއް ފެށޭތޯ. އެއީ [ދިއްދު އަށް] ބަދަލުވާ މީހުންނަށް ފަށާ ޕްރޮޖެކްޓެއް. އެ ގެތައް ލިބޭނީ ހިލޭ، ކުލި ދައްކާކަށް ވެސް ނުޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ގެތައް ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން ރަށުން ބަދަލުވުމަށް ކުރަންޖެހޭ ހަރަދަށް ވެސް ސަރުކާރުން އެހީއެއްދޭނެ އެވެ. މޮޅަދޫ ރައްޔިތުންގެ ރުހުމެއް ނެތި ރަށުން މީހުން ބަދަލުނުކުރާނެ ކަމަށާއި އެކަން ކުރިއަށް ދާނީ، ރައްޔިތުން ބޭނުންވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މޮޅަދޫން މީހުން ބަދަލުވެއްޖެ ނަމަ ސަރުކާރުން ވިސްނާފައި އޮތީ އެ ރަށުގައި އިގްތިސާދީ ރަނގަޅު ޕްރޮޖެކްޓެއް ފެށުމަށެވެ. ނަމަވެސް އެކަމަށް އަދި ވަކި ގޮތްތަކެއް ނުނިންމާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. "އެ ސަރަހައްދަށް އެބަޖެހޭ އިގްތިސާދީ އިންޑަސްޓްރިއަލް ރަނގަޅު މަސައްކަތެއް ފެއްޓެން. އެ ގޮތުން ބަލާއިރު އެއީ ރަނގަޅު ރަށެއް. އެކަމަށްޓަކައި މަޝްވަރާތައް ކުރެވޭ،" މިނިސްޓަރު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި ދިއްދޫގައި މިދިޔަ ހޮނިހިރު ދުވަހު ބިންގާއެޅި 100 ގޭގެ އިތުރުން 400 ގެ އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެއީ އެ ރަށުގެ ރައްޔިތުންނާއި އެހެން ރަށްތަކުން އެ ރަށަށް ބަދަލުވާ ރައްޔިތުންނަށް އަމާޒުކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ