އިލެކްޝަނަށް ހުށަހެޅި 3000 ފޯމަށް ވީނުވީއެއް ނޭގި ގެއްލިއްޖެ: ގައުމީ އިއްތިހާދު

ގައުމީ އިއްތިހާދަށް ވަނުމަށް އެކި ފަރާތްތަކުން ހުށަހަޅާފައި ހުރި ފޯމްތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ 3000 ފޯމަށް ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިއަދު ނަލަހިޔާ ހޮޓަލުގައި ނޫސްވެރިންނާއި ބައްދަލު ކޮށް ގައުމީ އިއްތިހާދުގެ ކައުންސިލް މެމްބަރެއް ކަމަށްވާ އައިމިނަތު އަލީ ވިދާޅުވީ އެ ތިން ހާސް ފޯމާއި އެކު މިހާރު އެ ޕާޓީގެ މެމްބަރުންގެ އަދަދު ދިހަ ހާހަށް އަރާނެ ކަމަށް ޕާޓީގެ ރިކޯޑުތަކުން ދައްކާ ކަމަށެވެ. ތިން ހާސް ފޯމް "ވީނުވީއެއް ނޭގި ގެއްލުނީ" ކީއްވެގެން ކަމެއް އަދިވެސް އިލެކްޝަނުން ބުނެފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ކޮންމެ ފަހަރަކުވެސް އަޅުގަނޑުމެން ސިޓީއެއް ފޮނުވީމަ އެވެނި ނަންބަރެއް މިވެނި ނަންބަރެއްގެ ސިޓީއޭ ކިޔާފައި ހުރިހާ އެއްޗެއް އެއްކޮށްލާފައި މި ޖަވާބެއް ފޮނުވަނީ. ފޮނުވާއިރު އެއްކަލަ 3000 ފޯމަށް ވީގޮތެއް ހަމަ އެއްގޮތަކަށްވެސް ނޯވޭ އެނގޭކަށް. މިމައްސަލާގައި އަޅުގަނޑުމެން އިލެކްޝަނާ ބައްދަލުވެސް ކުރިން، އެފަހަރަކުވެސް އެބޭފުޅުންނަކަށް މިކަމާއި ގުޅިގެން އެކަށީގެންވާ ޖަވާބެއް ނުދެއްވުނު،" އާމިނަތު ވިދާޅުވިއެވެ.
ގައުމި އިއްތިހާދާއި ގުޅުމަށް ރައީސް ވަހީދު ގޮވާލެއްވުމާއި އެކު ރޭ އެކަނިވެސް އެ ޕާޓީއަށް ހަތަރު ސަތޭކަ މީހުން ގުޅިފައިވާ ކަމަށާއި، އަދި މިއަދު ޖުމްލަ އަށް ސަތޭކަ މެމްބަރޝިޕް ފޯމް އިލެކްޝަނަށް ހުށަހަޅާނެ ކަމަށް ވެސް އައިމިނަތު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގައުމީ އިއްތިހާދާއި މެމްބަރުން އިތުރު ކުރުމަށް މިއަދުން ފެށިގެން ހާއްސަ ހަރަކާތްތަކެއް މާލެ އާއި އަތޮޅު ތަކުގައި ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ގައުމީ އިއްތިހާދުގައި ތިބީ 4،012 މެމްބަރުންނެވެ. ޕާޓިގެ ދަފްތަރުގައި ހިމެނުމަށް އިތުރު 787 ފޯމެއް އެޕާޓީން ހުށަހަޅާފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން އިލެކްޝަން ކޮމިޝަނުގެ ބަހެއް ހޯދުމަށް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގާއި ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އެ ފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ