މެންބަރު ހައްޔަރު ނުކުރެވޭނެ ކަމަށް ބުނާ މާއްދާ އުވާލަން ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި

އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން ދަނިކޮށް މަޖިލީހުގެ މެންބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ މާއްދާ ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ބަނގުރާ ބުއިމުގެ ތުހުމަތުގައި މަޖިލީހުގެ ދެ މެންބަރަކު ހައްޔަރުކުރި މައްސަލައަށް ފަހު ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ދެމެދު ހޫނު ހަމަލާތަކެއް ބަދަލުވަމުންދާ ދަނޑިވަޅެއްގައި، މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމީލް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) އުވާލުމަށް ސަރުކާރުން މިހަފުތާގެ ތެރޭ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ޖަމީލް ވިދާޅުވީ، ފުލުހުން އޮޕަރޭޝަނެއް ހިންގުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއަށާއި ހޯމް މިނިސްޓަރަށް އަންގަން ނުޖެހޭނެ ކަމަށާއި
ފުލުހުންނަކީ ކުށް ކުރުމުން ގައުމު ހިމާޔަތް ކުރަން އަބަދު ވެސް ހުއްޓާނުލައި އޮޕަރޭޝަންތައް ހިންގާ ބައެއް ކަމަށްވާއިރު އޮޕަޜޭޝަންތައް ހިންގުމުގެ ކުރިން މަޖިލީހުގައާ އެހެނިހެން ތަންތަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ފުލުހުން ބަލަން ނުޖެހޭނެ ކަމަށެވެ.
"އެއްވެސް ކަހަލަ ޖިނާއީ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިނަމަ އެމީހަކު ބަލާ ފާސްކޮށް ސާމްޕަލް ނެގުމުގެ ބާރު ފުލުހުންގެ ގާނޫނުން ފުލުހުންނަށް ލިބިގެންވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިވަގުތަކީ ފުލުސް އިންޓެލިޖެންސް ޑިޕާޓްމަންޓުން ޚާއްސަ އޮޕަރެޝަން ތަކެއް ހިންގަމުންދާ ވަގުތެއް ކަމަށާއި ހޮނޑައިދޫއަށް އަރައި ފުލުހުން ހިންގި އޮޕަރޭޝަނަކީ ވެސް އިންޓަލިޖެންސަން ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮަޕަރޭޝަނެއް ކަމަށެވެ. ހޮނޑައިދޫއަކީ ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ރަށަކަށްވާއިރު އެރަށުން 60 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއި މަސްތުވާތަކެތި ފެނުމަކީ ކަންބޮޑުވާ ކަމެއްކަމަށް ވެސް މިނިސްޓަރު މިއަދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ މިހާރު ފުލުހުން މަސައްކަތް ކުރަމުންދަނީ ވޭތުވެދިޔަ ތިން އަހަރު ފުލުހުން މަސައްކަތް ކުރި ފަދަ މާހައުލެއްގައި ނޫން ކަމަށާއި، ފުލުހުން މަސައްކަތް ކުރަމުންދަނީ ވަރަށް ވެސް މިނިވަންކޮށް ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ އޮވެ ފުލުހުންގެ ގާނޫނާއި އެއްގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ