ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ޤާބިލް ބޭފުޅަކު ކަނޑައެޅުމަށް ޖަމިއްޔަތުއް ސަލަފުން ކުރި ދިރާސާ ހާމަ ނުކުރާގޮތަށް ނިންމާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފި އެވެ.
އެޖަމިއްޔާގެ ރައީސް އަބްދުﷲ މުހައްމަދު ބިން އިބްރާހިމް ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ 2013 އަށް އަމާޒުކޮށްގެން ކުރި ދިރާސާގެ ބޮޑު ބައެއް ނިމިފައިވީނަމަވެސް ބައެއް ކެންޑިޑޭޓުންނާއި ސީދާ ބައްދަލުކޮށް ސުވާލު ކުރެވިފައި ނުވާ ކަމަށެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޤާބިލް ބޭފުޅަކު ކަނޑައެޅުމަށް ސަލަފުން ކުރި ދިރާސާގެ ނަތީޖާ އިންތިހާބުގެ ކުރިން ހާމަކުރާނެ އެޖަމިއްޔާއިން މީގެ ކުރިން ބުނެފައިވެއެވެ. އެހެންނަމަވެސް އަބްދުﷲ މިއަދު ވިދާޅުވީ ސަލަފުން އިންޓަވިއު ކުރާ ބޭފުޅުންގެ ތެެރެއިން ރިޔާސީ ކެންޑިޑޭޓް ކަމަށް ޤާބިލް ބޭފުޅުން އިއުލާނުކުރާނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކަމަށް އެ ޖަމިއްޔާއިން 2011 ވަނަ އަހަރު އިއުލާންކޮށްފައިވާނެ ކަމަށެވެ.
އަބްދުﷲ ވިދާޅުވީ ސަލަފުގެ އެ މަސައްކަތުގެ މައިގަނޑު މަޤްސަދަކީ 2018 ވަނަ އަހަރު ރައްޔިތުންނަށް ރަނގަޅު ވެރިއަކު ހިޔާރުކުރުމަށް އެހީތެރިވެދިނުން ކަމަށެވެ. މިއަހަރު ދިރާސާ ކުރި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަގަޅު ކެންޑިޑޭޓެއްް އިންތިހާބުގެ ކުރިން ހާމަކުރުމަކީ ފަހަރުގައި ވެދާނެ ކަމެއްކަމަށްވެސް އަބްދުﷲ ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބަށް ޖަމިއްޔަތުއް ސަލަފުން ކުރި ދިރާސާއާ ގުޅޭ ތަފްސީލްތައް ހާމަކުރެއްވުމަށް އަބްދުﷲ އުޒުރުވެރިވެފައިވާއިރު، އޭނާ ވަނީ ސަލަފުގެ ދިރާސާއަށް އިންޓަވިއު ނުދެއްވާ ރިޔާސީ ކެންޑިޑޭޓުންގެ ނަންތައް ހާމަކުރެއްވުމަށްވެސް އުޒުރުވެރިވެފައެވެ.
ވެރިކަމަށް އެންމެ ޤާބިލް ބޭފުޅަކު އިއުލާން ކުރާނީ 2018 ވަނަ އަހަރު: ސަލަފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ