ގދ. އަތޮޅު ކައުންސިލްގެ އެމްޑީޕީ މެމްބަރަކު ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

ގދ. އަތޮޅު ކައުންސިލްގެ އެމްޑީޕީގެ މެމްބަރު، ގދ. ތަނިދޫ، ހިންދޫސް، މުހައްމަދު ހަސަން ދީދީ ކޯޓަށް ހާޒިރުނުވެގެން އޭނާ ހައްޔަރުކޮށް، މައްސަލަ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ފުލުހުންނަށް އަމުރުކޮށްފި އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ތިނަދޫ ކޯޓުން ނެރުނު އަމުރުގައި ވަނީ ހަސަން ދީދީ ހައްޔަރުކުރުމަށް ފަހު، 48 ތެރޭގައި އެކަން އެ ކޯޓަށް އަންގަން ޖެހޭނެ ކަމަށެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ހަސަން ދީދީގެ މައްޗަށް ހުށަހަޅާފައިވާ އަބުރާ ބެހުމުގެ މައްސަލަ ބަލަމުން ދަނިކޮށް، ހުއްދަ ނެތި ދެ ފަހަރަކު އޭނާ މާލެ ގޮސްފައިވާ ކަމަށެވެ. ހަސަން ދީދީ ބަންދުގައި ބެހެއްޓުމަށް އަމަރުކޮށްފައިވަނީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގަ އެވެ. "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ހަސަން ދީދީ ހައްޔަރުކުރުމަށް އަމުރު ނެރުނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީއަތުގެ އަޑުއެހުމަށް އޭނާ ހާޒިރުނުވުމުންނެވެ. ކޯޓުގެ ހުއްދަ ނެތި ފުރައިގެން ދިޔުމުން، ކޯޓަށް ހާޒިރުވުމުގެ އަމުރު، ހަސަން ދީދީއާ ހަވާލުނުކުރެވުނު ނަމަވެސް ހަސަން ދީދީގެ ވަކީލް، ކޯޓަށް ހާޒިރުވުމަށް ސިވިލް ކޯޓު މެދުވެރިކޮށް އޭނާއާ ކޯޓު އަމުރު ހަވާލުކޮށްފައިވެ އެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭގެ ޝަރީއަތަށް ވަކީލަށް ހާޒިރުވެވެވަޑައިގެންނެވެން ނެތް ކަމަށް އަންގަވާފައިވާ ކަމަށް ވެސް "ހަވީރަ"ށް އެނގިފައިވެ އެވެ. ފުލުހުންގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ޝިޔާމް ވިދާޅުވީ ކޯޓު އަމުރާ ގުޅިގެން ހަސަން ދީދީ އަދި ހައްޔަރުނުކުރާ ކަމަށާއި އޭނާ ތިނަދޫގައި ވެސް އަދި ގދ. އަތޮޅުގައި ވެސް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ