ގަޒީރާ މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައެޅީ ގާނޫނީ ހަމަތަކާ ހިލާފަށް: ވަކީލް

ސެޓްލްމެންޓް އެއްބަސްވުމެއްގެ ދަށުން ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ދޫކޮށްފައި އޮތް ގދ. ގަޒީރާގެ އެއްބަސްވުން ބާތިލްކޮށްފައިވާ މައްސަލާގައި ނެރެދޭން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ. ވިލާ ގުރޫޕަށް ދިން ގާޒީރާގެ މައްސަލާގައި އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، ވަގުތީ އަމުރު ނެރެދިނުމަށް ގަޒީރާއިން މިއަދު ވަނީ ހައި ކޯޓުގައި އެދިފަ އެވެ. މިއަދު ހެނދުނު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ވިލާ ގުރޫޕްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ، މަސްތޫރު ހުސްނީ ވިދާޅުވީ ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެއީ މީގެ ކުރިން ވަގުތީ އަމުރުތަކާ މެދު ހައި ކޯޓުން ނިންމާފައިވާ ގަޒިއްޔާތަކާ މުޅިން ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެއީ މަތީ ކޯޓުތަކުން ނިންމާ ނިންމުތަކަށް ދަށު ކޯޓުން ރިޔާއަތްކުރަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ މާއްދާއާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަން ވަކީލު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން، ވަގުތީ އަމުރެއް ނުނެރެފި ނަމަ، މައްސަލަ ރައްދުވާ ފަރާތަށް ލިބޭނެ ގެއްލުމަށް ރިއާޔަތް ކުރަންވާނެ ކަމަށް، އެ މައްސަލާގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާއިރު އެއީ ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބަލާފައިވާ ނުކުތާއެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދުގެ ޝަރީއަތަށް ކަނޑައަޅާފައިވާ ވަގުތު ހަމަވި އިރު ދައުލަތަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ލިބިފައެއް ނުވެ އެވެ. ހައި ކޯޓުގެ ތިން ފަނޑިޔާރަކު ބައްލަވާ މި މައްސަލާގައި ދެން އޮންނަ އަޑުއެހުމުގައި ދައުލަތަށް އެ ފުރުސަތު ލިބޭނެ އެވެ. އަދި އެ ދުވަހު އަޑުއެހުންތައް ނިންމާލާނެ ކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ