ޑީއާރުޕީގެ ރައްދު: އިސްލާހު ހުށަނާޅައި ބިލުތައް ފާސްކުރުމަށް އެމްޑީޕީއާ އެކު އެއްބަސްވެފައެއް ނޯންނާނެ: ތަސަމީނު އަލީ

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިމުމުގެ ކުރިން ނިންމަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ޓަކައި އެއްވެސް އިސްލާހެއް ހުށަނާޅައި، ބިލުތައް ފާސްކުރުމަށް އެމްޑީޕީގެ މެމްބަރުންނާ އެކު އެއްބަސްވެފައި ނޯންނާނެ ކަމަށް ޑީއާރްޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކެންދޫ ދާއިރާގެ މެމްބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.އިއްޔެ ރޭ ބޭއްވި މަޖިލީހުގެ ދެވަނަ ދައުރުގެ އެންމެ ފަހުގެ ޖަލްސާގައި، ކޯޓުތަކުގެ ގާނޫނުގެ ބިލަށް ޑީއާރުޕީން އިސްލާހު ހުށަހެޅަން ފެށީ، އެމްޑީޕީ އާއި ޑީއާރުޕީ އިއްތިހާދާއި އަމިއްލަ މެންބަރުންނާ އެކު މަޝްވަރާކޮށްގެން އެއްބަސްވެގެން ކޮމިޓީ މަރުހަލާގައި އެކުލަވާލައި ބިލަށް އިސްލާހު ހުށަނާޅާނެ ކަމަށް ބުނެ މަޖިލީހުގެ ތަޅުމަށް އެ ބިލު ހުށަހަޅާފައިވަނިކޮށް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ބުނެފަ އެވެ.  އެހެންނަމަވެސް، ސަންއެފްއެމް އަށް މިރޭ ދެއްވި އިންޓަރވިއުއެއްގައި ތަސްމީން ވިދާޅުވީ، އުއްމީދުކުރެއްވި ޓާގެޓުތައް މަޖިލީހަށް ހާސިލުނުކުރެވުނީ، ޖަލްސާގެ ނިޒާމް އެމްޑީޕީން ގަސްތުގައި ގެއްލުވާލުމާ ގުޅިގެން ކަމަށެވެ. އަދި އެގޮތަށް އެމްޑީޕީގެ މެމްބަރުން ކަންތައް ކުރެއްވީ، ތަޅުމަށް ހުށަހެޅުނު ބިލުތަކަށް އެއްވެސް އިސްލާހެއް ހުށަނާޅާ އެ އޮތް ގޮތަށް ފާސްކުރުމަށް ޑީއާރްޕީން އެމްޑީޕީއާ އެކު ވެފައިވާ އެއްބަސްވުމަކާ ޚިލާފުވެފައިވާތީ ކަމަށް ބުނެ، އެ ފަރާތްތަކުން އުޒުރު ދައްކަމުންދާ ކަމަށް ތަސްމީނު ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ވާހަކަތަތަކީ އެއްވެސް ހަގީގަތެއް ނެތް، ބުހުތާން ދޮގުތަކެއް ކަމަށް ތަސްމީން ވިދާޅުވި އެވެ.ތަސްމީން ވިދާޅުވި ގޮތުގައި، އެމްޑީޕީން މަޖިލީހުގެ ޖަލްސާ ހުއްޓުވާލީ، ކުރީގައި ހިންގާފައިވާ ޝަރީއަތްތަށް އަލުން ހުޅުވުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބޭ ގޮތަށް ބިލްގައި ހިމަނާފައިވާ 27 ވަނަ މާއްދާ އުވާލުމަށް ޑިއާރުޕީން ހުށަހެޅި އިސްލާހު ފާސްވުމާ ގުޅިގެންނެވެ.  "އެ އިސްލާހު ފާސްވުމާ ގުޅިގެން ހަގީގަތުގައި އެމްޑީޕީން ޖަލްސާ ހުއްޓުވުމުގެ މަސައްކަތް ފެއްޓީ. އޭގެ ކުރިންވެސް އަޅުގަނޑުމެން ހުށަހެޅި އިސްލާހުތައް ރީއްޗަށް ފެންނަން ހުރި. ގިނަ އިސްލާހުތަކަށް ވޯޓަށް އަހާ ނިމުނު ފަހުން މިކަމެއް މި ދިމާވީ. އެކަމަކު މިހާރު [އެމްޑީޕީން] މި ވިދާޅުވަނީ ޑީއާރްޕީން މާގިނަ އިސްލާހުތައް ހުށަހެޅީމައޭ ޖަލްސާ ހުއްޓާލީ. ޖަލްސާއަށް ވެންނެވިއިރުގައި ވެސް އެނގޭނެ އިސްލާހުތައް މިހިރީކަން.. އޭރު ކީއްވެގެންތޯ އިންކާރު ނުކުރަންވީ."  ތަސްމީން ވިދާޅުވި ގޮތުގައި، ކުރީގެ ޝަރުއީ މައްސަލަތައް ހުޅުވުމުގެ ފުރުސަތު ސުޕްރީމް ކޯޓަށް ދިނުމަކީ، ގައުމީ މަސްލަހަތަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި އެކަމަށް މަގުފަހިވާ ގޮތަށް ކޯޓުތަކުގެ ބިލު ފާސްވެއްޖެ ނަމަ، ޝަރުއީ މައްސަލަތަކަށް ނިމުމެއް ނޯންނާނެ ކަމަށާއި ޝަރުއީ ނިޒާމާމެދު ރައްޔިތުންގެ ޔަގީންކަން ގެއްލިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ