އަފްގާނިސްތާނުގެ ރިޔާސީ ކެންޑިޑޭޓުން ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވެއްޖެ

އަންނަ އަހަރުގެ އޭޕްރީލް މަހު އަފްޣާނިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ހުޅުވާލި ފުރުސަތު މިއަދު ހަމަވެއްޖެ އެވެ.
މިއަދުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ކިތައް ކެންޑިޑޭޓުން ވާދަކުރައްވާ ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރައްވާނެ އިންތިހާބަކަށް ވާނެ އެވެ. އެގޮތުން ކުރީގެ ސިޔާސީ އިސް ވެރިންނާއި، އެގައުމުގެ އެކި ގަބީލާތަކުގެ ވެރިންނާއި، ކުރީގެ ހަނގުރާމަވެރިން ވެސް ހިމެނެ އެވެ.
މިހާތަނަށް އިންތިހާބުގައި ވާދަކުރާނެ ކަމަށް ބެލެވޭ ފަރާތްތަކުގައި 2009 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް ހާމިދު ކަރުޒާއީއާ ވާދަކުރެއްވި އަބްދުﷲ އަބްދުﷲ އާއި، އަލްގައިދާ އާއި ގުޅުން އޮތް ކުރީގެ ހަނގުރާމަވެރިއެއް ކަމަށްވާ އަބޫ ރައްބު ރަސޫލުއް ސައްޔާފު ހިމެނިވަޑައިގަންނަވަ އެވެ. އަދި މިފަހަރުގެ އިންތިހާބުގައި މިހާރުގެ ރައީސް ހާމިދު ކަރުޒާއީގެ ކޮއްކޮއެއް ކަމަށްވާ ގައްޔޫމު ކަރުޒާއީ އާއި، އަފްގާނިސްތާނުގެ ޚާރިޖީ ވަޒީރު ޒަލްމާއީ ރަސޫލުގެ އިތުރުން ކުރީގެ މާލީ ވަޒީރު އަޝްރަފު ގަނީ ހިމެނިވަޑައިގަންނަވަ އެވެ.
ދެހާސް އެއް ވަނަ އަހަރު އަފްގާނިސްތާނުގައި އޮތް ތާލިބާނުންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހު އުފެއްދި ސަރުކާރުން ފެށިގެން ރައީސް ކަމުގައި ހުންނެވި ހާމިދު ކަރުޒާއީގެ މައްޗަށް ކުރި ހޯއްދެވުމަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ނުކުންނަވާއިރު، ކަރުޒާއީ އިތުރު ދައުރަކަށް ހޮވިވަޑައިގެންފައިވަނީ މައްސަލަ ބޮޑުވި 2009 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހުގަ އެވެ. އަދި ކަރުޒާއީ ވަނީ މިފަހަރުގެ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް އޭނާ ތާއީދުކުރައްވަން ބޭނުންފުޅު ނުވާކަމަށް ވަނީ ވިދާޅުވެފަ އެވެ.
އަފްގާނިސްތާނުގައި އާ ރިޔާސީ އިންތިހާބެއް ބޭއްވުމުގެ މަސައްކަތް ފަށާފައި މިވަނީ، އެ ގައުމުގައި ހަރަކާތްތެރިވަމުންދާ ބިދޭސީ ސިފައިންގެ ފައުޖުތައް އަންނަ އަހަރުގެ މެދުތެރޭގެ ކުރިން ފައިބާ ގައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކާއި ހަވާލުކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
..........
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ