ރާއްޖޭގައ އަވަސް އިންތިހާބެއް ނުބޭއްވޭނެ: ދުންޔާ މައުމޫން

މުހައްމަދު ޖުނައިދު
ކުރިއަށް އޮތް ކައިރި މުސްތަގުބަލުގައި ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމުގެ ފުރުސަތެއް ނެތް ކަމަށް ރާއްޖޭގެ ފޮރިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ބީބީސީއަށް ދިން ބަސްދީގަތުމެއްގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލް ގައްޔޫމުގެ އަންހެން ދަރިއެއް ކަމަށްވާ ދުންޔާ ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ހަރުދަނާކުރެވިގެން ނޫނީ އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުންނާއި، އިސްތިއުފާ ދެއްވި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަން ބަދަލުކޮށްލެއްވީ ބަޣާވާތަކުން ކަމަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމަކީ "ބާޢީ" ވެރިކަމެއް ކަމަށް ތުހުމަތުކުރަށްވަމުންނެވެ. އެހެންނަމަވެސް ރައީސް ވަހީދު ތަކުރާރުކޮށް މިކަމާއި ވަނީ ދެކޮޅު ހައްދަވާފަައެވެ.
ބައިނަލްއަގުވާމީ ގިނަ ފަރާތްތަކަކުން ދެކޭ ގޮތުގައި، މިކަމަށް އޮތް ހައްލަކީ އަވަސް އިންތިހާބަކުން ދިއުމެވެ. ރައީސް ނަޝީދުވެސް ދަނީ ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް ސަރުކާރަށް ބާރުއެޅުމަށް މަސައްކަތްކުރަމުންނެވެ.
ބީބީސީއަށް ދިން ބަސްދީގަތުމުގައި ދުންޔާ ވިދާޅުވީ، ރައީސް ވަހީދު ވެރިކަމާއި ހަވާލުވުމުގައި މައްސަލަތައް އެބަހުރި ކަމަށާއި، މިކަންކަން ތަހުގީގުކުރުމަށް ކޮމިިޝަން ފޮރ ނެޝަނަލް އިންކުޔަރީ (ސީއެންއައި) އުފައްދަވާ، އެކޮމިޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން، މިކޮމިޝަނުން ރާއްޖޭގެ ވެރިކަން ފުރޮޅިގެންދިޔަ ގޮތާއި މެދު ރިޕޯޓެއް ހުށަނާޅަނީސް، އިންތިހާބަކަށް ނުދެވޭނެ ކަމަށް ދުންޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދުންޔާ ވިދާޅުވީ އިންތިހާބެއް ބޭއްވުމުގެ ކުރިން ރާއްޖޭގެ ގާނޫނު އަސާސީވެސް އިސްލާހުކުރަން ޖެހޭ ކަމަށާއި، މިކަން ކަމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ.
"އިންތިހާބެއްގެ ތާރީހު ކަނޑައެޅުމަށް ވާހަކަތައް ބާއްވަން ސަރުކާރުން އޮތީ ތައްޔާރަށް. އެކަމަކު އެމްޑީޕީއިން ބޭނުމެއްނުވޭ ގައުމުގެ މުސްތަގުބަލާއި މެދު ވާހަކަތައް ކުރިއަށް ގެންދާކަށެއް." ދުންޔާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ