ކުދި ޕާޓީތައް އުވާލަން ނިންމުމުން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް

އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި ދިހަ ހާސް މެންބަރުން ހަމަނުވާ ޕާޓީތައް އުވާލަން ރައްޔިތުންގެ މަޖިލީހުން ފާސްކުރިން ނިންމުން އުވާލަން ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ބަންޑާރަ ނައިބު މިއަދު ވިދާޅުވީ އެކަމަނާ ސުޕްރީމްކޯޓަށް ވަޑައިގެންނެވި ނަމަވެސް މައިގަނޑު މައްސަލައަކީ 10،000 މެންބަރުންގެ މައްސަލަ ނޫން ކަމަށާއި މައިގަނޑު އިޝޫއަކި އެއްފަހަރާ އެހާ ގިނަ ޕާޓީ އުވިގެން ދާދިއުމުގައި އެކަންކަމާ ގުޅިގެން އެތައް ބަޔަކަށް ލިބޭ ގެއްލުމުގެ މައްސަލަ ކަމަށެވެ.
"މި ނަތީޖާއިން 10 ޕާޓީއެއް އެއް ފަހަރާ އުވިގެންދޭ. ކޮބައިތޯ އެތަންތަނުގެ މެންބަރުންގެ ކުއްޔަށް ހިފައިގެން ތިބި އިމާރާތްތަކަށް ކިނެއްތޯވަނީ މުވައްޒަފުންނަށް ވަނީ ކިހިނެއްތޯ އެކަހަލަ މެޖޭ އިޝޫތަކެއް އުޅޭތީ އަޅުގަނޑު މި މައްސަލަ ޗެލެންޖް ކުރަނޫ. ބައެއް ފަރާތަތަކަށް ހީވެފައި އޮތީ މައިގަނޑު އިޝޫއަކީ 10،000 އެ އަދަދު ކަމަށް، އެކަމަކު އެއީ ބޮޑު އިޝޫއެއް ނޫން،" އާޒިމާ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއަކީވެސް އެއީ ނޫން ކަމަށާއި ބޮޑެތި ގޭންގް ކުށްތައް ފަދަ ބޮޑެތި ޖަރީމާތައް ހިންގައިގެން ނޫނީ ޕާޓީއެއް އުވާ ނުލާ ކަމަށެވެ.
"އެކަމަކު މިތާގަ މި އުވާލަނީ އެއް ފަހަރާ 10 ޕާޓީ، އެފަދަ ކުށެއް ނުކޮށް،" އާޒިމާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ސުޕްރީމް ކޯޓްގައި ޗެލެންޖު ކުރައްވާ މައްސަލައިގެ މައިގަނޑު ނުކުތާތަކުގައި ބުނަނީ ސިޔާސީ ޕާޓީގެ ބިލުގެ 11 ވަނަ މާއްދާގެ (ހ) ގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ، މަދުވެގެން 10000 މީހުންގެ ސޮއި ހޯދައި، ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި އެފަދަ ޙައްޤެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރަޒުނުވާ ގޮތެއްގެ މަތިން މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން، މިނިވަން ޑިމޮކްރެޓިކް މުޖްތަމަޢެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި މިގޮތުން ޙައްޤެއް ހިފަހައްޓާފައިވަނީ އެ މާއްދާއާ އެއްގޮތަށްތޯ ކަނޑައެޅުމުގައި ކޯޓުން ރިޢާޔަތްކުރަންޖެހޭ ކަންކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ފާސްކުރި ބިލުގެ އަށް ވަނަ މާއްދާގެ (ށ) ގައި، ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، 10,000 މެންބަރުން ހަމަވާ ޕާޓީތައް ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ޕާޓީތަކެއްކަމުގައި ބެލެވޭނެކަމަށް ބުނެފައިވާ ބުނުމަށްބަލާއިރު، ސިޔާސީ ޕާޓީގެ ގަވާއިދުގެ ދަށުން މިހާރު ރަޖިސްޓަރީކޮށް ހިނގަމުން އަންނަ ޕާޓީތަކުގެ ތެރެއިން 10,000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ވާނެ ގޮތެއް، އަދި އެ ޕާޓީތަކާބެހޭ ގޮތުން ކަންކުރާނޭ ގޮތެއްގެ އިޖުރާޢީ އުސޫލެއް ބަޔާންކޮށްފައި ނެއް ކަމަށް ވެސް މައްސަލަގައި ބުނެ އެވެ.
"... މިހާރު ރާއްޖޭގައި ރަޖިސްޓަރީކުރެވި ހިންގަމުންގެންދާ ޕާޓީތަކުގެ ތެރެއިން، 10,000 މެންބަރުން ހަމަނުވާ ޕާޓީތަކާ ބެހޭގޮތުން ކަންކުރާނޭ ވަކި އުޞޫލުތަކެއް މި ބިލުގައި ކަނޑައަޅައިދީފައި ނެތުމުން، އެކަމުގައި ރިޢާޔަތްކުރަންޖެހޭނީ، ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް ޤާނޫނީ ބާރު ލިބިދީފައިވާ ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނުގެ ފަސް ވަނަ މާއްދާއަށް ކަމަށްވާއިރު، އެ މާއްދާގެ (ނ) ގައި، އެ ޤާނޫނުގެ ޖަދުވަލު 1 ގަ އާއި ޖަދުވަލު 2 ގައިވާ ގަވާއިދުތަކުގެ ތެރެއިން ގަވާއިދަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށް އެ ޤާނޫނަކަށް ޢަމަލުކުރަން ފަށައިފިނަމަ، އެ ޤާނޫނަކަށް ޢަމަލު ކުރަންފަށާ ތާރީޚުން ފެށިގެން އެގަވާއިދަކަށް ނުވަތަ އެ ޤާނޫނަކަށް ނިސްބަތްވާ އެ ގަވާއިދުގެ އެ ބަޔަކަށް ނިމުން އަންނާނެކަމަށް ބަޔާންކޮށްފައިވުމާއެކު، މި ބިލު ތަސްދީޤުކޮށް ޤާނޫނަކަށްވާ ހިސާބުން ފެށިގެން މިހާރު ޢަމަލުކުރަމުން ގެންދާ ސިޔާސީ ޕާޓީގެ ގަވާއިދު އުވިގެންދާނެތީ އާއި، މިކަމުގެ ސަބަބުން މި ގަވާއިދުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީތައް ވެސް އުވިގެންދާނޭތީ، ބިލުގެ 8 ވަނަ މާއްދާގެ (ށ) އިން ރަޖިސްޓަރީ ނުވާ ހުރިހާ ސިޔާސީ ޕާޓީއެއް ބިލު ޤާނޫނަކަށްވާ ހިނދުން ފެށިގެން އުވިގެންދާނެކަން. މިގޮތުން ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު، 11 ސިޔާސީ ޕާޓީ އުވިގެންދާނެ އެވެ،" ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވެވި މައްސަލާގައި ބަޔާން ކުރެ އެވެ.
އަދި ބުނެފައި ވަނީ ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން އުފެދި ހިނގަމުން އަންނަ ސިޔާސީ ޕާޓިތައް އުވާލުމާބެހޭ ގޮތުން، ޢަމަލުކުރަމުންގެންދާ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ވުޖޫދުގައިވާ ސިޔާސީ ޕާޓީއެއް އުވާލުމުގެ ފުރުޞަތު ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ފަހިކޮށްދެވިފައިވަނީ ވަރަށް ޚާއްޞަ ޙާލަތެއްގައި ކަމާއި، މި ޙާލަތްތަކުގެ ތެރޭގައި ހިމެނެނީ، ދައުލަތުގެ ދުސްތޫރީ ދެމިއޮތުމާއި، މިނިވަންކަމާއި ގުޅިފައިވާ މައްސަލަތަކާއި، ޤައުމުގެ ދުސްތޫރީ އޮނިގަނޑަށް ނުރައްކާތެރިވުމާއި، ނަސްލީ، އިޖްތިމާޢީ، ނުވަތަ ދީނީ ބައިބައިވުން އުފެއްދުން ފަދަ ސީރިއަސް މައްސަލަތަކުގައި ކަން ފާހަގަކުރާ ކަމަށާއި ނަމަވެސް، މި ބިލު ތަޞްދީޤު ކުރެވިއްޖެނަމަ، ތަސްދީޤު ކުރެވޭ ހިސާބުން ފެށިގެން އުވިގެންދާ ޕާޓީތައް އުވިގެންދަނީ، އެ ޕާޓީތަކުގެ އެއްވެސް އިހުމާލެއް ނެތި، އަދި ޤާނޫނީ އޮނިގަނޑަށް ފެއްތުމަށް އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުޞަތެއް އެ ޕާޓީތަކަށް ދިނުމެއް ނެތިކަމަށް ދައުލަތް ދެކޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ