އިންޑިއާގެ އަމަލުތަކާ ގުޅިގެން މާޔޫސްވެއްޖެ: ސްރީލަންކާ

ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ފަހު މަރުހަލާގައި ހިނގައިދިޔަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބަލައި ފިޔަވަޅު އެޅުމަށް ސްރީލަންކާ ސަރުކާރު ޒިންމާދާރު ކުރުވުމަށް ކަމަށް ބުނެ، އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ބައްދަލުވުމުގައި އިންޑިއާއިން ދިން ހަރުކަށި ބަޔާނާއި ގުޅިގެން ސްރީލަންކާ ސަރުކާރަށް ހައިރާންކަން ލިބުމުގެ އިތުރުން މާޔޫސްވެފައިވާ ކަމަށް ސްރީލަންކާ ސަރުކާރުން ބުނެފި އެވެ.
އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ ބައްދަލުވުމުގައި ސްރީ ލަންކާ ސަރުކާރާއި ދެކޮޅު ޤަރާރަށް ވޯޓަށް އެހުމުން އެ ޤަރާރަށް ތާއީދުކޮށް އިންޑިއާއިން ވެސް ވަނީ ވޯޓު ދީފަ އެވެ. އިންޑިއާގެ އެ އަމަލާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ދިފާއީ ވަޒީރު އަދި ރައީސް މަހިންދަ ރާޖަޕަކްސާގެ ކޮއްކޮ ގޮތަބަޔަ ރާޖަޕަކްސާ ވިދާޅުވީ، އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުގެ އެ ނިންމުމަކީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުން އައިސްފައިވަނީ، ސްރީލަންކާގެ ދާޚިލީ ހަނގުރާމައާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އެކަން ތަހުޤީޤުކުރަން ބޭނުންވާ އިންސާނީ ޙައްޤުތަކާއި ގުޅޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައި ވަނިކޮށް ކަމަށެވެ.
"އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން ސްރީލަންކާއާއި ދެކޮޅު ޤަރާރު ފާސްކޮށްފައިވަނީ ވަރަށް ވެސް ޒިންމާދާރުކަން ކުޑަކޮށް. ޤަރާރު ފާސްކޮށްފައިވަނީ، ދާޚިލީ ހަނގުރާމައިގެ ކަންކަން ތަހުޤީޤު ކުރަމުންދާ ފަރާތްތަކަށް އެއްބާރުލުން ސަރުކާރުން ދެމުން ދަނިކޮށް. އަޅުގަނޑުމެންވާނީ ކަމާ ގުޅުން ހުރި ހުރިހާ ލިޔެކިޔުންތައް ތައްޔާރުކޮށްފައި. މިކަމުގައި އިންޑިއާއިން ދެއްކި ވާހަކަތަކާއި މެދު ވަރަށް ބޮޑަށް މާޔޫސްވެއްޖެ،" ގޮތަބަޔަ ވިދާޅުވި އެވެ.
ގޮތަބަޔަ އިތުރަށް ވިދާޅުވީ، ސްރީލަންކާގެ ދާޚިލީ މައްސަލައަކާބެހޭ ގޮތުން އިންޑިއާއިން ގަދަ ބަސް ބުނާއިރު، އިންޑިއާގެ ދާޚިލީ ކަންކަން ހުރި ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. އަދި ވިދާޅުވީ، ސްރީލަންކާގެ މައްސަލައިގައި ވާހަކަ ދައްކާއިރު އިންޑިއާއިން ތެދު ހާމަކުރާނެ ކަމަށް އަބަދުވެސް ޤަބޫލު ކުރާ ކަމަށާއި، އަދި ބޭނުންވެއްޖެ ހިނދެއްގައި އެކަމުގެ ތެދު މައުލޫމާތާއި، ހެކި ފޯރުކޮށްދިނުމަށް ސްރީލަންކާއިން ތައްޔާރަށް އޮތް ކަމަށެވެ.
ސްރީލަންކާއާއި ދެކޮޅު ޤަރާރު އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލުން ފާސްކޮށްފައިވަނިކޮށް، އިންޑިއާގައި ތަމަޅައިންގެ އާބާދީ ބޮޑު ޓެމިލްނާޑޫގައި ވަނީ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާފަ އެވެ. އަދި އެ ކަންތައްގަނޑުގެ ތެރޭގައި ސްރީލަންކާގެ ދެ ފާދިރީއަށް ހަމަލާ ދީފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ