ފުވައްމުލައް ގިރުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ސަރުކާރެއްގައި ބޮޑު ހިލަ ތޮށި ލައި ދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ގާސިމް އިބްރާހިމް ވައުދުވެ ވަޑައިގެންފި އެވެ.
ޖޭޕީގެ ފުވައްމުލަކު ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ 1995 ވަނަ އަހަރުގެ ބަޖެޓްގައި ފުވައްމުލައް ގިރުމުގެ މައްސަލައަށް ހައްލު ހޯދަން ރޮކްބޯޑާ ތޮށިލުމަށް ފައިސާ ހިމެނި ވާހަކަ އެމަނިކުފާނު އަރިހުގައި ފުވައްމުލަކު އިސް ވެރިން ވިދަޅުވި ކަމަށާއި އެހެން ނަމަވެސް އެ ފައިސާ ކޮންމެވެސް ތަނެއްގައި ތާށިވެފައި ހުރީ ކަމަށާއި މިހާތަނަށް ވެސް ތޮށި ލެވޭ ގޮތެއް ނުވި ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ ބަޖެޓްގައި ޖަހައިގެން ފާސްކުރި ލާރި [ފައިސާ] ކޮންމެވެސް ތަނެއްގައި ތާށިވެފައި ހުރީއޭ. [އެހެން ނަމަވެސް] އަޅުގަނޑުމެންގެ ޕާޓީގެ ވެރިކަމެއްގައި އެކަން ކޮށްދެއްވާނަމޭ! [އިރާދަ ކުރެއްވިއްޔާ] މި އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން އެކަން ހިނގާނޭ އެ ފައިސާ އެބަހުއްޓޭ ކޮންމެވެސް ތަނެއްގައި ތާށިވެފައި. އެކަން [ތޮށި ލުމުގެ މަސައްކަތް] ހިނގާނެ،" ވޭތުވެދިޔަ ހަތަރު އަހަރުވެސް ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރުކަން ކުރެއްވި މަޖިލިސް މެންބަރު ވިދާޅުވި އެވެ. – 2013 އިގެ ނޮވެމްބަރު 11 ވަނަ ދުވަހަކީ އާ ސަރުކާރުގެ ރައީސުލް ޖުމްހޫރިއްޔާ ހުވާ ކުރައްވާ ދުވަހެވެ --
ގާސިމް ވިދާޅުވި އެންމެ ރަށެއްގެ މައްޗަށް އޮތް އަތޮޅަކީ ވަރަށް ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ރަށެއް ކަމަށާއި ރާއްޖޭގެ އެހެން ހުރިހާ ރަށަކާ ފުވައްމުލައް އެތައް ގޮތަކުން ތަފާތު ކަމަށެވެ. އެތަފާތު އޮތުމުން އިމާރާތް ކުރުމަށް ބޭނުންވާ ވެލި ހޯދުމުގައި ދައްޗާ ކުރިމަތިވެ ފުވައްމުލަކުގައި އިމާރާތް ކުރުމުގެ މަސައްކަތަށް ހީނަރުކަން އައިސްފައިވާ ކަމަށެވެ.
"މިރަށުގެ ރައްޔިތުން އިމާރާތް ކުރާނެ ވެލި ގެނެވޭނެ ގޮތެއް ނެތް! އަޅުގަނޑުމެން ސަރުކާރެއްގައި އިމާރާތް ކުރުމަށް މިރަށުގެ ރަޔިތުން ވެލި ހޯދުމަށް އުފުލާ ބުރަ ހައްލު ކޮށްދިނުމަށް ދައުލަތުން ސަބްސިޑީ ދޭނަން ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން."
ގާސިމް ވިދާޅުވީ އެއީ ކުރަން ޖެހޭ ކަމެއް ކަމަށާއި ސަބަބަކީ ފުވައްމުލަކަކީ ހާއްސަ ހާލަތެއް މެދުވެރިވެފައިވަ ރަށަކަށްވުން ކަމަށެވެ.
"މިހާރު އައްޑު އަތޮޅާއި ހުވަދު އަތޮޅާއި ލ. އަތޮޅުން، އެހާ ދުރުން ވަރަށް ބޮޑު އަގެއްގައި މިރަށުގެ 12000 އަށް ވުރެ ބޮޑު އާބާދީއަށް ވެލި ހޯދަނީ. އެހެން ނަމަވެސް އަޅުގަނޑު ކަށަވަރު ކޮށްދެނީ އިމާރާތް ކުރުމުގައި ދިމާވެފައި ދައްޗަށް ދައުލަތުގެ ތެރެއިން ހައްލު ހޯދައި ދެވޭނެކަން،" ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް ގާސިމް ވަނީ ފުވައްމުލަކަށް ބޭނުންވެފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލި އަޅުވާލައި ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ އެހެން ރަށްރަށާއި ހިލާފަށް އެ އަތޮޅަކީ ބިން ބޮޑު ކުރުމުގައި ލމިޓޭޝަންތަކެއް އޮތް އަތޮޅަކަށްވާތީ ރަށުގެ ބިން އިތުރަށް ގިރައިގެން ދިޔަ ނުދިނުމަށާއި ބިން ލިމިޓް ކުރުމަށް 4000 އަކަފޫޓުގެ ގޯތި ދިނުމުގެ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ފުވައްމުލަކުގައި ފްލެޓް ނިޒާމް ގެންނަން ޖެހޭ ކަމަށާއި ޖޭޕީ ވެރިކަމަށް އައިސްފިނަމަ ސަރުކާރުގެ ފުރަތަމަ އަހަރުގައި 1000 ފްލެޓް ފުވައްމުލަކުގައި އަޅުއްވާނެ ކަމަށެވެ.
ފުވައްމުލަކުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ގެސްޓް ހައުސް ވިޔަފާރގެ މައްޗަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ލޯނުގެ އިންތިޒާމެއް ޖޭޕީގެ ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށައި އަދި ބޭރު މީހުންނަށް ގެސްޓް ހައުސް މިލް ކުރުމުގެ ފުރުސަތު ހުޅުވާލައި ރާއްޖޭގެ ދެކުނާއި އުތުރުން ފުވައްމުލަކުގެ ގެސްޓް ހައުސްތަކުގެ ފަސޭހަކަށް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.
"މީގެ އިތުރުން މިރަށަކީ ކީރިތި ގުރުއާން ކިޔަވަން ދަސްކޮށްދިނުމާއި ގާރީން އުފެއްދުމާއި ގުރުއާން ހިތުދަސް ކޮށްދިނުމުގެ މަސަކަތް ފުޅާކޮށް ހިނގާ ރަށެއް. ރާއްޖޭގައި ގުރުއާނާބެހޭ ގޮތުން ބާއްވާ އެކި ބައްދަލުވުންތަކާއި އަދި ސަރުކާރުން އެކަމުގައި ކޮށްދެވޭނެ ކަންތައްތައް ކޮށް ދެވޭނެ. އަދި މިހާރު ހުރި ތަރައްގީ ފުޅާކޮށް ދުނިޔގޭ މުބާރާތްތަކުގައި ބައިވެރިވެ ރާއްޖޭގެ އެހެން ހިސާބުތަކުން ގުރުއާން ކިޔަވާން ފުވައްމުލަކަށް މީހުން ގެނެވޭނެ،" ގާސިމް ފުވައްމުލަކުގެ ރައްޔިތުންނަށް އުންމީދެއް ދެއްވި އެވެ.
ޖޭޕީގެ ފުވައްމުލަކުގެ ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރި އިރު މިރޭގެ ޖަލްސާގައި ފަހަކަށް އައިސް ސިޔާސީ ޕޯޑިއަމްތަކުގައި ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.
ޖޭޕީގެ ވެރިކަން ފަށާނީ ފުވައްމުލަކުގެ ތޮށިލުމުގެ މަސައްކަތާއެކު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ