ކަނޑުހުޅުދޫ ކުރީގެ ކުޑަކަތީބު އަރުވާލަން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

ގޯއްޗެއްގެ ރަޖިސްޓްރީ ހައްދައިދިނުމުގައި އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ގއ. ކަނޑުހުޅުދޫ ކުރީގެ ކުޑަކަތީބު ދެ އަހަރަށް އަރުވާލުމަށް މިދިޔަ ޑިސެމްބަރު މަހު ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. އެ ރަށު ބޮޑުމުދިމުގޭ މުސްތަފާ ހުސައިން ދެ އަހަރަށް އަރުވާލުމަށް ކަނޑުހުޅުދޫ ކޯޓުން މިދިޔަ ޑިސެމްބަރު މަހު ހުކުމްކުރީ 2007 ގައި އޭނާ ކުޑަކަތީބުގެ މަގާމުގައި ހުރެ ހިންގި އަމަލެއްގެ މައްސަލައެއް މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅުމުންނެވެ. މުސްތަފާ އަރުވާލަން ހުކުމްކުރީ އެ ރަށު ގޯއްޗެއްގެ ރަޖިސްޓްރީ ހައްދަން އެ ރަށު އޮފީހަށް ހުށަހެޅުމުން އެ ގޯތީގެ ފޫޓު އަޅައި މިން ބެލިއިރު ބިމުގައި ހުރި ބޮޑުމިނާއި ކުރީގެ ރެކޯޑްތަކުގައި ހުރި މިންތަކާ ދިމާނުވާއިރު އެ ކަމުގައި އަތޮޅު އޮފީހުގެ މަޝްވަރާ ނުހޯދައި، އެއީ ސައްހަ ލިޔުންތަކެއް ކަމަށް އަތޮޅު އޮފީހަށް އެންގި މައްސަލައިގަ އެވެ. ހައި ކޯޓުން އިއްޔެ ހުކުމުގައިވަނީ އެ އަމަލަށް މުސްތަފާ ޒިންމާވާން ޖެހޭނެ ކަމަށާއި އެހެންވެ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ. ހައި ކޯޓުގެ ހުކުމުން އެނގުނު ގޮތުގައި އެ މައްސަލަ ޖެހުނު ގޯއްޗަކީ މުސްތަފާގެ އަންހެނުންގެ ބައްޕަގެ ގޯއްޗެކެވެ. އަދި މުސްތަފާ ވެސް އޭރު ދިރިއުޅެމުން ދިޔައީ އެ ގޯތީގައި ކަމަށް ހައި ކޯޓުގެ ހުކުމުން ވަނީ ހާމަވެފަ އެވެ. ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން 5،000 އަކަފޫޓުގެ ގޯއްޗެއްގެ ގޮތުގައި އެރަށު އޮފީހުގެ ރެކޯޑްތަކުގައި އޮންނަ އެ ގޯތީގެ މިން ބެލިއިރު އެ ގޯއްޗަށް 2،743 އަކަފޫޓު އޮތީ އިތުރުވެފަ އެވެ. ނަމަވެސް އެ ގޯތީގެ ރަޖިސްޓްރީ ހެއްދުމަށް ހުށަހެޅި ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ކަމަށް އަތޮޅު އޮފީހަށް އެންގީ މުސްތަފާ އަށް އެ ކަންކަން އެނގިހުރެކަން އެނގޭ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ