އަލީ ވަހީދު އާއި މަހްލޫފްގެ މައްސަލައަށް ދައުލަތުން ހެކިން ހުށަހެޅައިފި

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު އާއި ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މައްޗަށް އަދުލަތުންކުރާ، ފުލުހުންނަށްގެ ދައުރަށް ހުރަސް އެޅިކަމުގެ ދައުވާއަށް ދައުލަތުގެ ފަރާތުން ހެކިން ހުށަހަޅައިފިއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު 11:00 ގައި އޮތް އަޑުއެހުމުގައި ހަތަރު ފުލުހަކު ހެކިންގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށަހެޅިއެވެ. އަދި ފަނޑިޔާރު ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހު އޮންނަ އަޑުއެހުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހަތަރު ފުލުހުންގެ ހެކިބަސް ނެގުން އޮންނާނެކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އަލީ ވަހީދު ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި އެފަރާތުން ފާހަގަކޮށްފައިވާ އިޖުރާއީ ނުކުތާއަށް ގޮތެއް ނިންމުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެހެންކަމުން މިމައްސަލައިގެ އަޑުއެހުންތައް އިހަށް މަޑުޖައްސާދިނުމަށް އެދޭކަމަށެވެ.
އަލީ ވަހީދުގެ ވާހަކައާ ގުޅިގެން ފަނޑިޔާރު ވިދާޅުވީ ހައިކޯޓުން މިމައްސަލައިގެ އަޑުއެހުންތައް މަޑުޖައްސަން އަމުރެއް ކޮށްފައި ނުވާކަމަށާއި އެހެންކަމުން އެފަދަ އަމުރެއް އަންނަންދެން ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މަހްލޫފް ވިދާޅުވީ މިމައްސަލަ އަވަހަށް ނިންމަވާދެއްވުން އެދޭކަމަށާއި ދައުވާކުރާ މިމައްސަލަ ކަންހިނގާދިއަގޮތް މިހާރު އެހާ ރަނގަޅަށް ހަނދާނެއްނެތްކަމަށާއި އެހެންކަމުން ދައުލަތުން ހެކި ހުށަހެޅުމުން އިތުރަށް އެކަމާއިމެދު ވާހަކަ ދައްކާނެކަމަށެވެ.
އަލީ ވަހީދުގެ މިމައްސަލައާއި ގުޅިގެން އޭނާގެ ގާނޫނީ ވަކީލު ހުސްނުއްސޫދު ނަންގަވާފައިވާ އިޖުރާއީ ނުކުތާއަކީ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) ގެ އޮފީހުން މައްސަލައެއް ގެންދިއުމަށްފަހު އަނބުރާ ހަމައެމައްސަލަ ކޯޓަށް ހުށަހެޅުމަކީ ޕީޖީއަށް ލިބިގެންވާ ބާރެއްނޫން ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިމައްސަލަ ބައްލަވާ ފަނޑިޔާރު ވިދާޅުވީ ގާނޫނު އަސާސީގެ 223 ވަނަ މާއްދާއިންނާއި ޕީޖީގެ ގާނޫނުން ޕީޖީއަށް މިމައްސަލަ ދެވަނަ ފަހަރަށް ހުށަހެޅުމުގެ ބާރު ލިބިގެންވާ ކަމަށެވެ. އަދި ޕީޖީ އޮފީހުން އެމައްސަލަ ގެންދެވިއިރު އަލީ ވަހީދު އާއި މަހުލޫފުގެ މައްސަލައެއް ނެތްކަމަށް ނިންމާފައި ނުވާކަމަށާއި އަދި އެދެބޭފުޅުނަށްވެސް އެބޭފުޅުން ކުށެއް ނުކުރާކަމަށް ސާބިތުކޮށްދީފައި ނުވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ