ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސެކިއުރިޓީގެ ކަންތައްތައް އަވަސް ގޮތެއްގައި ހަމަޖައްސަން ޖެހޭ ކަމަށާއި،މަޖިލީހުގައި ފުރަތަމަ މަސައްކަތް ކުރެވޭނީވެސް މެންބަރުންނަށް ލިބެންޖެހޭ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ލިބިގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުރައްކަލެއް ނެތް ކަމަށް ވިދާޅުވެ މަޖިލިސް މެންބަރުންނަށް ސެކިއުރިޓީ ދިނުން ހުއްޓާލާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖުމްހޫރީ ޕާޓީއަށް އަންގަވާފައިވާ ކަމަށެވެ.
ނަމަވެސް މެންބަރުންނަށް އެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރެއްވޭނީ ސަލާމަތާއި ރައްކާތެރިކަން ލިބިގެން ކަމަށްވާތީ މެންބަރުންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް ޑިފެންސް މިނިސްޓަރު ނާޒިމް އަރިހު ދަންނަވާފައިވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑު ޑިފެންސް މިނިސްޓަރަށް ގުޅާފަދެންނެވިން އަޅުގަނޑުގެ ޕާޓީގައި ތިބި މީހުންނަށް ވަގުތުން ސެކިއުރިޓީގެ ކަންތައްތައް ހަމަޖައްސާ ދިނުމަށް. ސެކިއުރިޓީ ތްރެޓެއް ނެތް ކަމަށް ވިދާޅުވެ އެމަނިކުފާނު ފޮނުވާފައިވާ ސިޓީއެއް އަޅުގަނޑުމެންނަށް ލިބުނު." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދަށް ވެސް ގުޅުއްވާ ސެކިއުރިޓީ ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވެސް އެކަމުގައި މެންބަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު އެދެން މެމްބަރުންނަށް ސެކިއުރިޓީގެ ކަންތައްތައް ހަމަޖައްސާލަދިނުމަށް. އެއީ ވަކި ބޭފުޅެއްގެ ޖީބުން ދެއްވާ އެއްޗެއް ނޫން. އެއީ ދިވެހި ދައުލަތުން ދިވެހި ރައްޔިތުންގެ ފައިސާއިން ދެއްވާ އެއްޗެއް" ގާސިމް ވިދާޅުވި އެވެ.
ގާސިމް މިއަދު ވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުންނަށް ދީފައިވާ ހަމަލާތަކަށް އިޝާރަތްކުރައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަފްރާޝީމް އަވަހާރަކޮށްލުމާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރަށާއި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއަށް ދެވުނު ހަމަލާ ގާސިމް ފާހަގަކުރެއްވި އެވެ.
މަޖިލީހުގައި ތިއްބާވާ ވަގުތުވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަޤީންކަމެއް ނުލިބޭ ހިސާބަށް ކަންތައްތައް ބޮއްސުންލައިގެން ދާ ކަމަށްވާނަމަ އެއީ ވަރަށް ހިތާމަ ހުރިކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައިދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވީ އޭނާއަށް ދިން ހަމަލާ މަޖިލީހުގެ އިދާރާއިން މިއަދާއި ހަމައަށް ވެސް ކުށްވެރިކޮށްފައި ނުވާތީ އެކަމާއި ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އިލްހާމް އަހްމަދު މިއަދު ވިދާޅުވީ އޭނާއަށް ދިން ހަމަލާއަކީ ސަރުކާރުން ރާވައިގެންދިން ހަމަލާއެއްކަމަށް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންގެ ދިފާއުގައި މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"މި މަޖިލީހުން އަޅުގަނޑަށް މިހެން މިދިމާވީ، މާދަމާ އަނެއްކާ މަޖިލީހުގެ އެހެން މެމްބަރަކު ދޭ ވޯޓަކާއި ގުޅިގެން މިކަން ދިމާވާނީ. ގާނޫނޫ އަސާސީގައި ލިޔެފައި ހުރީ މެންބަރުންނަށް ލިބެންޖެހޭ ހައްގުތަކާއި އިނާޔަތްތަކާއި ރައްކާތެރިކަން. މި މަޖިލީހުން އެންމެ ކުޑަމިނުން ބަޔާންގަނޑެއްވެސް ނެރެފައެއް ނުވޭ." އިލްހާމް ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހުގެ ރައީސް މަސީހު މިއަދު ވިދާޅުވީ މެންބަރު އިލްހާމަށް ހަމަލާދިން ރޭ ފަތިހު 4:30 ހާއިރު މަޖިލީހުގެ އަމީން އާންމު ގުޅުއްވާ އެ ހަބަރު ދެއްވުމުން އިލްހާމްގެ މޯބައިލް ފޯނަށް ގުޅުއްވާ އިލްހާމްގެ ހާލު ބެއްލެވި ކަމަށެވެ. ނަމަވެސް އިލްހާމްގެ ފޯނުން އިލްހާމަށް ލިބުނު ހަމަލާގެ މައުލޫމާތު ދެއްވީ އިލްހާމްގެ އަރިސް ބޭފުޅެއް ކަމަށް މަސީހް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއް ކަމެއް މަސީހު ވިދާޅެއް ނުވެ އެވެ.
އިލްހާމަށް ދިން ހަމަލާ މަޖިލީހުގެ ހުރިހާ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ ނަމުގައި ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވެސް މިއަދު ގެ ޖަލްސާގައި މަސީހް ވިދާޅުވި އެވެ.
މަޖިލީހުގައި މަސައްކަތްކުރެވޭނީ ސަލާމަތާ ރައްކާތެރިކަން ލިބިގެން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ