މިހާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ސިފައިންގެ އެހެން ބައެއް އޮފިސަރުން ކުރި ކަމަށް ބުނާ އަނިޔާތަކުގެ ބަދަލެއްގެ ގޮތުން 280 މިލިއަން ރުފިޔާ ހޯދުމަށް މީހަކު މިއަދު ސިވިލް ކޯޓަށް ދައުވާއެއް ހުށަހަޅައިފި އެވެ. 
އެމައްސަލަ ސިވިލްކޯޓަށް ހުށަހަޅާފައި ވަނީ ދަފްތަރު ނަންބަރު ރސ 6971 އީސާ މަސީހު (ބެކްބޯން މާހިރު) އެވެ. އަދި ސިވިލްކޯޓަށް އޭނާ ހުށަހެޅި މައްސަލާގެ ކޮޕީއެއް ވީނިުއސްއަށް ވަނީ ލިބިފައެވެ. 												
ރައީސް އޮފީހާ ދެކޮޅަށް އީސާ މަސީހު (ބެކްބޯން މާހިރު) ހުށަހަޅާފައިވާ މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައިވާ އިރު އެ މައްސަލާގައި ބުނެފައި ވަނީ މާރާމާރީއެއްގެ މައްސަލައެއްގައި ތުހުމަތުކުރެވިގެން ޖެނުއަރީ 19، 1995ގައި ހައްޔަރުކުރުމަށް ފަހު ފުލުހުންގެ ތަހުގީގުގައި އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އޭނާގެ މައިބަދަ ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް ދައުވާގެ ތަފްސީލުގައި ވެ އެވެ. 
މީގެއިތުރުން މަސީހުގެ ދައުވާގައި ބުނެފައި ވަނީ އޭނާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ޑިފެންސް މިނިސްޓްރީގެ އެހީގައި ސްރީ ލަންކާ އަށް ވެސް ދިޔަ ކަމަށާއި ނަމަވެސް ރަނގަޅުކުރެވިފައި ނުވާ ކަމަށެވެ. އަދި މަސީހަށް އަނިޔާކުރި ކަމަށް އޭނާ ތުހުމަތުކޮށްފައި ވަނީ އޭރު ސާޖެންޓަކަށް ހުންނެވި މިސަރާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ރައީސް ނަޝީދު ސަރުކާރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު މުނީރާއި އިސްމާއީލް އަތީފާއި އޭރު ސިފައިންގެ ސާޖެންޓެއް ކަމަށްވާ ޖާދުﷲ ނާޒިމްގެ އިތުރުން ލަތީފް ކިޔާ މީހެކެވެ. އޭނާ އަށް ކޮށްފައިވާ އަނިޔާތަކުގެ ތަފްސީލުތައް ވެސް މައްސަލައިގެ ދައުވާގައި ހިމަނާފައި ވެ އެވެ. އަދި އެއްވެސް ބޭސްފަރުވާއެއް ނުކޮށް 12 ދުވަހު ބަންދުގައި ބެހެއްޓި ކަމަށް ވެސް އޭނާ ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ވެ އެވެ. 
އަދި ލިބުނު އަނިޔާއާ ގުޅިގެން ބޭސްފަރުވާ ކުރުމަށް މަސީހު ކޮށްފައިވާ މަސައްކަތްތަކާ  ގުޅޭ ލިޔެކިއުންތައް ވެސް އޭނަ ކޯޓަށް މިއަދު ހުށައެޅި މައްސަލާގެ ލިޔެކިއުންތަކުގެ ތެރޭގައި ވަނީ ހުށަހަޅައިފައެވެ. 												
މީގެ 19 އަހަރު ކުރިން މަސީހަށް އަނިޔާކުރި މައްސަލާގެ ބަދަލު ހޯދުމަށް އެތައްފަހަރެއްގެ މަތިން މަސައްކަތް ކުރުމުން އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށް ވެސް ސިވިލްކޯޓަށް އޭނަ ހުށަހެޅި މައްސަލާގައި ބުނެފައި ވއެވެ. އަދި ގިނަ އަހަރު ތަކެއް ވަންދެން އިނގިރޭސި ވިލާތުގެ ހިމާޔަތުގައި އުޅެން ޖެހުނު ކަމަށް ވެސް މަސީހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވެއެވެ.
    
    އުމަރު އަނިޔާކުރި ކަމަށް ބުނެ 280 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ